ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، 2-1 ގެ ނަތީޖާއަކުން ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން ޕްރެޒިޑެންސް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
މިއީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ ބުރުން މި ޑިވިޝަނުގައި ހޯދި ފުރަތަމަ މޮޅެވެ. ބުރުން ފުރަަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އެކަމަކު، މިރޭގެ ނަތީޖާއާ އެކު ޓީސީ ކަޓައި، މި ގްރޫޕުން ބުރާއި މާޒިޔާ މި ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
މާޒިޔާ އަތުން ބުރު މޮޅުވުމާ އެކު މި ގްރޫޕުގެ ކޮންމެ ޓީމަކަށް ލިބެނީ ތިން ޕޮއިންޓެވެ. މާޒިޔާ އިން 2-0 އިން ޓީސީ ބަލިކުރިއިރު، ޓީސީ އިން ވަނީ 1-0 އިން ބުރު ބަލިކޮށްފަ އެވެ. ޕޮއިންޓާއި ހެޑް-ޓު-ހެޑަށް ބަލާއިރު ތިން ޓީމު އެއްވަރުވެ، ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ މާޒިޔާ އަށެވެ. އެ ޓީމަށް އެއް ވަނަ ލިބުނުއިރު ގްރޫޕްގެ ދެ ވަނަ ލިބުނީ ބުރަށެވެ.

ބުރުގެ މުހައްމަދު ސާމިރު (ކ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މި މެޗަށް މާޒިޔާ އިން ނިކުތީ ހަތަރު ބަދަލަކާއެކުގަ އެވެ. މިގޮތުން އެ ޓީމުގެ ސަމޫހު އަލީ (ސަމުއްޓެ) ހަސަން ޝިފާޒް (ޑުންގާ)، ހަސަން ނަޒީމް (ޗޯޓު) އަދި ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި މި މެޗުގައި ކުޅުނީ ލިތުއޭނިއާގެ ޑިފެންޑަރު އެޑްގަރާސް ޒާސްކިސް، ހުސައިން ސިފާއު (ކުރޯ)، ނާއިޒް ހަސަން (ދާދު) އަދި ކީޕަރު ހުސައިން ޝަރީފް (ހުސެން) އެވެ.
މެޗު ފަށައިގެން ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނީ މާޒިޔާ އަށެވެ. އަރިމަތިން ދާދު ނަގައިދިން ހުރަސް ބުރުގެ ޑިފެންޑަރުންނަށް ދިފާއު ނުކުރެވިގެން އުޅެނިކޮށް އެ ބޯޅަ ލިބުނީ ފޯވާޑް ސްޓެފާން މިހަލޮވިޗަށެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ދިފާއުކުރީ ބުރުގެ ޑިފެންޑަރު ސާއިފް އެވެ.
މާޒިޔާ އިން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް މުޅި ފުރަތަމަ ހާފަށް ބަލާއިރު ހުސް ފުރުސަތެއް އެޓީމަށް ނުލިބެ އެވެ. މިޑްފިލްޑަރު މުހައްމަދު އައިސަމް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ދެ ބޯޅައެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅައެއް ކީޕަރު ޝައިހާން އަލީ ދިފާއު ކުރި އެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ބުރުން ލީޑް ނެގީ 41 ވަނަ މިނެޓުގަ އެވެ. މިއީ މާޒިޔާގެ ޑިފެންޑަރު އެޑްގާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ބުރުގެ ފަހަތުން ލިބުުނު ބޯޅައަކާ އެކު ކުރިއަށް އަރައި އަހުމަދު އުސާމާ ތިރިތިރިން ނަގައިދިން ހުރަސް އެޑްގާގެ ފައިގައި ޖެހިފައި ވަނީ ގޯލުގެ ކައިރި ކަނަށެވެ.
މި ހާފު ނިމުމުގެ ކުރިން މާޒިޔާގެ ފޯވާޑް ސްޓެފާން ފޮނުވާލި ހަމަލާއެއް ކީޕަރު ޝައިހާން ދިފާއުކުރި އެވެ. ކައުންޓާ އެޓޭކުގައި ލިބުނު ބޯޅައަކުން ސްޓެފާން ފޮނުވާލި ހަމަލާ ތިރީ ކަނަށް ދަނިކޮށް ކީޕަރު ޝައިހާން ވަނީ ކޯނަރަކަށް އެ ބޯޅަ ބޭރުކޮށްލައިފަ އެވެ.

މާޒިޔާގެ އައިސަމް (ވ) ބުރުގެ ސާއިފް އާއި ފާރޫގު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މާޒިޔާ އިން ދެ ވަނަ ހާފަށް ނިކުތީ މިޑްފިލްޑަރު ޚަލީލް ގަމާލްގެ ބަދަލުގައި އެލްޑާ ހަސަނޮވިޗް ކުޅެން އަރުވައިގެންނެވެ.
ހާފުގެ ފެށި ގޮތަށް މާޒިޔާއިން ބުރުގެ ގޯލަށް ނުރައްކާ ކުރި އެވެ. މިގޮތުން ލިބުނު ކޯނަރެއްގައި އައިސަމް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް އެ ބޯޅަ ދިފާއުކުރީ މުހައްމަދު ސާމިރު އެވެ.
ކޯނަރުތަކާއި ހިލޭ ޖަހުންތަކުން މާޒިޔާއިން ނުރައްކާ ކުރަމުން ގޮސް މެޗުގެ 55 ވަނަ މިނެޓުގައި ގޯލެއް ވެސް ޖެހި އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ގޯލު ކުރިމައްޗަށް ހުރަސްވެގެން އައި ބޯޅަ ސާބިއާގެ ފޯވާޑް ސްޓެފާން ބޮލުން ޖަހާ ގޯލަށް ވައްދާލި އެވެ. ނަމަވެސް ރެފްރީ ނިންމީ އޭގެ ކުރިން މާޒިޔާގެ ކުޅުންތެރިން އޭރިއޭ ތެރެއިން ކީޕަރު ޝައިހާން އަށް ފައުލްކުރީ ކަމަށެވެ.
މާޒިޔާ އިން ކުރިއަށް ޖެހިލައިގެން ކުޅުނު ދަނޑިވަޅުގައި ބުރުން ދިޔައީ ކައުންޓާ އެޓޭކުގައި ރަނގަޅު ފުރުސަތެއް ހޯދަމުންނެވެ. މި ގޮތުން ފުރަތަމަ ހާފުގައި ބުރުގެ ކެޕްޓަން އަލީ ހަމަދާން އަށް ލިބުނު އަނިޔާއަކަށް އޭނާގެ ބަދަލުގައި ކުޅެން އެރި އައްމަޑޭ އަށް ބުރުގެ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލްކޮށްފައި މަޒީޔާގެ ކުރޯ ކައިރިން ނައްޓާފައި ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
އޭގެ ކުރިން ލިބުނު ހިލޭ ޖެހުމެއްގައި މުހައްމަދު ތަސްނީމް (ތައްތި) ފޮނުވާލި ބާރު ހަމަލާއެެއް ގޯލުގެ މަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، ކައުންޓާ އެޓޭކުގައި ލިބުނު ބޯޅައަކުން ތައްތި ފޮނުވާލި ހަމަލާ ކީޕަރު ހުސައިން ދިފާއުކުރި އެވެ.
މެޗުގެ 63 ވަނަ މިނެޓުގައި މާޒިޔާ އިން ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. މި ފަހަރު ވެސް ލިބުނު ކޯނަރަކުން ހަމްޒާ ނަގައިދިން ބޯޅަ ސްޓެފަން ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

ބުރުގެ ފަހަތަށް ކުޅޭ ސާއިފް (ވ) ކައިރިން މާޒިޔާގެ ހަންނަ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އޭގެ ފަހުން މިޑްފިލްޑަރު އައިސަމް އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަހުން އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އައިސަމް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މާޒިޔާ ކީޕަރު ހުސައިން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބުރުން ލީޑު ފުޅާކުރީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. އަރިމަތިން އުސާމާ ނަގައިދިން ހުރަސް ހިފަން އުޅުމުގެ ތެރޭގައި އެ ބޯޅަ ލިބުނީ އެރިއާ ތެރޭގައި ހުސްކޮށް ހުރި ޝާވިން އަށެވެ. ގޯލު ރޮނގުމަތީގައި ހުރި ޝާވިން ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
ބުރުން ދެ ވަނަ ގޯލު ޖެހިތާ ދެ މިނެޓު ފަހުން މާޒިޔާއިން ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. ހަންނަ އަށް ބުރުގެ މުހައްމަދު ސާއިފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް މި ގޯލު ޖަހައިދިނީ މިޑްފިލްޑަރު އައިސަމް އެވެ.
ފަހު ވިހި މިނެޓުގައި މާޒިޔާއިން ގޯލެއް ޖެހުމަށްޓަކައި ކުރިއަށް ބަދަލުތަކެއްވެސް ގެނަ އެވެ. މިގޮތުން އަލީ ފާސިރު (ސެންޓޭ) އަދި ޗޯޓު ވެސް ކުޅެން އެރުވި އެވެ. އެ ޓީމަށް ނުރައްކާތެރި ބޯޅަތައް ގިނައިން ފޮނުވާލެވުނީ ލިބުނު ހިލޭ ޖެހުންތަކާ ކޯނަރުތަކުންނެވެ. މިގޮތުން މުހައްމަދު އިރުފާން (އިރޭ) ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އައިސަމް ފޮނުވާލި ބޯޅަ ކީޕަރު ޝައިހާން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ބުރުގެ އުސާމާ އާއި ނާއިމް ކައިރިން ބޯޅަ ހިފައިގެންދާން މާޒިޔާގެ ނަޒީމް މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗުގެ އިތުރު ވަގުތުގައި ވެސް ހަންނަ ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. އޭރިއާ ބޭރުގައި ހުރެފައި ރާއިފް ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މިއީ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް އެ ޓީމު ގޮވައިގެން ލިބުނު ރަނގަޅު މޮޅެކެވެ. ފުރަތަމަ ޑިވިޝަނުގައި ބުރުން ކުރިއަށްދާން ބަލާއިރު، މި މެޗުން މޮޅުވެވޭނެ ކަމަށް މެޗުގެ ކުރިން ވެސް ނިޒާމްބެ ބުނެފައިވެ އެވެ. އެ އިތުބާރާ އެކު ބުރުން މި ހޯދީ އެ ކްލަބްގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭނެ މޮޅެކެވެ.
އަނެއްކޮޅުން، މިއި މާޒިޔާގެ ކޯޗު ބަލްގޭރިއާގެ އިވާން ކޮލޭވްގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.












