ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލޭ ވެޓްރަންސް ކުލަބުން މިއަދު ދިފާއުކޮށްފިި އެވެ.
އެފްއޭއެމް ވެޓްރަންސް ލީގުގެ ނަމުގައި ކުރިއަށްދިޔަ މުބާރާތުގެ މި ފަހަރުގެ ފައިނަލް މެޗު ހުޅުމާލެ ވެޓްރަންސް ކާމިޔާބުކުރީ ދަ ގްރާންޑޭ އަތުން 5-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު ހުޅުމާލެ ވެޓްރަންސް ޓީމުން ކާމިޔާބުކުރީ މޯލްޑިވްސް ސޮކަ މޭޓްސްއާ ވާދަކޮށް 1-0 އިންނެވެ. ސޮކަ މޭޓްސް މި އަހަރު ކެޓީ ސެމީ ފައިނަލުގައި ހުޅުމާލެ ވެޓްރަންސް އަތުންނެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލު މެޗު ފަށަައިގެން މާ ގިނައިރުތަކެއް ނުވެ ހުޅުމާލެ ވެޓްރަންސް ޓީމުން ލީޑު ނެގި އެވެ. މި ގޯލު މެޗުގެ 11 ވަނަ މިނެޓުގައި ހުސައިން ޝީމާޒް (ކޮކީ) ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ އަހުމަދު ގިތުރީސް (ގިތޫ) އެވެ.
ހުޅުމާލޭ ވެޓްރަންސް އިން ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ދަ ގްރާންޑޭ އިން އެއްވަރުކުރި އެވެ. މިއީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ގޯލަށް ފޮނުވާލި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ހުޅުމާލޭ ވެޓްރަންސްގެ ގޯލުގައި ހުރި ހަސަން ރަމީޒް (ޓިމޯ) އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައަކަށްވާތީ ރެފްރީ ނިންމީ މިއީ އައްލޯ ޖެހި ގޯލެއްކަމަށެވެ.
ދަ ގްރާންޑޭގެ ގޯލަށްފަހު ހުޅުމާލޭ ވެޓްރަންސް އިން ދިޔައީ ފުލުފުލުގައި ހަމަލާތައް ފޮނުވާލަމުންނެވެ. މިގޮތުން އަހުމަދު ނާޒް (އާކޭ) އާއި ކޮކީ، އަދި އަހުމަދު ނިޔާޒު ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.
ލީޑު ނެގުމަށް ހުޅުމާލޭ ވެޓްރަންސް އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އާކޭ ދިން ބޯޅައަކުން މިގޯލު ޖަހައިދިނީ އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ.

ލަނޑު ޖެހުމަށް ފަހު ހުޅުމާލެ ވެޓަރަންސް ޓީމުގެ މަޖިއްޓެ (ކ) އާއި ގިތޫ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ މަޖިއްޓެ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.
ދެ ގޯލުގެ ލީޑެއްގައި ހުޅުމާލޭ ވެޓްރަންސް އޮއްވައި ދަ ގްރާންޑޭއަށް ފަރަގު ކުޑަކޮށްދިނީ އަހުމަދު ޝަކީބް އެވެ. އޭރިއާ ރޮނގުމަތީގައި ހުރެފައި ޝަރީފް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ ފަހުކޮޅު ހުޅުމާލެއިން އިތުރު ދެ ގޯލު ޖަހައި ޗެމްޕިއަންކަން ޔަގީންކުރި އެވެ. އެ ޓީމްގެ ހަތަރު ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން އަހުމަދު ނިޔާޒް ޖަހައިދިންއިރު، ފަހު ގޯލު ޖަހައިދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގިތޫ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ދަ ގްރާންޑޭގެ އަހުމަދު ޝާކީބް އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމް ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން އަހުމަދު ހޯދިއިރު، ފެއާ ޕްލޭ ޓީމަށް ހޮވުނީ މޯލްޑިވްސް ސޮކަ މޭޓްސް ވެޓްރަންސް އެވެ.












