ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ރޯދަ މަހު ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓަރަންސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ދަތުރުކޮށްފި އެވެ.
ހުޅުމާލެ ވެޓަރަންސް އިން ވަނީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) 1-0 އިން ބަލިކޮށްފަ އެވެ. މިދިޔަ އަހަރު ފައިނަލުގައި ވެސް ހުޅުމާލެ ވެޓަރަންސް އިން ވަނީ ހަމަ މި ނަތީޖާ އިން ސޮކަ މޭޓްސް ބަލިކޮށްފަ އެވެ.
މިއަދު ހަވީރު ކުޅުނު އަނެއް ސެމީ ފައިނަލުގައި، ކ. މާފުށީ ޓީމެއްގެ ގޮތުގައި އޮތް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ ފޯރިގަދަ މެޗަކަށް ފަހު 3-2 އިން ހުއްރިއްޔާ ވެޓަރަންސް ޓީމު (ހުރާ) ބަލިކޮށްފަ އެވެ.

ހުޅުމާލެ ވެޓަރަންސްގެ ކުޑައްޓޭ (ކ) ކައިރިން ސޮޮކަ މޭޓްސްގެ ރޮނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ވިއްސާރައިގެ ތެރޭގައި ފަށައިގެން ކުޅެން ޖެހުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ފިޒިކަލް ފުޓްބޯޅަ އެކެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ހުޅުމާލެ ވެޓަރަންސް ޓީމަށް ޖަހައިދިނީ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅުނު އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަދަލަކަށް ކުޅެން އެރި މަޖިއްޓެ މެޗުގެ 19 ވަނަ މިނިޓްގައި ހުސްކޮށް އަރައި، އޭރިއާތެރެއިން އެ ބޯޅަ ގޯލަށް ފޮނުވާލީ ސޮކަ މޭޓްސްގެ ގޯލުގައި ހުރި އިމްރާން މުހައްމަދު ކައިރިން ނައްޓައިފަ އެވެ. ހުޅުމާލެ ވެޓަރަންސް ޓީމުގެ ހުސެއިން ޝިމާޒް (ކޮކީ) ދިން ބޯޅައަކަށް އަރައި މަޖިއްޓެ މި ގޯލު ޖެހިއިރު، ސޮކަ މޭޓްސްގެ ޑިފެންޑަރަކު ވެސް ހުއްޓެވެ.
ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރަން ސޮކަ މޭޓްސް އިން ވަނީ އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން ސޮކަ މޭޓްސްގެ ކުރިއަށް ކުޅުނު އާދަމް ލަރީފް (ރޮނާ) އާއި އެ ޓީމުގެ ކެޕްޓަން، އައްސަދު އަބްދުލް ގަނީ ބައިވެރިވެގެން ކުރި އެޓޭކްތަކުގައި ފޮނުވާލި ބޯޅަތަކުގެ ހުރަހަކަށްވީ ހުޅުމާލެ ވެޓަރަންސް ގޯލުގައި ހުރި ކީޕަރު ހަސަން ރަމީޒް (ޓިމޯ) އެވެ.

ދަ ގްރާންޑޭގެ ދެ ކުޅުންތެރިން ކައިރިން ހުރާގެ ހުސްނީ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
ޓާފް ދެ ނަމްބަރު ދަނޑުގައި ކުޅުނު އަނެއް ސެމީ ފައިނަލްގައި ދަ ގްރާންޑޭ އިން ވަނީ އެ ޓީމުގެ ކެޕްޓަން، އިބްރާހިމް ޝަރީފް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ހުރާގެ ކެޕްޓަން މައުސޫމް އަބްދުލް ގަފޫރު (މާސޭ) ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްދީފަ އެވެ.
ދަ ގްރާންޑޭ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ އަލީ ނާޝިދު ނެގި ހުރަހަަކުން ވަން ގޯލަކުންނެވެ. އަދި އޭގެ ފަހުން ދަ ގްރާންޑޭ ޓީމުގެ ހުސެއިން ޝަރީފް ވަނީ އިތުރު ގޯލެއް ޖަހައި، ދެ ގޯލުގެ ލީޑެއްނަގައިދީފަ އެވެ. ހުރާގެ ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން ހުސެއިން ނަސީރު ޖެހި ގޯލެކެވެ.
ވެޓަރަންސް މުބާރާތުގެ ފައިނަލުގައި ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓަރަންސް ކުޅޭ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.












