މީގެ ތިން އަހަރު ކުރިން ތެހްރާންގެ މަތިން ޔޫކްރެއިންގެ ޕަސެންޖަރު ބޯޓެއް ވައްޓާލި މައްސަލައާ ގުޅިގެން އިރާން ސިފައިންގެ 10 މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އިރާނުގެ ޖުޑީޝަރީގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން ކޮމާންޑަރަކު 10 އަހަރަށް ހުކުމްކުރި އިރު، ބާކީ ނުވަ މީހުންނަށް ކުރީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ހުކުމެވެ.
ޖެނުއަރީ، 8، 2020 ގައި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް752 އަށް ހަމަލާ ދިނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިންނެވެ.
ތެހްރާނުން ބޯޓު ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަލާ ދިނުމުން ބިން މައްޗަށް ވެއްޓި އޭގައި ތިބި 176 މީހުން މަރުވި އެވެ. އެ ފްލައިޓުގައި ގިނައިން ތިބީ އިރާންގެ ރައްޔިތުންނެވެ. އެހެން ނަމަވެސް ކެނެޑާ، ޔޫކްރެއިން، އިނގިރޭސިވިލާތް އަދި އަފްގާނިސްތާނުގެ ރައްޔިތުން ވެސް ތިއްބެވެ.
ބޯޓު ވެއްޓިގެން ތިން ދުވަސް ފާއިތުވީ އިރު، އެކަމުގެ ޒިންމާ އުފުލަން އިރާނުން ދެކޮޅު ހެދި އެވެ. އެކަމަކު ފަހުން ބުނީ އެއީ "ހެދުނު ބޮޑު އޮޅުމެއް" ކަމަށެވެ.
ބޯޓަށް ހަމަލާ ދިނުމުގެ ގަޑިއިރުތަކެއް ކުރިން އިރާނުން ވަނީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތައް ލޯންޗުކޮށްފަ އެވެ،
އެއީ އެމެރިކާއިން ދިން ހަމަލާއެއްގައި އިރާނުގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައި ވާތީ އެކަމުގެ ބަދަލު ހިފުމަށް ލޯންޗުކުރި މިސައިލްތަކެކެވެ.










