ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ އެފްއޭއެމް ސްޓެލްކޯ ވެޓެރަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު މެޗުތަކުން މޮޅުވެ، މިދިޔަ ފަހަރުގެ ފައިނަލުގައި ކުޅުނު ހުޅުމާލެ ވެޓަރަންސް އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހިއްޖެ އެވެ.
ސޮކަ މޭޓްސް އިން ވަނީ މިއަދު 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓަރަންސް އިން ވަނީ ޕޮލިސް ކްލަބް އަތުން 2-1 އިން މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ ވެޓަރަންސް ލީގުގެ ފައިނަލުގައި ސޮކަ މޭޓްސް އަތުން ހުޅުމާލެ ވެޓަރަންސް މޮޅުވީ 1-0 އިންނެވެ.
މި ފަހަރުގެ ވެޓަރަންސް ލީގުގެ ސެމީ ފައިނަލް މެޗުތައް އޮތީ އަންނަ އަންގާރަ ދުވަހުގެ ހަވީރު އެވެ. އެ ގޮތުން، އެއް ސެމީގައި ހުއްރިއްޔާ ވެޓަރަންސް ޓީމު ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މުބާރާތުގައި ކުޅޭ ދަ ގްރާންޑޭ އަކީ ކ. އަތޮޅު މާފުށްޓަށް ނިސްބަތްވާ ޓީމެކެވެ. އެހެންކަމުން، މިއީ ކ. އަތޮޅުގެ ދެ ރަށެއްގެ ވާދަވެރިކަން ފެނިގެންދާނެ މެޗެކެވެ.

ސޮކަ މޭޓްސްގެ އަނިލް (ކ) ބުރު ސްޕޯޓްސް ކްލަބްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
އަނެއް ސެމީގައި ކުޅޭ ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓަރަންސް އަކީ މުބާރާތުގެ ދެ ފޭވަރިޓުންނެވެ. ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓަރަންސް އަކީ މި ފަހަރުގެ މުބާރާތުގައި ބަލިނުވެ އޮތް ހަމައެކަނި ތިން ޓީމުގެ ތެރެއިން ދެ ޓީމެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ކޮޅަށް ސޮކަ މޭޓްސް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 12 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، އައްސަދު އަބްދުލް ގަނީ އެވެ.
އޭރިއާތެރެއިން ބުރުގެ ކުޅުންތެރިންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅައެއް ދެ ވަނަ ފަހަރު ޖަހަން އައްސަދު އަށް ލިބުނު ވަގުތު އޭނާ ވަނީ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ވައްޓާލައިފަ އެވެ. ސޮކަ މޭޓްސް އިން ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ހޯދި މި މެޗުގައި އެ ޓީމަށް ދެ ވަނަ ގޯލެއް ނުޖެހުނެވެ. އެކަމަކު، ރަނގަޅަށް ޑިފެންސްކޮށް ވަނީ ނަތީޖާ ނެރެފަ އެވެ.
ޓާފް ދެ ނަމްބަރު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ހުޅުމާލެ އިން ލީޑުނެގީ ފުރަތަމަ ހާފުގެ ފަހު ކޮޅުގަ އެވެ. އެ ގޮތުން، އޭރިއާތެރެއިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަށް ހުސްކޮށް އަރައި، ހުޅުމާލެ ވެޓަރަންސް ޓީމުގެ ކެޕްޓަން، އިސްމާއިލް މުހައްމަދު (އިއްސެ) ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޕޮލިހުގެ އާތިފް (ވ) އަތުން ބޯޅަ ހޯދަން ހުޅުމާލެ ވެޓަރަންސްގެ އިއްސެ މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފުރަތަމަ ހާފުގެ ކުރީކޮޅުގައި ލީޑުނަގަން ޕޮލިހަށް ރަނގަޅު ފުރުސަތުތަކެއް ލިބި ދިޔައީ ބޭނުން ނުކުރެވި އެވެ. އެންމެ ރަނގަޅު ފުރުސަތު ލިބުނީ މަހުމޫދު ޒަމީމް އަށެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، ހުޅުމާލެ ވެޓަރަންސް ޓީމުން ވަނީ ލަސްތަކެއް ނުވެ، ލީޑުފުޅާކޮށްފަ އެވެ. އެ ގޮތުން، އެ ޓީމުގެ ހުސެއިން ޝިމާޒް (ކޮކީ) ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް ވަނީ ޕޮލިހުގެ ކީޕަރު ނައުފަލް އީސާ އަތުގައި ޖެހިފަ އެވެ.
ޕޮލިހަށް މި މެޗުގައި ގޯލު ޖަހައިދިނީ ޒަމީމް އެވެ. މިއީ ހުޅުމާލެ ވެޓެރަންސް ޓީމުގެ ގޯލްކީޕަރު، ހަސަން ރަމީޒް (ޓިމޯ) އަށް ފައުލުކޮށްފައި ކަމަށް ބުނެ، އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަމަށް ނިންމުމަށެވެ. އެކަމަކު، އޭގެ ފަހުން، ޕޮލިހުން ހިލޭ ޖެހުމަކުން ހުރަސްކޮށްގެން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ކަނޑައަޅައިފަ އެވެ.
ސެމީ ފައިނަލް މެޗުތައް އަންގާރަ ދުވަހު ކުޅުމަށް ފަހު، ފައިނަލް މެޗު ޝެޑިއުލްކޮށްފައި އޮތީ މި މަހު 20 ވަނަ ދުވަހު ހަވީރަށެވެ.












