ޕަސެންޖަރުން ގޮވައިގެން ސޫދާނުން ސައުދީ އަރަބިއްޔާއަށް ފުރަން ތައްޔާރުވަމުން ދިޔަ ފްލައިޓަކަށް ހަމަލާ އަމާޒުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
ސައުދިއާ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އެއާބަސް އޭ330 ބޯޓަށް ހަމަލާ އަމާޒުވި އިރު އޭގައި ޕަސެންޖަރުންނާއި ކްރޫން ވެސް ތިބި ކަމަށެވެ.
"ފްލައިޓްގެ ކެބިން ކްރޫގެ ގޮތުގައި ހިމެނޭ ހުރިހާ މެމްބަރުން ރައްކާތެރިކަމާ އެކު ސައުދީ އެމްބަސީއަށް ގެންދެވުނު،" އެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން ސޫދާންގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރުމަށާއި ހުރިހާ ޝެޑިއުލް ދަތުރުތައް ކެންސަލް ކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކެބިން ކްރޫ ރައްކާތެރިކަމާ އެކު އެމްބަސީއަށް ދިޔަ ކަމަަށް ބުނި ނަމަވެސް، ފްލައިޓުގައި ތިބި ޕަސެންޖަރުންނަށް ވީ ގޮތެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
ސޫދާންގެ ސިފައިންނާއި ވަކިން ހަރަކާތްތެރިވާ އަސްކަރީ ގްރޫޕަކާ ދެމެދު ހަމަލާ ބަދަލުކުރަން ފެށީ ހޮނިހިރު ދުވަހު އެވެ. ޑޮކްޓަރުން ބުނީ އާއްމުންގެ ތިން މީހުން މަރުވެފައިވާ ކަމަށެވެ.
ސިފައިންނާ ދެކޮޅަށް ހަމަލާދޭ ރެޕިޑް ސެކިއުރިޓީ ފޯސާޒް (އާރްއެސްއެފް) އިން ބުނީ ރިޔާސީ ގަނޑުވަރާއި، ސިފައިންގެ ވެރިޔާގެ ރަސްމީ ގެކޮޅާއި ހާރްތޫމް އެއާޕޯޓު ހިފާފައިވާ ކަމަށެވެ.










