ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ އެފްއޭއެމް ސްޓެލްކޯ ވެޓެރަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗުން މޮޅުވެ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ހުއްރިއްޔާ ވެޓެރަންސް ޓީމް (ހުރާ) އިން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ދަ ގްރާންޑޭ އިން މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި ނިއު ބަލިކުރީ 3-1 އިންނެވެ. ލަނޑެއް ނުޖެހި 0-0 އިން ސިފައިންނާއި ހުރާގެ މެޗު އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން ހުރާ މޮޅުވީ 3-1 އިންނެވެ.
ކ. މާފުށްޓަށް ނިސްބަތްވާ ގްރާންޑޭ ޓީމުން ސެމީ ފައިނަލުގައި ހުރާއާ ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ވެސް ދަ ގްރާންޑޭ އިންނެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވި ނަމަވެސް ދެ ވަަނަ ހާފުގައި ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ކޯނަރެއްގައި ނިއުގެ ކުޅުންތެރިންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅަ ހޯދައި ދަ ގްރާންޑޭގެ ކެޕްޓަން، އަހުމަދު ޝަކީބް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ނިއު އިން އެއްވަރުކުރީ ޕެނަލްޓީ އަކުން ލިބުނު ފުރުސަތެއްގަ އެވެ. ނިއުގެ މުހައްމަދު ނިޒާމް (ތޮއްޑޫ) ޖެހި ޕެނަލްޓީ ގްރާންޑޭގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ތޮއްޑޫ ވަނީ ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގްރާންޑޭ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ވެސް ޝަކީބު އެވެ. އޭނާ މި ލަނޑު ޖެހީ ނިއުގެ ކީޕަރު އިސްމާއިލް ޒަރިޔަންދު ކައިރިން ނައްޓާފައި ގޮހެެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތު ތެރޭގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން، ދަ ގްރާންޑޭގެ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ވަނީ ގޯލެއް ޖަހައިފަ އެވެ.

ނިއުގެ ތޮއްޑޫ ނިޒާމް (ކ) އޭރިއާތެރެއިން ދަ ގްރާންޑޭގެ ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
ޓާފް ދެ ނަމްބަރު ދަނޑުގައި ސިފައިންނާއި ހުރާ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނުއިރު، ހުރާ އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލައިފަ އެވެ. ހުރާ އަށް ކާމިޔާބުނުވީ އަހުމަދު ސަމާއު (ސަމަރު) ޖެހި ޕެނަލްޓީ އެވެ. އެ ޓީމުން، ހުސެއިން ނަސީރު، ހަސަން ނަދީމް އަދި މައުސޫމް އަބްދުލް ގަފޫރު (މާސޭ) ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.
ސިފައިންގެ ޓީމުގެ މުހައްމަދު ވާސިފް ޖެހި ޕެނަލްޓީ ކާމިޔާބުވި ނަމަވެސް ދެން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބެއްނުވި އެވެ. ދެ ޕެނަލްޓީއެއް ހުރާ ކީޕަރު ނަސީހު މަތަކުރި އެވެ. ސިފައިންގެ އަހުމަދު ފަޒާލް ޕެނަލްޓީ ޖަހަން ދިއުމަށް ފަހު ރެފްރީއާ ބޭއަދަބީ ބަހުން މުއާމަލާތުކޮށްފައިވާތީ، ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައިފަ އެވެ.
ވެޓަރަންސް ކަޕްގެ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. އެ ގޮތުން، ކުއާޓާގެ އެއް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އަދި ކުއާޓާ ފައިނަލްގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓަރަންސް ސްޕޯޓްސް ކްލަބް ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. ކުއާޓާ ދެ މެޗު ވެސް ފަށާނީ 16:30 ގަ އެވެ.












