މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެލެންސިއާ އިން ކުޅުނު ފުރަތަމަ މެޗުގައި މި އަހަރު އެ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނަށް ކުޅެވިފައިނުވެ އެވެ.
ވެލެންސިއާ އިން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗަކީ ރޭ ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-0 އިން ބަލިވި މެޗުގަ އެވެ. މި މެޗުގައި ވެލެންސިއާ އިން ގިނަ އަދަދެއްގެ ޔޫތު ކުޅުންތެރިންނަށް ފުރުސަތު ދިންއިރު، މި ފަހަރު އެހެން ކްލަބްތައް ދޫކޮށް ވެލެންސިއާ އަށް ބަދަލުވި ކުޅުންތެރިންނަށް ކުޅެން ފުރުސަތެއް ނުލިބުނެވެ.
އެ ގޮތުން، ވެލެންސިއާ އިން މި ސީޒަނަށް ގެނައި، ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ވެލެންސިއާގެ ޕްރެކްޓިސްތަކުގައި ބައިވެރިވެވުނު ނަމަވެސް މެޗު ކުޅުމުގެ ފުރުސަތު ލިބިފައިނުވެ އެވެ.
އެހެން ކްލަބެއް ދޫކޮށް، ވެލެންސިއާ އަށް އައި ކުޅުންތެރިންނަށް ރޭގެ މެޗުގައި ނުކުޅެވުނީ ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަވެފައިނުވާތީ އެވެ. އެހެން ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނަށް ވެލެންސިއާ ކުޅުންތެރިންގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން އޮތީ، މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިންނަށް ނުދީ ހުރީ މުސާރައިގެ މައްސަލަތަކުގައި ހައްލަކަށް އާދެވިގެންނެވެ.
މިދިޔަ ސީޒަނުގައި އެކި ކްލަބްތަކުން ކުޅުންތެރިންނަށް ނުލިބި ހުރި މުސާރަ ހޯދަން ވަނީ އެފްއޭއެމަށް ހުށަހަޅައިފަ އެވެ.
އެ ގޮތުން، ވެލެންސިއާ އިން މުސާރަ ނުލިބިގެން އެފްއޭއެމަށް ސިޓީ ހުށަހަޅާފައިވާ ކުޅުންތެރިންނަށް އެފްއޭ އިން ވަނީ މިދިޔަ ބުދަ ދުވަހު ޖަވާބު ދީފަ އެވެ. އެ ސިޓީގައި އެފްއޭއެމުން ބުނެފައިވަނީ "މި އެސޯސިއޭޝަންގެ (އެފްއޭއެމްގެ) ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް، ހުށަަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ކްލަބަށް މި އެސޯސިއޭޝަނުން ދޫކުރާ ސަބްސިޑީ އިން މުސާރަ ގޮތުގައި ލިބެން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ތިޔަ ފަރާތަށް އެ ފައިސާ ފޯރުކޮށްދިނުމަށެެވެ." މިހެނެވެ.
މާނަ އަކީ ވެލެންސިއާ އިން ނުލިބި ހުރި މުސާރަ ހޯދަން މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދެން، މުސާރަ އަށް ވާ އެ ފައިސާ ހަމަޖެހިގެންދާނީ އެފްއޭއެމް އިން ވެލެންސިއާ އަށް ދޭ މާލީ އެހީތެރިކަމުގެ ތެރެއިން އެފްއޭއެމުން މެދުވެރިއެއްގެ ރޯލު ކުޅެގެންނެވެ.
އެނގިފައިވާ ގޮތުގައި ވެލެންސިއާ އިން ނުދީ އޮތް މުސާރަ ހޯދަން އެ ކްލަބަށް މިދިޔަ އަހަރު ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން އަންނަނީ ފީފާގައި މައްސަލައެއް ކުރިއަށްގެންދަމުންނެވެ. ވެލެންސިއާ އިން އަންނަނީ ބޯހަސް އަށް ދޭން ޖެހޭ މުސާރައިގެ މައްސަލަ ހައްލުކުރަން އޭނާއާ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، އެ ފައިސާ ބަހާލައިގެން ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ވާހަކަތައް ވެސް ވެލެންސިއާ އާއި ބޯހަސްއާ ދެމެދު ވަނީ ކުރިއަށް ގޮސްފަ އެވެ.













