ދަގަނޑޭގެ ގޯލުތަކާ އެކު ސަސް އިން ފުރަތަމަ މެޗުގައި ޗެމްޕިއަން ވެލެންސިއާ ބަލިކޮށްފި

Apr 14, 2023, 6:53 PM
ވެލެންސިއާގެ އައިހަމް (ވ) ކައިރިން ސަސްގެ ދަގަނޑޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ އައިހަމް (ވ) ކައިރިން ސަސްގެ ދަގަނޑޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރު މެޗަކުން ބަލިނުވެ، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެލެންސިއާ އިން މި އަހަރުގެ މުބާރާތުގައި ކުުޅުނު ފުރަތަމަ މެޗުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-0 އިން ބަލިވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ދަގަނޑޭ، 37، ވަނީ މި މެޗުގައި ސަސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ އެ ޓީމަށް ދެ ގޯލު ޖަހައިދީފަ އެވެ. މި މޮޅާ އެކު ސަސް އިން މި ވަނީ ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން މިދިޔަ އަހަރު ވެލެންސިއާ އިން ހޯދިއިރު، މިދިޔަ ފަހަރު އެ ޓީމުން މުޅި މުބާރާތުގައި ކުުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވިއިރު، މޮޅުނުވެ ދިޔައީ ލީގު ބުރުގައި ކްލަބް އީގަލްސްއާ އެއްވަރުވި މެޗުގަ އެވެ.

މި ފަހަރުގެ ސީޒަނަށް ކުރިމަތިލިއިރު، ވެލެންސިއާ އިން އެންމެ ރަނގަޅަށް ތައްޔާރުނުވެ އޮތްއިރު، އެ ޓީމުން މި ސީޒަނަށް އެހެން ކްލަބްތަކުން ގެނައި ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވެ އެވެ. އެއީ މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅެދިން ބައެއް ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަަލަައިގައި ވެލެންސިއާ އަށް އާ ކުޅުންތެރިން ރަޖިސްޓްރީ ކުރެވެން ނެތިގެންނެވެ.

ވެލެންސިއާ އިން މިރޭ ނެރުނު ފުރަތަމަ އެގާރަ އަށް ބަލާއިރު، އެންމެ ބޮޑު ކަމަކީ، އުމުރުން 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ ފުރަތަމަ އެގާރައިގައި ހިމެނުމެވެ. އޭނާގެ އިތުރުން ވެސް މިދިޔަ ސީޒަނުގެ ޔޫތު މުބާރާތްތަކުގައި ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިން ވަނީ ފުރަތަމަ އެގާރަ އަށް ލައިފަ އެވެ.

ވެލެންސިއާ އާއި ސަސް ކުޅުނު މެޗުގެ ތެރެއިން: ދަގަނޑޭ އާއި އެންޑީ ބޯޅަ އަށް މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަަނަ މިނިޓްގައި ސަސް އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ދަގަނޑޭ އެވެ. ވެލެންސިއާ އިން ރިލީސް ހޯދައިގެން މި ސީޒަނުގައި ސަސް އަށް ކުޅެން ނިންމި ދަގަނޑޭ، ފުރަތަމަ ޑިވިޝަނުގައި ހަ ވަނަ ކްލަބަކަށް ކުޅޭއިރު، އޭނާ މި ވަނީ ދޮޅު އަހަރެއްހާ ދުވަސްތެރޭ ގަލޮޅު ދަނޑުގައި ފުރަތަމަ ފަހަރަށް ގޯލު ޖަހައިފަ އެވެ. އަރިމަތިން އައިހަމް އަހުމަދު (އައިހު) އޭރިއާތެރެއަށް ތިރިތިރިން ދަގަނޑޭ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ގޯލު ޖެހުމަށް ފަހު ސަސް އިން ފަހަތަށް ނުޖެހެ އެވެ. ދެ މިނިޓް ފަހުން ލިބުނު ފުރުސަތުގައި ދެ ވަނަ ގޯލު ޖަހައި، ލީޑުފުޅާކުރި އެވެ. އެ ގޮތުން، މެޗުގެ ހަތް ވަނަ މިނިޓްގައި ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. އިއްބެ ޖެހި ބޯޅަ ގޯލުގެ ދުުރު ކަނަށް އަމާޒުވިއިރު، ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން އަށް އެ ބޯޅަ ހުއްޓުވަން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ވެލެންސިއާ އިން މަޑުމަޑުން ގޭމުގެ ތެރެއަށް އައިސް ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި ރަނގަޅު އެއް ފުރުސަތު ހޯދި އެވެ. އޭރިއާތެރެއިން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ހުސްކޮށް އަރައި ބޮލުން ޖެހި ބޯޅަ އަމާޒުވީ ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އަތަށެވެ. އޭގެ ފަހުން އީތަން ހުސްކޮށްލާފައި ދިން ބޯޅައަކަށް އެރި ވެލެންސިއާގެ ދައްޔާން އަހުމަދަށް ބޯޅަ ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިއިރު، ދަނޑުގެ ލައިޓް ނިވުމާ އެކު ފުރަތަމަ 10 ވަރަކަށް މިނިޓް ކުޅެން ޖެހުނީ އަލި މަޑުކޮށް އޮއްވަ އެވެ. މި ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ދަގަނޑޭ އަށް ގޯލެއް ޖަހަން ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ކީޕަރު އިމްއާން ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާގެ އައިހަމް (ކ) ކައިރިން ސަސްގެ ސަހާއު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަސް އިން ވަނީ މެޗުގެ 57 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ކޯނަރަކުން ސަސްގެ މުހައްމަދު ސަހާއު (ބޭލް) ނެގި ބޯޅައެއް ކީޕަރު އިމްއާން އަތުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން، ދަގަނޑޭ ވަނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ސަސްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ވެލެންސިއާ އިން ވަނީ 14 އަހަރުގެ މުހައްމަދު އިލާން އިމްރާން ކުޅެން އަރުވައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި އިލާން އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން، މެޗުގައި ހެޓްރިކް ހަދަން ދަގަނޑޭ އަށް ފުރުސަތު ހޯދައިދޭން ސަސްގެ އައިހު ދިން ބޯޅަ ވެލެންސިއާ ކުޅުންތެރިން ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ސަސްގެ ފަސް ވަނަ ގޯލު ޖެހިީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. މިއީ ވެލެންސިއާ އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތަކުން އައްމަޑޭ ޖެހި ގޯލެކެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް އޮތީ ދެ ގްރޫޕަށް ބަހާލައިފަ އެވެ. ވެލެންސިއާ އާއި ސަސްގެ އިތުރުން އެ ގްރޫޕްގައި ދެން އޮތީ އީގަލްސް އެވެ. މިރޭގެ މޮޅާ އެކު މި ގްރޫޕުން ސަސް އަށް ސެމީ ފައިނަލުގެ ޖާގައެއްގެ ފުރުސަތު މި އޮތީ ވަރަށް ބޮޑުވެފަ އެވެ.

ސަސް އިން މި ގްރޫޕްގައި ދެން ކުޅޭ މެޗުން ބުދަ ދުވަހުގެރޭ އީގަލްސްއާ އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގަ ޔަގީންކުރެވޭނެ އެވެ. ވެލެންސިއާ އަށް ކިރިޔާ ވެސް ފުރުސަތެއް އޮންނާނީ މި މަހު 24 ވަނަ ދުވަހު އީގަލްސްއާ ކުޅޭ މެޗުން މޮޅުވެގެންނެވެ. އެ މެޗަކީ އެންމެ ކުރިން ކުޅެން ރޭވި މެޗު ނަމަވެސް ދިމާވި ކުއްލި ކަމެއްގެ ސަބަބުން ޖެހުނީ ފަސްކުރާށެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މާދަމާރޭ 22:00 ގައި ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox