މިހާރު ކުރިއަށްދާ ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުން ފަހަތުން އަރައި، ކްލަބް ގްރީން ސްޓްރީޓްސް އަތުން 4-1 އިން މޮޅުވެ، ހުއްރިއްޔާ ވެޓެރަންސް (ހުރާ) އިން ކުއާޓާ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ޖުމްލަ 11 ޓީމު ވާދަކުރާ ވެޓެރަންސް މުބާރާތް ބަހާލެވިފައި އޮތި ތިން ގްރޫޕަކަށެވެ. ފުރަތަމަ ގްރޫޕުގައި ތިން ޓީމު އޮތްއިރު، ދެން އޮތް ދެ ގްރޫޕް އޮތީ ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމެވެ. ފުރަތަމަ ގްރޫޕުން ދެ ޓީމު އަދި ދެން އޮތް ދެ ގްރޫޕުން ކުރެ ކޮންމެ ގްރޫޕަކުން ތިން ޓީމު ކުއާޓާ އަށް ދާ ގޮތަށެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދާފައިވަނީ ހުޅުމާލެ ވެޓެރަންސް، ޕޮލިސް ކްލަބް، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)، ބުރު ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ހުއްރިއްޔާ ވެޓަރަންސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ލީޑުގައި އޮތީ ގްރީން ސްޓްރީޓްސް އެވެ. އެ ޓީމުގެ ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތުން ހަމްޒާ ހުސެއިން އެވެ. ހަމްޒާ ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ހަމްޒާ (ކ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ހުރާ އިން އެއްވަރުކުރި އެެވެ. މިއީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ހުރާގެ ހުސެއިން ނަސީރު ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ހުރާ އަށް ލީޑުނަގައިިދިނީ އަހުމަދު ސަމާއު (ސަމަރު) އެވެ. އޭނާ އަށް ލިބުނު ފުރުސަތުން ވަނީ ހަމަޖެހިލައިފައި ގޯލަށް ވައްދާލައިފަ އެވެ.
ގްރީން ސްޓްރީޓްސް ގޯލު ޖަހަން ކުރިއަށް ޖެހި، ހައިލައިނުގައި ޑިފެންސް ކުރަން ފެށުމާ އެކު، ހުރާ އިން އޭގެ ފައިދާނަގައި ގިނަ ފުރުސަތުތަކެއް ހޯދަން ފެށި އެވެ. އެ ގޮތުން، ހުރާގެ އިސްމާއިލް ޔާފިސް (ޔާއްޕޮ) އަށް ހުސްކޮށް ލިބުނު ފުރަތަމަ ދެ ފުރުސަތުން ޖެހި ބޯޅަ ވެސް ގްރީން ސްޓްރީޓްސްގެ ކީޕަރު، ނަހީޒް އަބްދުލް ގަފޫރު ވަނީ މަތަކޮށްފަ އެވެ.
އެކަމަކު، ޔާއްޕޮ އަށް ދެން ލިބުނު ފުރުސަތުގެ ބޭނުންހިފައި، އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ބަދަލަކަށް ކުޅެން އަރައި، ހުރާގެ ފަހު ގޯލު ޖެހީ އަލީ ނަޒްމީން (އައްޔަ) ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް އޮތީ މާދަމާ އާއި އާދިއްތަ ދުވަހު ހަވީރު އެވެ. ކޮންމެ ދުވަހަކު ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން، ކުއާޓާގައި މިއަދު ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާ ގޮތަށް އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އެވެ. އަނެއް މެޗުގައި ހުރާ ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ.
މާދަމާ ހަވީރު ކުޅޭ ކުއާޓާ ދެ މެޗަށް ބަލާއިރު، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓަރަންސް ސްޕޯޓްސް ކްލަބް ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.












