މިހާރު ކުރިއަށްދާ ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން 2-1 އިން ކްލަބް ސްޓެލްކޯ އަތުން ދިވެހި ސިފައިންގެ ކްލަބް މޮޅުވުމާ އެކު، އެ ޓީމާއި ނިއު ރޭޑިއަންޓަށް އެ ގްރޫޕުން ކުއާޓާ ފައިނަލުގެ އަނެއް ދެ ޖާގަ ލިބިއްޖެ އެވެ.
ސްޓެލްކޯ އަށް އިއްޔެގެ މެޗުން މޮޅުވެގެން ނޫން ގޮތަކަށް އަނެއް ބުރުގެ ޖާގަ ލިބެން ނެތެވެ. އެއްވަރުކޮށްލައިގެން ވެސް ސިފައިންނަށް އޮތީ އަނެއް ބުރަށް ދެވޭ ގޮތަށެވެ.
ގްރޫޕް ބީގެ އެއް ވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް އެވެ. އެ ޓީމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި ނިންމި ސިފައިންނަށް ތިން މެޗުން ފަސް ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ނިއު އަށް ލިބުނީ ދެ ޕޮއިންޓެވެ. ފުލުން ނިންމާލި ސްޓެލްކޯގެ އޮތީ ތިން މެޗުން ޕޮއިންޓެކެވެ.
ނިއު އަނެއް ބުރަށް ދިޔައީ މެޗަކުން މޮޅެއްނުލިބި އެވެ.

ސިފައިންގެ ޓީމުގެ ޝާމިން (ކ) ކައިރިން ސްޓެލްކޯ ޓީމުގެ އައްޑޯ (މ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ސިފައިން ލީޑުނެގި އެވެ. މި ގޯލު ޖެހީ އަރިމަތިން ސިފައިންގެ ޓީމުގެ އަހުމަދު ފަޒާލް ނަގައިދިން ހުރަހަކަށް އޭރިއާތެރެއަށް ހުސްކޮށް އެރި ސިފައިންގެ ޓީމުގެ ކެޕްޓަން އަހުމަދު ޝާމިން އެވެ.
ފުރަތަމަ ހާފުގައި ސްޓެލްކޯ އިން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ސްޓެލްކޯ އިން ވަނީ އެއްވަރުކޮށްފަ އެވެ. ސްޓެލްކޯގެ މި ގޯލު ޖެހީ ޕެނަލްޓީ އަކުން އެ ޓީމުގެ އަބްދުﷲ މުހައްމަދު އެވެ. މިއީ ސިފައިންގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ރެފްރީން ދިން ޕެނަލްޓީ އެކެވެ.
ނަތީޖާ ހަމަހަމަކޮށް އޮތީ ހަތަރު މިނިޓް ވަންދެނެވެ. ސިފައިން ދެ ވަނަ ފަހަރަށް ލީޑުނެގި މި ގޯލަކީ ސްޓެލްކޯގެ ކީޕަރު ހުސެއިން ޝާފިއު އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސިފައިންގެ ޓީމަށް ރަނގަޅު ކުޅުެމއް ދެއްކި ފަޒާލް ޖެހި ގޯލެކެވެ. އެ ގޮތުން ސިފައިންގެ ޓީމުގެ، ކެޕްޓަން ޝާމިން މަތިން ޖައްސާލި ބޯޅަ އަކަށް އަރައި، ކީޕަރު ޝާފިއު އަށް ބޯޅަ ނުލިބި ފަޒާލް އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް މަތިން ފޮނުވާލައިފަ އެވެ.

ސިފައިންގެ ޓީމުގެ ފަޒާލް ބޯޅަ ހިފައިގެންދަނީ: އިއްޔެ ސިފައިންގެ ޓީމުން ޖެހި ދެ ގޯލުގައި ވެސް ފަޒާލް ވަނީ އިސް ދައުރެއް އަދާކޮށްފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސިފައިން މި މެޗުން މޮޅުކޮށްދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމުގެ ގޯލްކީޕަރު ހުސެއިން އަހުމަދު އެވެ. އޭނާ ވަނީ ސްޓެލްކޯގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދާފައިވަނީ ހުޅުމާލެ ވެޓެރަންސް، ޕޮލިސް ކްލަބް، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)، ބުރު ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.
ކުއާޓާ ފައިނަލްގެ ބާކީ އޮތް ޖާގަ ކަނޑައެޅޭނީ މިއަދު ހަވީރު ހުއްރިއްޔާ ވެޓެރަންސް ކްލަބް (ހުރާ) އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުންނެވެ. ގްރީން ސްޓްރީޓްސް އަށް މޮޅުވެގެން އަނެއް ބުރަށް ދެވޭ ގޮތަށް އޮތްއިރު، ހުރާ އަށް އެއްވަރުކޮށްލައިގެން ވެސް ކުއާޓާގެ ޖާގަ ލިބޭނެ އެވެ. ހުރާ އާއި ގްރީން ސްޓްރީޓްސްގެ އެ މެޗު ފަށާނީ 16:30 ގަ އެވެ.












