މިހާރު ކުރިއަށްދާ ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް އިން މިއަދު ކުޅުނު މެޗުން 4-1 އިން ނިއު ރޭޑިއަންޓް ބަލިކޮށް، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ނިއު އަށް މި ފަހަރުގެ މުބާރާތުގައި މޮޅެއް ނުލިބި އޮތްއިރު، އަމިއްލަ ބާރުގައި ކުއާޓާ އަށް ނުދެވޭނެ އެވެ. ނިއު ވަނީ ފުރަތަމަ ދެ މެޗުން އެއްވަރުވެފަ އެވެ.
ވެޓެރަންސް ލީގުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ހުޅުމާލެ ވެޓަރަންސް އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. މި ވަގުތު ދެ ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު އަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސްޓެލްކޯ ކްލަބްގެ އޮތީ ޕޮއިންޓެވެ.
ބުރާސްފަތި ދުވަހު މި ގްރޫޕްގެ ފަހު މެޗުގައި ސްޓެލްކޯ އާއި ސިފައިން ކުޅޭ މެޗުން ނަތީޖާ ނުކުންނަ ގޮތަކުން ނިއު އަށް ފުރުސަތު އެބައޮތެވެ. އެ މެޗުން ސިފައިން މޮޅުވެއްޖެނަމަ ނިއު އަށް ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިގެން ކުއާޓާ އަށް ދެވޭނެ އެވެ.

ހުޅުމާލެ ވެޓަރަންސްގެ ކޮކީ (ކ) ކައިރިން ނިއުގެ ރިޒާ ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދުގެ މެޗު ކުޅުނު ވަގުތު ވާރޭ ވެހުމުން ދެ ޓީމަށް ވެސް އުނދަގޫތަކެއް ކުރިމަތިވި އެވެ.
މެޗުގެ 15 ވަނަ މިނިޓްގައި ހުޅުމާލެ ވެޓެރަންސް އިން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، އިސްމާއިލް މުހައްމަދު (އިއްސެ) ދިން ބޯޅައަކުން މުހައްމަދު އަޝްރަފު ޖެހި ގޯލުންނެވެ. އަޝްރަފު ޖެހި އެ ބޯޅަ ގޯލަށްވަނީ ނިއުގެ ކީޕަރު އިސްމާއިލް ޒަރިޔަންދު އަތުގައި ޖެހިފަ އެވެ.
ނިއު އިން އެއްވަރުކުރީ މެޗުގެ 26 ވަނަ މިނިޓްގައި މުހައްމަދު ޒިޔާދު (އައްކޮ) ޖެހި ގޯލުންނެވެ. އޭރިއާބޭރުން އައްކޮ ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ހުޅުމާލެ ވެޓެރަންސްގެ ގޯލްކީޕަރު، ހަސަން ރަމީޒް (ޓިމޯ) އަތްމަތިން އޮއްސިގެން ގޮހެވެ.
ހުޅުމާލެ ވެޓެރަންސް އިން އަނެއް ތިން ގޯލު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ހުޅުމާލެ ވެެޓެރަންސް އަށް ލީޑުނަގައިދިން ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ހުސެއިން ޝިމާޒް (ކޮކީ) އެވެ. އޭރިއާ ރޮނގުކައިރިން ހަމަޖެހިލައިފައި ކޮކީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން، ހުޅުމާލެ ވެޓެރަންސް އަށް ލީޑުފުޅާކޮށްދިނީ އެ ޓީމުގެ ފުލްބެކް، އަހުމަދު ގިތުރީސް (ގިތޫ) އެވެ.

ހުޅުމާލެ ވެޓަރަންސްގެ ޖަމްބެ ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗުގައި ހުޅުމާލެ ވެޓެރަންސްގެ ފަހު ގޯލު ޖެހީ ޓީމުގެ ކެޕްޓަން، އިއްސެ އެވެ. އެ ޓީމުގެ ފުލްބެކް، ހަސަން ޝިފާއު ނެގި ހުރަހެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، އިއްސެ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފުގައި ހުޅުމާލެ ވެޓަރަންސް ޓީމުގެ މުހައްމަދު ޖަމީލް (ޖަމްބެ) ކުޅެން އަރައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ވާގޮތެއްނުވި އެވެ.
ވެޓެރަންސް ކަޕްގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ޕޮލިސް ކްލަބް އެވެ. މި ދެ ޓީމަށް ވެސް ވަނީ ކުއާޓާގެ ޖާގަ ލިބިފަ އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.












