މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި އެންމެ ފަހުގެ ރަނަރަޕް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗުގައި، މިރޭ، 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ފަށާ ގޮތަށް އޮތީ ރޭ ކްލަބް އީގަލްސް އާއި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ ކުޅޭ މެޗުންނެވެ. އެކަމަކު، ކުއްލި ގޮތަކަށް އެފްއޭއެމްގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓުގެ ހެޑް އިސްމާއިލް ރިޔާޒްގެ ތުއްތު ދަރިފުޅު ނިޔާވުމާ ގުޅިގެން ފުރަތަމަ މެޗު ފަސްކުރަން ނިންމީމަ އެވެ. މިރޭ، ޓީސީ އާއި މާޒިޔާ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ވަނީ އެ ހިތާމައިގައި ބައިވެރިވުމަށް ސުކޫތެއް ގެނެސްފަ އެވެ.
މިރޭގެ މެޗަށް ނުކުތްއިރު މާޒިޔާ އިން ވަނީ ޗެރިޓީ ޝީލްޑް މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން އަނިޔާގެ ސަބަބުން ޗެރިޓީ ޝީލްޑް މެޗުގައި ބަދަލުކުރަން ޖެހުނު، އަހުމަދު ނޫމާން (ހެލްމެޓް)، 10 ވަރަކަށް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު، އޭނާގެ އިތުރުން ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ފުރަތަމަ އެގާރައިގައި މި މެޗުން ފުރުސަތު ނުދެ އެވެ. އެ ހަތަރު ކުޅުންތެރިންގެ ބަދަލުގައި މާޒިޔާ ފުރަތަމަ އެގާރައިން ފުރުސަތު ދިނީ ހަަސަން ނަޒީމް ގާސިމް (ޗޯޓު)، މިސްރުގެ ހަލީލް ޖަމާލް، ހަސަން ޝިފާޒް (ޑުންގާ) އަދި ކީޕަރު މުހައްމަދު ފައިސަލް އަށެވެ.
ތިން ޕްރެކްޓިސް ސެޝަނަށް ފަހު، މިރޭގެ މެޗަށް ނުކުތް ޓީސީން ފުރަތަމަ ހާފުގެ ފަހު މިނިޓާ ހަމައަށް މާޒިޔާގެ އެޓޭކްތައް ހުއްޓުވި އެވެ. އެ ގޮތުން، މާޒިޔާގެ ކުރިއަށް ކުޅޭ ސާބިއާގެ ފޯވާޑް، ސްޓެފަން މިހައިލޮވިޗަށް ލިބޭ ބޯޅަތައް މަދުކުރަން ޓީސީގެ ދެ ޑިފެންޑަރުން ކަމަށްވާ، ހަސަން އީނާޒް އާއި މުހައްމަދު އަޖުފާން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މާޒިޔާ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މާޒިޔާގެ ދެ ގޯލު ޖެހި އައިސަމް އަކީ ކުރިން ޓީސީ އަށް ކުޅުނު ކުޅުންތެރިއެއް.--- ފޮޓޯ: އަހުމަދު މިގުދާދު/ ދާދު ފޮޓޯސް
ޓީސީގެ ގޯލުގައި ހުރި ސްރީ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާ ކައިރިން މާޒިޔާ އިން ގޯލެއް ޖަހައި، ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 44 ވަނަ މިނިޓްގަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ހުރަހަކުން އިބްރާހިމް އައިސަމް ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލައި މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ.
ފުރަތަމަ ހާފުގައި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރޭގައި އައިސަމް ވަނީ އިތުރު ގޯލެއް ޖަހައި، މާޒިޔާ އަށް ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އައިސަމް މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.
ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން، މާޒިޔާ އިން ވަރަށް ބޮޑަށް ކުރިއަށްޖެހިގެން ކުޅެން ފެށިއިރު، އެ ޓީމުގެ ސާބިއާ ފޯވާޑް މިހަލޮވިޗް ވެއްޓިގެންފައި ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސުޖަން އަތަށެވެ.
ޓީސީން ވަނީ މެޗުގެ 51 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. މާޒިޔާ އޭރިއާތެރެއިން ޓީސީގެ އަހުމަދު މާއިޝް ރަޝީދު (މާއީ) ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވިއިރު، މެޗުގެ ލައިންސްމަން އަފްސަހު އަހުމަދު ހުރީ އޮފްސައިޑަށް ދިދަ ނަގައިގެންނެވެ. އެ ނިންމުމާ މެދު ޓީސީގެ ބައެއް ކުޅުންތެރިން ހިތްހަމަނުޖެހުންފާޅުކުރި އެވެ.
މެޗުގެ 66 ވަނަ މިނިޓްގައި މާޒިޔާ އިން ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ހަމްޕު އޭރިއާ ރޮނގުކައިރިން ޖާގައެއް ހުސްކޮށްލުމަށް ފަހު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ބަދަލަކަށް ކުޅެން އެރި މާޒިޔާގެ ހަންނަ ޖެހި ބާރު ބޯޅައެއް ވެސް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ. މެޗުގެ 90 ވަަނަ މިނިޓްގައި އައިސަމް އަށް ވަނީ ހެޓްރިކް ހަދަން ފުރުސަތު ލިބިފަ އެވެ. އެކަމަކު، އޭނާ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލަށް ޖެހުމުގެ ބަދަލުގައި ހަމްޕު އަށް ދީގެން ޖަހަން އުޅުނުއިރު، ހަމްޕު އެ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ.
މި ނަތީޖާއާ އެކު މާޒިޔާ އަށް ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ހަ ޓީމު މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭއިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. މާޒިޔާ އޮތީ ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބާ އެކު ދެ ވަނަ ގްރޫޕްގަ އެވެ. މި ގްރޫޕްގައި ދެން އޮތް މެޗުގައި ޓީސީ އަށް ބުރު އަތުން މޮޅެއް ނުލިބިއްޖެނަމަ މާޒިޔާ ދެން އޮތް މެޗަށް ނުކުތުމުގެ ކުރިން ވެސް ސެމީ ޔަގީންވާނެ އެވެ.
ކުރިން ރޭވިފައި އޮތީ ފަސްކުރަން ޖެހުނު އީގަލްސް އާއި ވެލެންސިއާ މެޗު މާދަމާރޭ ކުޅޭ ގޮތަށެވެ. އެކަމަކު، މިހާރު އެ މެޗު އެހެން ތާރީހަކަށް ރީ ޝެޑިއުލްކޮށްފައިވާއިރު، ދެން ޕްރެޒިޑެންޓްސް ކަޕްގެ މެޗެއް ރޭވިފައި އޮތީ، އަންނަ ހުކުރު ދުވަހުގެ ރެއަށެވެ. އެ މެޗުގައި ވެލެންސިއާ އިން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެެވެ.











