ސްޓެލްކޯ ވެޓެރަންސް ލީގު 2023 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅުނު ދެ ވަނަ މެޗުން، ދިވެހި ސިފައިންގެ ކްލަބާ 0-0 އިން އެއްވަރުވެ، މި ފަހަރުގެ މުބާރާތުގައި މޮޅެއް ހޯދަން ކުރާ އިންތިޒާރު ދިގުލައިފި އެވެ.
ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށް، ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްދާ ވެޓެރަންސް ލީގުގައި މި ފަހަރު ނިއު އިން މި ކުޅެނީ މެދުކެނޑުމަކަށް ފަހު އެވެ. ތިން ފަހަރު ތަށި ހޯދާފައިވާ ނިއު އިން މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ގްރޫޕްގައި ވާދަކުރާއިރު، އެ ޓީމު ވަނީ ފުރަތަަމަ މެޗުން ސްޓެލްކޯ ކްލަބާ 1-1 އިން އެއްވަރުވެފަ އެވެ.
ނިއުގެ ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ލަނޑެއް ނުޖެހި ސިފައިންގެ ކްލަބާ އެއްވަރުވިއިރު، ފަހު މެޗުގައި ނިއު އިން ކުޅެން ޖެހޭނީ އަންނަ އަންގާރަ ދުވަހު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާ އެވެ. އެ މެޗުން މޮޅެއް ނުލިބިއްޖެނަމަ، ނިއު އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވުމުގެ ފުރުސަތު އެބައޮތެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުުޅުނު މެޗުގައި ނިއުގެ ކެޕްޓަން، އަލީ ޝަމީމް (ކޮޔަރު އައްޔަ) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ސިފައިންގެ ކީޕަރު، ހުސެއިން އަހުމަދު ވަނީ ހުއްޓުވައިފަ އެވެ.
ނިއުގެ ދެ ތަރިން، މުހައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) އާއި ޝާހު އިސްމާއިލް (ސާޔާ) ބައިވެރިވެގެން ވެސް ފުރަތަމަ ހާފުގައި އެ ޓީމުން އެޓޭކްތަކެއް ކުރެވޭތޯ ބެލި ނަމަވެސް ގޯލެއް ނުޖެހުނީ އެވެ. ސާޔާ ވަނީ އަނިޔާވެގެން ފުރަތަމަ ހާފުގައި ބަދަލުކޮށްފަ އެވެ.
މި މެޗުން މޮޅުވެވޭނެހާ ފުރުސަތު ސިފައިންގެ ޓީމަށް ވެސް ލިބުނެވެ. އެ ގޮތުން އެ ޓީމުގެ އަހުމަދު ފަޒަލް އަށް ލިބުނު ފުރުސަތުތަކުން އޭނާ ގިނަ ފަހަރު ބެލީ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދީގެން ގޯލެއް ޖެހޭތޯ އެވެ.
ސިފައިންގެ ބައެއް އެޓޭކްތައް ހުއްޓުވަން ނިއުގެ ކީޕަރު އިސްމާއިލް ޒަރިޔަންދު ވެސް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.
ވެޓެރަންސް ލީގުގައި މިއަދު ހަވީރު 16:30 ގައި ފަށާ މެޗުގައި ކުޅޭނީ ހުއްރިއްޔާ އެފްސީ (ހުރާ) އާއި ޕޮލިސް ކްލަބް އެވެ. ޕޮލިހުން ވަނީ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. ހުރާ ވަނީ މޯލްޑިވްސް ސޮކަ މޭޓްސްއާ އެއްވަރުކޮށްފަ އެވެ.












