އިރާނުގެ ތެހްރާންގައި އެމްބަސީ އަދި މަޝްހަދުގައި ކޮންސިއުލޭޓް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ އަރަބިއްޔާގެ އޮފިޝަލުން އިރާނަށް ވަޑައިގެންފި އެވެ.
ހަތް އަހަރަށް ފަހު އިރާނާއި ސައުދީ އަރަބިއްޔާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން ނިންމީ ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކުންނެވެ.
ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ދެ ގައުމުން އެމްބަސީތައް ހުޅުވައި ސަފީރުން ކަނޑައަޅަން އެއްބަސްވި އިރު، ރޯދަ މަހުގެ ތެރޭގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވެސް ބައްދަލުކުރައްވާނެ އެވެ.

ސައުދީ އަރަބިއްޔާއިން އިރާނާ އެކު އޮތް ގުޅުން ކަނޑާލީ 2016 ވަނަ އަހަރު އިރާނުގެ ބަޔަކު ތެހްރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ ތެރެއަށް ވަދެގަތުމުންނެވެ.
އިރާނުގައި ސައުދީއާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ އެ ގައުމުގައި ޝިއައީންގެ އިސް އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ.
ޗައިނާ މެދުވެރިވެ ބޭއްވި މަޝްވަރާތަކުން ދެ ގައުމުގެ ގުޅުން އަލުން ގާއިމްކުރަން ނިންމި އިރު، އިރާނުގެ ރައީސް އިބްރާހިމް ރައިސީ ސައުދީއަށް ވަޑައިގެންނެވުމަށް ރަސްގެފާނު ވަނީ ދައުވަތު އަރުވާފަ އެވެ.










