މިހާރު ކުރިއަށްދާ، ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަ މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް 3-0 އިން ބަލިކުރުމަށް ފަހު މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)، މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ސޮކަ މޭޓްސް ވަނީ ކުުޅުނު ފުރަތަމަ މެޗުން ހުއްރިއްޔާއާ އެއްވަރުވެފަ އެވެ. ގްރީން ސްޓްރީޓްސް މި ވަނީ ކުޅުނު ދެ މެޗުން، ސޮކަ މޭޓްސް އާއި ޕޮލިސް ކްލަބް އަތުން ބަލިވެފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ސޮކަ މޭޓްސް ޓީމަށް ފުރަތަމަ ހާފުގައި ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ކްލަބް ގްރީން ސްޓްރީޓްސް އިން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި އެމްއެސްއެމް ފަހަތަށް ބާރު ބޮޑުކުރަމުންނެވެ.
ސޮކަ މޭޓްސް އިން ލީޑުނެގީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި އާދަމް ލަރީފް (ރޮނާ) ޖެހި ގޯލުންނެވެ. މިއީ ހިލޭ ޖެހުމަކުން ރޮނާ ވައްދާލި ގޯލެކެވެ. އަރިމަތީ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުން ރޮނާ ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު ނަހީޒް އަބްދުލް ގަފޫރު އަތްމަތިން ގޯލަށް ފޮނުވާލައިފަ އެވެ. ސޮކަ މޭޓްސް ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ރޮނާ އެވެ.

އިއްޔެގެ މެޗުގެ ތެރެއިން ކީޕަރު އިމްރާން، ދެ ވަނަ ހާފުގައި ފޯވާޑަކަށް ކުޅުނުއިރު، ބޯޅަ ހިފައިގެންދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މެޗުގައި ސޮކަ މޭޓްސްގެ ފަހު ގޯލު ޖެހީ އޭރިއާބޭރުން އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ. އައްމަޑޭ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ކީޕަރު ނަހީޒު އަތުގައި ޖެހިފަ އެވެ.
މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި ސޮކަ މޭޓްސްގެ ގޯލު ބަލަހައްޓަމުން އަންނަ ލެޖެންޑަރީ ގޯލުކީޕަރު، އިމްރާން މުހައްމަދު (އިންމަ) މި މެޗުގެ ފުރަތަމަ ހާފުގައި ގޯލަށް ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި ގޯލު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވީ ދެ ވަނަ ކީޕަރު މުހައްމަދު ޝިނާން (ނާނީ)އާ އެވެ. އިމްރާން ވަނީ ދެ ވަނަ ހާފުގައި ފޯވާޑަކަށް ކުޅެން އަރައިފަ އެވެ. އެ ގޮތުން އިމްރާން ބައިވެރިވެގެން ދެތިން އެޓޭކެއް އެ ޓީމުން ކުރިއިރު، އޭނާ ވަނީ ގޯލެއް ޖެހުމާ ވެސް ގާތަށް ޖެހިލައިފަ އެވެ.
ވެޓެރަންސް މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް އެވެ. ބްރޭކަކަށް ފަހު ވެޓެރަންސް މުބާރާތުގައި ކުޅެމުން އަންނަ ނިއު ވަނީ ފުރަތަމަ މެޗުގައި ސްޓެލްކޯއާ އެއްވަރުވެފަ އެވެ. އަދި ސިފައިން ވަނީ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބް ހިފަަހައްޓައިފަ އެވެ. ސިފައިންނާއި ނިއުގެ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ.












