މި ފަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ހަ ޓީމާ އެކު ފަށަން ނިންމިއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ ތެރެއިން ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަ ޓީމުގެ މެދުގައި ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި ޓީމުުތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ.
ފުރަތަމަ ގްރޫޕްގައި ހިމެނެނީ ވެލެންސިއާ އާއި އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ސަސް އިން ޕްރެކްޓިސް ފެށީ މިރެ އެވެ. ދެ ވަނަ ގްރޫޕްގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބް އެވެ. މިއީ ބުރުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ޓީމުތަކުގެ ތެރެއިން ޕްރެކްޓިސް ނުފަށައި އޮތީ ޓީސީ އެެެވެ. ޓީސީން ދެ ދުވަހެއްގެ ތެރޭ ޕްރެކްޓިސް ފަށާނެ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ޕްރެޒިޑެންޓްސް ކަޕް ފުރަތަމަ މެޗުގައި ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ 22:00 ގަ އެވެ. ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެރޭ މާޒިޔާ ކުޅޭނީ ޓީސީއާ އެވެ. ތިން ދުވަހުގެ ބްރޭކަކަށް ފަހު، ގްރޫޕް ސްޓޭޖުގެ ދެ ވަނަ ބުރުގެ މެޗުތައް ކުޅޭއިރު، ގްރޫޕްގެ ފަހު މެޗުތައް އޮންނާނީ މި މަހު 19 އާއި 20 ވަނަ ދުވަހު އެވެ.
އެ އަށް ފަހު، ފިތުރު އީދަށް ބްރޭކެއް ނެގުމަށް ފަހު، ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލް ދެ މެޗު އޮންނަނީ މި މަހު 25 ވަނަ ދުވަހު ހަވީރާއި ރޭގަނޑު އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 29 ވަނަ ދުވަހުގެރޭގަ އެވެ.
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅެފައިވަނީ ރ. އަލިފުށީ ޓާފް ދަނޑުގަ އެވެ. އިތުރު ވަގުތު ކުޅެގެން މާޒިޔާ ބަލިކޮށް ވެލެންސިއާ އިން ވަނީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.












