މިހާރު ކުރިއަށްދާ ސްޓެލްކޯ ވެޓެރަންސް ލީގު 2023 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް 1-0 އިން ބަލިކޮށް ޕޮލިސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.
މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ވަނީ ލަނޑެއް ނުޖެހި ހުއްރިއްޔާ ސްޕޯޓްސް ކްލަބާ އެއްވަރުވެފަ އެވެ. އެހެންކަމުން، ޕޮލިހުން މި ހޯދި މޮޅާ އެކު އެ ޓީމު ވަނީ އެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން ޕޮލިހުން ކުރިއަށް ޖެހިގެން ކުޅެ، ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ހޯދި އެވެ. އެކަމަކު، އޭގެއިން އެއްވެސް ބޯޅައެއް ގޯލަކަށް ހަދައިނުލެވި ދިޔައީ އެވެ. އޭގެ ފަހުން، ކްލަބް ގްރީން ސްޓްރީޓްސް އިން ވެސް މެޗުގެ ތެރެއަށް ވަދެ، ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. ގްރީން ސްޓްރީޓްސް އަށް ރަނގަޅަށް ފޮނުވާލަން ލިބުނު ދެ ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ދެ ވަނަ ހާފުގެ ފަހުކޮޅުގައި ޕޮލިހަށް ޖަހައިިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަބްދުﷲ އިބްރާހިމް މަނިކް އެެވެ. އޭނާ މި ގޯލު ޖެހީ ޕޮލިހަށް ލިބުނު ކޯނަރެއްގައި ގްރީން ސްޓްރީޓްސް އަށް ޑިފެންސް ނުކުރެވިދިޔަ ބޯޅައެއް ހޯދައި، ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މުބާރާތުގައި މިއަދު އޮތީ ބުރު ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ދަ ގްރާންޑޭ ވަނީ ކުޅުނު ފުރަތަމަ މެޗުން 3-1 އިން އީގަލްސް އަތުން ބަލިވެފަ އެވެ. ތިން ޓީމު ވާދަކުރާ ގްރޫޕްގައި ދަ ގްރާންޑޭ އިން ބުރާ ދެކޮޅަށް ކުޅޭ މެޗުގައި ނަތީޖާ އެއް ނެރުން މުހިންމުވާނެ އެވެ.












