ވެޓެރަންސް ލީގު 2023 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީޑުނަގާފައިވަނިކޮށް ސްޓެލްކޯ ކްލަބް އިން 1-1 އިން އެއްވަރުކޮށްފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ނިއު އިން މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި މި ކުޅެނީ ހަަތަރު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުުޅުނު މެޗު ފަށައިގެން ނިއު އިން ރަނގަޅަށް ކުުޅުނު ނަމަވެސް ގޯލެއް ޖަހަން ފުރަތަމަ ހާފުގައި ކުރި އެއްވެސް މަސައްކަތެއް ދިޔައީ ކާމިޔާބެއްނުވެ އެވެ. ނިއުގެ ކެޕްޓަން، އަލީ ޝަމީމް (އައްޔަ) އާއި ފޯވާޑް، ޝާހު އިސްމާއިލް (ސާޔާ) އަށް ލިބޭ ފުރުސަތުތަކުގައި ސްޓެލްކޯ އިން ދިޔައީ ސަމާލުވަމުންނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ކުޅުން ރަނގަޅުކުރި ނިއު އިން ލީޑުނެގީ އަބްދުﷲ ސުޖާއު (ސުޖާ) ޖެހި ގޯލުންނެވެ. ނިއުގެ މުހައްމަދު ނިޒާމް (ތޮއްޑޫ) ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސުޖާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ގޯލު ޖެހުމަށް ފަހު ނިއުގެ ސުޖާ އުފާފާޅުކުރަނީ:.--- ފޮޓޯ: ދާދުފޮޓޯސް
ނިއު އަށް ލީޑުފުޅާކޮށްދޭން އެ ޓީމުގެ ކެޕްޓަން އައްޔަ އަށް ހުސް ދެ ފުރުސަތެއް ލިބުނެވެ. ދެ ބޯޅަ ވެސް ހުއްޓުވީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސްޓެލްކޯގެ ކީޕަރު، ހުސެއިން ހަބީބު (ހަބީ) އެވެ. ހަބީ ވަނީ ރަނގަޅު ވަގުތު ބޯޅައަށް ސަމާލުވެގެން ހުރެ ސެޓެލްކޯ އަށް މެޗުގެ ތެރޭގައި ދެމި އޮތުމުގެ ފުރުސަތު ހޯދައިދީފަ އެވެ.
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި، ސްޓެލްކޯ އަށް އެއްވަރުކޮށްދިނީ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައަކަށް އަރައި، އަހުމަދު ނާޒިމް ޖެހި ގޯލުންނެވެ. ނިއުގެ ގޯލްކީޕަރު އިސްމާއީލް ޒަރިޔަންދު އަށް ފުރުސަތެއް ނުދީ ނާޒިމް ވަނީ ގޯލު ޖަހައިފަ އެވެ. ސްޓެލްކޯ އިން ވަނީ ދެ ވަނަ ގޯލެއް ޖެހުމާ ވެސް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން ހާފް މެދެއްހާ ހިސާބުން ސްޓެލްކޯ އިން ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހުރަސްދަނޑިއަށް ވެސް އަމާޒުވެފަ އެވެ.
ވެޓެރަންސް ކަޕްގައި މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ޕޮލިސް ކްލަބް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.












