ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްދާ ސްޓެލްކޯ ވެޓެރަންސް ލީގު 2023 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) 0-0 އިން އެއްވަރުވެއްޖެ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިދިޔަ އަހަރުގެ ރަނަރަޕް، ސޮކަ މޭޓްސް ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ހުއްރިއްޔާ އިން ވެސް ވަނީ މޮޅަށް ކުޅެފަ އެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުރާގެ މައުސޫމް އަބްދުލް ގަފޫރު (މާސޭ)ގެ ކެޕްޓަން ކަމުގައި ކުޅުނު ހުރާ އިން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ހުރި އެމްއެސްއެމްގެ ގޯލަށް ހުރާ އިން ގޯލެއް ޖަހަން ކުރި މަސައްކަތް ދިޔައީ ކާމިޔާބުނުވެ އެވެ.
އައްސަދު އަބްދުލް ގަނީގެ ކެޕްޓަންކަމުގައި ކުޅުނު އެމްއެސްއެމް އިން ވެސް މެޗުގައި ރަނގަޅަށް ކުޅެގެން ގޯލެއް ޖެހޭތޯ ބެލި އެވެ. އެހެން ނަމަވެސް، ކުރިން ފުރަތަމަ ޑިވިޝަނުގަޔާއި ގައުމީ ޖޯޒީގައި ވެސް ކުޅުނު އިޝްހާގު އީސާ ކައިރިން އެމްއެސްއެމް އަށް ވެސް ދިޔައީ ގޯލެއް ނުޖެހި އެވެ. މި މެޗުގައި އިސްހާގަށް އަނިޔާވެގެން ވަނީ ބަދަލުކުރަން ޖެހިފަ އެވެ.
ވެޓެރަންސް ލީގުގައި މާދަމާ ހަވީރު ކުޅޭނީ ސްޓެލްކޯ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. މި މުބާރާތުގެ ތަށި ތިން ފަހަރު ހޯދި ނިއު އިން މި ފަހަރު މުބާރާތުގައި މި ކުޅެނީ މެދުކެނޑުމަކަށް ފަހު އެވެ. ނިއު އާއި ސްޓެލްކޯ ކުޅޭ މެޗު ފަށާނީ މިއަދު 16:30 ގަ އެެވެ.












