ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްދާ ވެޓެރަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބް ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބާ 1-1 އިން އެއްވަރުވެއްޖެ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ހާފު ލީޑުގައި އޮވެގެން ނިންމާލީ ސިފައިންގެ ޓީމުންނެވެ. އެ ގޮތުން، ސިފައިންގެ ޓީމަށް މެޗުގައި ލީޑުނަގައިދިން ގޯލު ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖަހައިދިނީ އިބްރާހިމް މުހައްމަދު އެވެ. މިއީ ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް އަރައި، އިބްރާހިމް ބޮލުން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގައި ހުޅުމާލެ ވެޓެރަންސް އިން ކުުޅުން ރަނގަޅުކޮށް، ލިބޭ ފުރުސަތުތަކުގައި ސަމާލުވެގެން ކުޅެން ފެށި އެވެ. އެ ގޮތުން، މެޗުގެ 45 ވަަނަ މިނިޓްގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަަމަހަމަކޮށްފަ އެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އަހުމަދު ގިތުރީސް (ގިތޫ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގިތޫ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އިތުރު ގޯލެއް ޖަހައި، މޮޅުވާން ދެ ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބުނުވެ، ދެ ޓީމަށް ވެސް ޖެހުނީ ޕޮއިންޓަކުން ފަރުޖައްސާލާށެެވެ.
ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބާ އެކު ގްރޫޕް ބީގައި ދެން އޮތީ ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ބައްދަލުކުރާނީ ހުރިއްޔާއާ އެވެ.












