ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްދާ ވެޓެރަންސް ލީގު، ފުޓްބޯޅަ މުބާރާތުގެ މި ފަހަރުގެ މުބާރާތް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުން މިއަދު ހަވީރު ފަށަން ނިންމައިފި އެވެ.
ޖުމްލަ އެކު، 11 ޓީމު ވާދަކުރާ މި ފަހަރުގެ ވެޓެރަންސް ލީގު ވެސް އިންތިޒާމްކުރަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ކްލަބް އިވެންޓްސް އިންނެވެ. މި ފަހަރުގެ މުބާރާތުގެ ސްޕޮންސަރުންނަކީ ސްޓެލްކޯ އެވެ.
އެންމެ ފުރަތަމަ، އެފްއޭއެމް އިން އިންތިޒާމްކުރި މި މުބާރާތް، ފަހުން ވަނީ ސޮަކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްްއެމް) އިން ވެސް ބާއްވައިފަ އެވެ.
މި ފަހަރުގެ ވެޓެރަންސް ލީގުގައި ކުޅޭ 11 ޓީމު ބަހާލެވިފައިވަނީ ތިން ގްރޫޕް އަކަށެވެ. އެ ގޮތުން، ފުރަތަމަ ގްރޫޕްގައި ތިން ޓީމު އޮތްއިރު، އަނެއް ދެ ގްރޫޕް ވެސް އެކުލެވިފައި އޮތީ ހަތަރު ޓީމު ކުޅޭ ގޮތަށެވެ.
ގްރޫޕް އޭގައި އީގަލްސް އާއި ދަ ގްރާންޑޭގެ އިތުރުން ދެން އޮތީ މުޅިން އަލަށް ވެޓެރަންސް މުބާރާތެއްގައި ކުޅޭ ބުރު ސްޕޯޓްސް ކްލަބް އެވެ. ދެ ވަނަ ގްރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އަދި ތިން ވަނަ ގްރޫޕްގައި އޮތީ ސޮކަ މޭޓްސް އާއި ހުރިއްޔާ، ގްރީން ސްޓްރީޓްސް އަދި ޕޮލިސް ކްލަބް އެވެ.
ވެޓެރަންސް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ޖުމްލަ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާ އެވެ. ދެން، އެންމެ ގިނަ ފަހަރަށް ތަށި ހޯދީ، ތިން ފަހަރު ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް އެވެ. ނިއު އިން މި ފަހަރުގެ މުބާރާތުގައި މި ކުޅެނީ މެދުކެނޑުމަކަށް ފަހު އެވެ. މާޒިޔާ އިން ވެސް މި މުބާރާތުގެ ތަށި ހޯދާފައިވާއިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމު ވާދަނުކުރެ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މި އަހަރުގެ ވެޓެރަންސް މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، ގްރޫޕް އޭ އިން ދެ ޓީމާއި ގްރޫޕް ބީ އަދި ގްރޫޕް ސީން ކޮންމެ ގްރޫޕަކުން ތިން ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.












