ރާއްޖެެއަށް އެކަނި ހާއްސަ އެއްޗަކަށް ނުވިނަމަވެސް، ރުކަކީ ޒަމާނުއްސުރެ ދިވެހިރާއްޖެ ސިފަ ކުރުމަށް ބޭނުންކުރާ ނިޝާންތަކުގެ ތެރެއިން ފަހުރުވެރި ނިޝާނެކެވެ. އެއީ ރާއްޖޭގެ ގައުމީ ގަހެވެ. ދިވެހިރާއްޖެ ސިފަކޮށްދޭ، ރާއްޖޭގެ ޝަހުސިއްޔަތުގެ ބަޔެކެވެ. އެ ރުކުގެ ކާއްޓަކީ ދިވެހިންގެ ކެއުމުގައި މައިގަނޑު ކާނާއެއްގެ ގޮތުގައި ބޭނުންކުރި ބާވަތެކެވެ. ރުކުގެ މުލަކީ ބޭސްވެރިކަމުގެ އެތައް ބަހާއެއްގައި ބޭނުންކުރަމުން ދިޔަ އެއްޗެކެވެ. ރުކުގެ މުލުން ފެށިގެން ބޮންތިއާ ދެމެދު ހިމެނޭ ހުރިހާ ބައެއް ބޭނުންކުރަންވީ އެންމެ ރަނގަޅުގޮތް ދިވެހިން ދަނެ އެވެ. އޭގެ ބޭނުން ކުރަމުން ގެންދިޔައީވެސް މިއީ ނެތިދިއުމެއް ހުސްވުމެއް ނެތް ނިއުމަތެއްކަމުގައި ދެކިގެންނެވެ.
ދިވެހިންގެ ބޭނުންތަކަށް ފުދި އިތުރުވާ މިންވަރަށް ރާއްޖޭގައި ކާށި ހުއްޓެވެ. ވިޔަފާރީގެ މުއާމަލާތްތަކުގައި އަގު ދެއްކުމުގެ ގޮތުން ވެސް އެއްޒަމާނެއްގައި ކާށި ބޭނުންކުރެވުނެވެ. އޭރު ރާއްޖެއިން ގެންދިޔައީ ކާށި އެކްސްޕޯޓު ކުރަމުންނެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަ ވަނަ އަހަރާއި 1970 ވަނަ އަހަރާ ދެމެދު ޖުމުލަ 66 ޓަނުގެ ކާށި ދިވެހިރާއްޖެއިން އެކްސްޕޯޓުކޮށްފައި ވެ އެވެ.
ހާލަތު ބަދަލުވެއްޖެ އެވެ. ކާށި ކިރާއި ހުންޏަކީ މިހާރު ރާއްޖެއަށް އެތެރެކުރެވޭ، އިމްޕޯޓު މުދަލެކެވެ. ކާށި ހެހުމާއި، ބިނުމާއި ހުނި ގޭނުމާއި، ހުނި ފެލުމަކީ މިހާރުގެ ޖީލުތަކަށް ދެން ފެންނާނޭ ކަންކަމެއް ނޫނެވެ. ކުރަންޖެހޭނޭ ކަންކަމެއްވެސް ނޫނެވެ. އެހެންނަމަވެސް އެއީ އިހަށް ކޮންމެ ގެއެއްގެ ދުވަހު މަސައްކަތުގެ ތެރޭގައި ހިމެނޭ އާދައިގެ ކަންކަމެވެ.
ރުއް އާލާކުރުމުގެ މަޝްރޫއު ފެށުން
ދިވެހި ރާއްޖޭގެ ރުއްތަކުގެ ހާލަތު ދިރާސާކުރުމަށް ޔޫއެންޑީޕީގެ ކޮކަނަޓް އެގްރޮނޮމިސްޓް، ޑރ. ޑީ.ވީ.ލިޔަނަގެ ރާއްޖެ ވަޑައިގަތީ 1972 ވަނަ އަހަރު އެވެ. އޭރުގެ މިނިސްޓްރީ އޮފް އެގްރިކަލްޗައާއެކު އޭނާވަނީ ރާއްޖޭގެ ރުއްތަކުގެ ހާލަތު ދިރާސާކޮށް ރިޕޯޓެއް އެކުލަވާލާފަ އެވެ.
ޑރ.ލިޔަނަގެ ގެ ރިޕޯޓު ފައްޓަވާފައި އޮތީ، ރުކަކީ ދިވެހިންނަށް ކިހާ މުހިންމު އެއްޗަކަށްވާކަން އޭނާއަށް އިހުސާސު ކުރެވޭ ވާހަކަ ވިދާޅުވަމުންނެވެ. އެ ރިޕޯޓު ތައްޔާރުކުރެވުނު ވަގުތު ދިވެހިރާއްޖޭގައި ހުރީ ރަނގަޅަށް މޫލައި، ހެދިފައި ހުރި އެއް މިލިއަން އެއްލައްކަ އެގާރަހާސް ރުކެވެ. އޭގެ ތެރޭގައި ތިނެއް ނުވަތަ ހަތަރު އުމުރުފުރައެއްގެ ރުއްތައް ހުއްޓެވެ. ކޮންމެ އުމުރުފުރައެއްގެ އުމުރުގެ ފަރަގަކީ 10 ނުވަތަ 15 އަހަރެވެ. އޭގެ ތެރެއިން ގިނަ ރުއްތަކަކީ މަތިވަރު ހެޔޮ ރުއްތައް ކަމަށާއި، ކޮންމެ ރުކަކުން އަހަރެއްގެ ތެރޭގައި 80 އާއި 100 އާ ދެމެދުގެ އަދަދަކަށް ކާށި ލިބޭކަމަށް ޑރ.ލިޔަނަގެ ގެ ރިޕޯޓުގައި އޮވެ އެވެ. މި ރުއްތަކުގެ އާންމު އުމުރަކީ 60 އަހަރާއި 80 އަހަރެވެ. ރާއްޖޭގައި އޭރު ހުރި ރުއްތަކުގެ 63 ޕަސެންޓަކީ ބަންޑާރަ ރުކެވެ. ބާކީ ހުރީ އަމިއްލަ ރުއްތަކެވެ. ރުއްތަކުގެ ހިސާބު ބަލާފައިވަނީ މީހުން ދިރިނޫޅޭ ރަށްރަށުގައި ހުރި ރުއްތައްވެސް ހިމަނައިގެންނެވެ.
ޑރ. ލިޔަނަގެ ގެ ހުށަހެޅުން
ޔޫއެންޑީޕީގެ ރިޕޯޓު އެކުލަވާލިއިރު، ރާއްޖޭގައި ހުރި މަތިވަރު ހެޔޮ ރުއްތައް ހުރީ އުމުރުން 15 ފުރިފަ އެވެ. ކޮންމެ އުމުރުފުރައެއްގެ ދެމެދުގައި 10 ނުވަތަ 15 އަހަރުގެ ދޭތެރެދުރުކަން ހުރުމަކީ ޑރ.ލިޔަނަގެ ފާޅުކުރެެއްވި އެއް ކަންބޮޑުވުމެވެ. އޭނާގެ ހުށަހެޅުމަކަށްވީ އެ ފަރަގު ކުޑަކުރުމެވެ. އެ ފަރަގު ކުޑަކުރެވޭނީ ގިނަ ރުއް އިންދައިގެންނެވެ. ރުއް އިންދުމުގެ އިތުރުން ދެން ޕްރޮޖެކްޓްގައި ހުށަހަޅާފައި ހުރި ކަންކަމަކީ އެވަގުތު ހުރި ރުއްތަކަށް ފަރުވާ ދިނުމާއި، ބެލެއްޓުމުގެ ތަމްރީނު ދިނުމާއި، ރުއް ހަލާކުކޮށްނުލައި، ރުކުން މަންފާ ހޯދާނޭ ގޮތްތަކަށް މީހުން އަހުލުވެރިކުރުވުމާއި ތަމްރީނުކުރުމެވެ.
ރާއްޖޭގައި ރުއް އާލާކުރުމަށް ޑރ.ލިޔަނަގެ ހުށަހެޅުއްވީ ފަސް އަހަރު ދުވަހުގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވަނީ އެއްމިލިއަން ޑޮލަރެވެ. ޕްރޮޖެކްޓް ބިނާކޮށްފައި އޮތީ މުޅި ރާއްޖެއަށެވެ. އެހެން ނަމަވެސް މިއީ އޭރު ދިވެހި ސަރުކާރަށް ހަރަދުކުރެވެން އޮތް އަދަދެއް ނޫނެވެ. އެގްރިކަލްޗަ މިނިސްޓްރީން ޑރ. ލިޔަނަގެއަށް އެ ވާހަކަ ދެންނެވުމުން، ޕްރޮޖެކްޓްގެ ދާއިރާ ހަނިކުރެއްވީ މާލެއާ ކައިރި ހަތަރު އަތޮޅެއް ހިމަނާ ގޮތަށެވެ. މިނިސްޓްރީގެ އެދުމަކަށް ވީ މާލެ އަތޮޅުގެ އެންމެ ރަށެއްގައި އެ ޕްރޮޖެކްޓް ފެށުމެވެ. އެހެން ނަމަވެސް ޑރ.ލިޔަނަގެ ވިދާޅުވީ އެ ޕްރޮޖެކްޓް އެހާ ކުޑަކުޑަ ދާއިރާއެއްގައި ހިންގާނަމަ، ފަސް އަހަރު ވާއިރު އެ ޕްރޮޖެކްޓް ހިންގުމަށް ދިޔަ ހަރަދާއި އެއްވަރުގެ ނަތީޖާއެއް ނުފެންނާނޭ ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން އެގޮތަށް އެދެމުން ގެންދާތީ، ޕްރޮޖެކްޓްގެ ދާއިރާ ހަނިކޮށް، އޭގެ ފަހުން ޑރ.ލިޔަނަގެ ހުށަހެޅުއްވީ ހަތަރު އަހަރު ދުވަހަށް އެއްލައްކަ 143،500ރ.ގެ ޕްރޮޖެކްޓެކެވެ. މިއީވެސް ވަރަށް ބޮޑު ހަރަދަކަށްވީ ނަމަވެސް، ރާއްޖޭގެ ރުއްތަކުގެ ހާލަތު އޭރު ހުރި ގޮތުން މި ހަރަދު ކުރަން ފެނިވަޑައިގަންވަނާކަމަށް އެގްރިކަލްޗަ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާ އަށް މި ޕްރޮޖެކްޓާ ގުޅިގެން ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައި އޮވެ އެވެ.
ޑރ.ލިޔަނަގެ ހިންގަން އުޅުން ޕްރޮޖެކްޓުން ހާސިލުކުރަން ބޭނުންވި ނަތީޖާއަކީ ރާއްޖެއިން ކާއްޓާއި، ރުކުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އެކްސްޕޯޓުކުރެވޭ މިންވަރު މަތިކުރެވުމެވެ. ކައިރި މުސްތަގުބަލެެއްގައި އެކަން ކުރެވޭނީ ބޮޑު ސްކޭލްއެއްގައި އެ މަޝްރޫއު ހިންގިގެންނެވެ. އެކަމަށްޓަކައި ކައިރި ހަތަރު އަތޮޅުގެ ރުއްތައް ބަލާލަން ދިއުމަށް ޑރ.ލިޔަނަގެ އެދުނު ނަމަވެސް އޭނާއާއެކު ފޮނުވާނޭ މީހަކު ނުވެގެން އެކަން އޮތީ ކުރެވޭ ގޮތް ނުވެފައި ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން 1972، ޖޫން 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވި ސިޓީގައި ބުނެފައި އޮވެ އެވެ.
ޑރ.ލިޔަނަގެ ގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުން، ރާއްޖޭގައި ރުއް އިންދާފައި ހުރީ މާ ކައިރި ކައިރީގަ އެވެ. އޭކަރެއްގައި ހަތްދިހަ ރުކަށްވުރެ ގިނަ ވުމަކީ ރުކުގެ މަތިވަރު ދަށްވުމަށް މެދުވެރިވާ ސަބަބެއްކަމަށް އޭނާގެ ރިޕޯޓުގައި ފާހަގަކުރެއްވި އެވެ. އެހެންވެގެން ރިޕޯޓުގައި ލަފާ ދީފައި އޮތީ އޭކަރެއްގައި 70 ރުއް ބަހައްޓާފައި، އިތުރަށް ހުރި ރުއްތައް ކެނޑުމަށެވެ. މި ހުށަހެޅުން ވީ ދިވެހި ސަރުކާރަށް އަނެއްކާ ވެސް މާލީ ބުރައަކަށެވެ. ރުކެއް ކެނޑުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމުގައި އުޅޭ ބަޔަކަށް ސަރުކާރުން ފައިސާ ދޭންޖެހެ އެވެ. އަމިއްލަ ރުކެއްނަމަ އެ ރުކަކަށް ބަދަލު ދީފައި މެނުވީ ނުކެނޑޭނެ އެވެ. މިކަމާ ފިކުރުކޮށް، އެގްރިކަލްޗަ މިނިސްޓްރީއަށް ފެނުނީ ރުކެއް ކަނޑާލަދޭ ބަޔަކަށް ފައިސާ ދިނުމުގެ ބަދަލުގައި އެރުކުގެ ހުރިހާ ބައިތަކެއް ދޭގޮތަށް ރުއް ކެނޑުން ހަވާލުކުރުމަށެވެ.
ކޮކަނަޓް އިމްޕްރޫވްމަންޓް ޑިވިޝަން އުފެއްދުން
ޔޫއެންޑީޕީގެ ކޮކަނަޓް އެގްރޮނޮމިސްޓް، ޑރ. ޑީ.ވީ.ލިޔަނަގެ ތައްޔާރުކުރެއްވި ރިޕޯޓާމެދު އަމަލުކުރާނޭ ގޮތުގެ ލަފާފުޅަކަށް އެދި އެގްރިކަލްޗަ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 1972 ވަނަ އަހަރުގެ ޖޫން 25 ވަނަ ދުވަހު ލިޔުނެވެ. ރިޕޯޓުގައި ހިމެނުނު ކޮންމެ ބަޔަކާއި، އެކަމަކާމެދު މިނިސްޓްރީގެ ހިޔާލުވެސް އެ ސިޓީގައި ލިޔުއްވާފައި ވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖަވާބު ދެއްވީ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލާއިރު، ޑރ.ލިޔަނަގެ ގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީއަށް އެންގެވީ އެ މަޝްރޫއު ހިންގުމަށްޓަކައި އެގްރިކަލްޗަރ މިނިސްޓްރީގެ ދަށުގައި އުފައްދާނޭ ޑިވިޝަނަށް ކިޔާނޭ ނަމަކާއި، އެ ޑިވިޝަނުގެ މެންޑޭޓުކަމަށް ހިމަނާންޖެހޭ ކަންކަން ލިޔުމުން ފޮނުއްވައި ދެއްވުމަށެވެ.
އެސިޓީގެ ޖަވާބުގައި މިނިސްޓްރީން ޖުލައި 9، 1972 ގައި ފޮނުއްވި ސިޓީގައި، އެ ޑިވިޝަނަށް ކިޔުމަށް ހުށަހެޅުއްވި ނަމަކީ 'ސީ.އައި.ޑިވިޝަން' (ކޮކަނަޓް އިމްޕްރޫމަންޓް ޑިވިޝަން) އެވެ. އަދި އެ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އެގްރިކަލްޗަ މިނިސްޓްރީން ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވަނީ އެ ޑިވިޝަންގެ މެންޑޭޓުކަމަށް ކަނޑައަޅަން ނިންމުނު ކަންކަން ބަޔާންކޮށްފަ އެވެ.
އެ ޑިވިޝަންގެ މެންޑޭޓުކަމަށް ކަނޑައަޅަން ނިންމުނު ކަންކަމަކީ؛
- ރާއްޖޭގެ ރުއްދަނޑު ރަނގަޅުކުރުމާ ބެހިގެން ފުރަތަމަ ފަސް އަހަރުގައި ޕްލޭނެއް ރޭވުމާއި، އޭގައިވާ ކަންތައްތައް ކޮކަނަޓް އެގްރޯނޮމިސްޓްގެ އިރުޝާދުގެ ދަށުން ކުރުން؛ މީގެ ތެރޭގައި، ހުރި ރުއްތައް ހެދެވޭނޭ ގޮތަކަށް ޖާގަ ހޯދައި ދިނުމާއި، ރާވައި ދިނުމާއި އަލުން ރުއް އިންދުން ހިމެނޭ.
- މި ޕްރޮގްރާމްގެ ދަށުން ސީޑް ގާޑްންއެއް އުފެއްދުމާއި ރާއްޖޭގައި ރުވާނޭ މުޑުވައް ހޯދައިދިނުން.
- ކަމާބެހޭ ރާއްޖެތެރޭ މީހުންނާއި އަދި މިކަމަށް ހާއްސަ ބަޔަކު ސައިންޓިފިކް ގޮތަކަށް ޓްރެއިން ކޮށްދިނުން.
- ރާއްޖެތެރޭގެ ރުއްދަނޑު ރަނގަޅުކުރުމަށް އެޅެންހުރި ފިޔަވަޅުތަކުގެ މައުލޫމާތު ލިޔުމުންނާއި ވާހަކައިން ފެތުރުން.
- ކުފުރާ (ނާށިން ވަކިކޮށް، ހިއްކާފައި ހުންނަ ކުރޮޅި - މިއީ އޭރު ރާއްޖެއިން އެކްސްޕޯޓު ކުރަމުން ގެންދިޔަ ބާވަތެކެވެ.) ހެދުމަށް މިހާރަށްވުރެ ސައިންޓިފިކް ގޮތެއް ހުށަހަޅައި ރާވައިދިނުން.
- މިހާރުގެ ރުއްދަނޑު އިންތިޒާމުކުރުމަށްފަހު ދެވަނަ ކްރޮޕްއެއް ދަނޑުގައި އުފެދޭނޭ މަގުވެސް ހޯދައިދިނުން؛ މިއެވެ.
މިސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖަވާބު ދެއްވީ 1972 ވަނަ އަހަރު ޖުލައި 30 ވަނަ ދުވަހު އެވެ. އެ ސިޓީގައި އޮތީ މަތީގައިވާ ޒިންމާތައް އަދާކުރުމަށްޓަކައި އެގްރިކަލްޗަރ މިނިސްޓްރީގައި ކޮކަނަޓް އިމްޕްރޫވްމަންޓް ޑިވިޝަންގެ ނަމުގައި ޑިވިޝަނެއް އުފެއްދެވި ވާހަކަ ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
އެއީ 1972 ވަނަ އަހަރެވެ. ރައީސް އިބްރާހީމް ނާސިރުގެ ދައުރެވެ. ރާއްޖޭގައި ރުކުގެ އާބާދީ ދަށް ނޫން ނަމަވެސް ރުއް ހެއްދިފައި ހުރި ގޮތުގައި ތަރުތީބު އިންތިޒާމެއް ނެތުމާއި، ރުއްތަކަށް އަޅާލުން ކުޑަވުމާއި، މައުލޫމާތު ނޭނގުމުގެ ސަބަބުން ރުއް އާލާވުން ހުއްޓި، ކާށި ލިބުން ދަތިވެދާނޭކަން އޮތީ ތަސައްވުރުކުރެވިފަ އެވެ.
ސަރުކާރުގެ ފަރާތުން އެތައް މަޝްވަރާތަކަކަށްފަހު ކޮކަނަޓް އިމްޕްރޫވްމަންޓް ޑިވިޝަން އުފައްދަވައި، މަސައްކަތް ފެއްޓެވިނަމަވެސް، ޑރ.ލިޔަނަގެ ހުށަހެޅުއްވި ހުށަހެޅުއްވުމާ އެއްގޮތަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެންމެ ބޮޑު ދައްޗަކަށްވީ ފައިސާ އެވެ. ރުއް އިންދުމުން ފެށިގެން، އާންމު މައުލޫމާތު ފެތުރުމާ ހަމައަށް، ރޭވި އެއްވެސްކަމެއް ނުވެ، ފަހުން މުޅި ޕްރޮޖެކްޓް ހުއްޓުނީ އެވެ.
މިއަދުގެ ހާލަތު
ދިވެހިރާއްޖެއަކީ އަސާސީ ކާނާގެ ބާވަތްތަކުގައިވެސް އިމްޕޯޓުކުރެވޭ މުދަލަށް ބަރޯސާވެފައި އޮންނަ ގައުމެކެވެ. ހަނޑުލާއި ފުށަކީ ދިވެހިންގެ އަސާސީ ކާނާ ކަމުގައި ހަދައިގެން އުޅޭއިރު އެއީ ދިވެހިރާއްޖޭގައި ހައްދާ އެއްޗެއް ނޫނެވެ. ދިވެހި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދޭނޭ އެއްޗެއްވެސް ނޫނެވެ.
ދިވެހިރާއްޖެއިން އެންމެ ތިޔާގިކޮށް ލިބެމުންއައި ކާނާގެ ބާވަތަކީ ކާއްޓެވެ. އެހެންނަމަވެސް ކާށި ލިބުން ދަތިވެ، މިއަދު ކާށި ވެސް އިމްޕޯޓު ކުރަނީ އެވެ. ދިވެހިންގެ ބޭނުންތަކަށް ފުދޭ މިންވަރަށް ރާއްޖޭގައި ކާއްޓެއް ނުއުފެއްދެ އެވެ. ލަދުވެތި ވާހަކައެއް ނަމަވެސް އެއީ މިހާރުގެ ހާލަތެވެ.
ދިވެހި ސަރުކާރުގެ ކޮކަނަޓް އިމްޕްރޫވްމަންޓް ޑިވިޝަން އަލުން އެކުލަވާލަން ޖެހެ އެވެ. އެއީ ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި، ފަންނީ މީހުންނާއި މަސައްކަތްތެރިން ތަމްރީނުކޮށް، އެކަމަށް ފައިސާ ހޭދަކުރަންޖެހެ އެވެ. ތަރައްގީއަށް ކުރާ އިންވެސްޓްމަންޓުތަކާއި މަސައްކަތްތަކުގެ ތެރޭގައި އަވަދިނެތި އުޅުމުގައި އަމިއްލަވަންތަކަމާއި، އަމިއްލަ ފުދުންތެރިކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ އިންވެސްޓްމަންޓެއްގެ ގޮތުގައި 'ކޮކަނަޓް އިމްޕްރޫވްމަންޓް ޑިވިޝަން' އިން ކުރާން ނިންމި މަސައްކަތްތައް ތަންފީޒުކުރަން ސަރުކާރުން މަސައްކަތްކުރަންޖެހެ ދަނޑިވަޅަކީ މިއީ އެވެ.








