ސައުދީ އަރަބިއްޔާ އާއި އިރާނުގެ ގުޅުން ރަނގަޅު ކުރުމުގައި ޗައިނާއިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ޝުކުރު ދަންނަވައިފި އެވެ.
ސައުދީ ޕްރެސް އެޖެންސްީ (އެސްޕީއޭ) އިން ރިޕޯޓު ކުރި ގޮތުގައި ވަލީ އަހުދު ޝުކުރު ދެންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އިރާނާއި ސައުދީ އަރަބިއްޔާއިން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން ނިންމީ މި މަހުގެ ކުރީކޮޅު ޗައިނާ މެދުވެރިވެގެން ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ.
ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ދެ ގައުމުން އެމްބަސީތައް ހުޅުވައި ސަފީރުން ކަނޑައަޅަން އެއްބަސްވި އިރު، ރޯދަ މަހުގެ ތެރޭގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވެސް ބައްދަލުކުރައްވާނެ އެވެ.
ޝީއަށް ފޯނުން ގުޅުއްވައި ވަލީ އަހުދު ފާހަގަކުރެއްވީ ޗައިނާ އާއި ސައުދީގެ ސްޓްރެޓެޖިކް ގުޅުމުގެ މުހިއްމު ކަމެވެ. ޝީ ވިދާޅުވީ ގަލްފު ގައުމުތަކާއި ޗައިނާގެ ގުޅުން ވަރުގަދަ ކުރަން ސައުދީގެ ދައުރު މުހިއްމު ކަމަށެވެ.
ސައުދީ އަރަބިއްޔާ އާއި ޗައިނާގެ ސްޓްރެޓެޖިކް ގުޅުން ވަރުގަދަ ކުރަމުންދާ އިރު، ވިޔަފާރި އާއި އިގުތިސާދުގައި ވެސް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް ވަނީ އިތުރުކޮށްފަ އެވެ.










