އިޒްރޭލުގެ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރުމާ އެކު މަޝްރަހު އިތުރަށް ގޯސްވެ، ކުރިމަތިވި ފިއްތުންތަކާ އެކު އާއްމުންގެ ޑިމާންޑުތަކަށް ދޫދޭން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމަވައިފި އެވެ.
ޝަރުއީ ނިޒާމަށް ގެންނަން އުޅޭ ބަދަލުތައް މަޑުޖައްސާލަން ގޮވާލުމުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރި ޔޮއާވް ގަލާންޓް މަގާމުން ވަކިކުރީ އާދީއްތަ ދުވަހު އެވެ.
އެކަމާ ހެދި ގުދުސްގައި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެކޮޅު ކައިރިއަށް ޖަމާވި މީހުން ފޮނުވާލަން ފުލުހުންނާއި ސިފައިން ބާރު ސްޕީޑުގައި ފެން ޖެހި އެވެ.

ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާތީ، ހޯމަ ދުވަހުގެ ހެނދުނު ރައީސް އައިސަކް ހެރްޒޮގް ވެސް ސަރުކާރަށް ގޮވާލެއްވީ ބަދަލު ގެނައުން މަޑުޖައްސާލުމަށެވެ.
"އިޒްރޭލު ރައްޔިތުންގެ އެއްބައިވަންތަކަން ދަމަހައްޓައި ޒިންމާދާރުވުމަށްޓަކައި، މި ބަދަލުތައް މަޑުޖައްސާލަން އަޅުގަނޑު ގޮވާލަން،" ހެރްޒޮގްގެ ޓްވީޓެއްގައި ވިދާޅުވި އެވެ.
އެމެރިކާއިން ވެސް ވަނީ އިޒްރޭލުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މައްސަލަ ހައްލު ކުރުމުގައި ދެ ފަރާތުން ދޫދިނުމަށް ވެސް އެމެރިކާއިން ގޮވާލި އެވެ.
ފިއްތުންތައް ބޮޑުވެ އެންމެ ފަހުން ނަތަންޔާހޫ ނިންމެވީ ބަދަލުތައް މަޑުޖައްސާލުމަށެވެ. އެކަން އިއުލާން ކުރައްވައި އޭނާ ވިދާޅުވީ މުޒާހަރާތަކާ ހެދި ގައުމު ބައިބައިވުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ޝަރުއީ ނިޒާމަށް ބަދަލު ގެންނަން އުޅޭތީ އާއްމުން ހިތްހަމަނުޖެހި މުޒާހަރާ ކުރަމުން ދާތާ ގިނަ މަސްތަކެއް ވެއްޖެ އެވެ.
ނަތަންޔާހޫއާ އެއްބައިވެގެން ކަނާއަތު ފިޔައިގެ ހަރުކަށި ޕާޓީތަކުން އުފައްދާފައިވާ ސަރުކާރުގެ އަމާޒަކީ ޝަރުއީ ނިޒާމަށް ބަދަލުތައް ގެނައުމެވެ. އެކަން ކުރަން ހާއްސަ ޕްލޭނެއް ވަނީ ހަދައިފަ އެވެ.
އޭގެ ދަށުން ޕާލަމެންޓުން ފާސްކުރި އާ ގާނޫނެއްގެ ދަށުން ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރުކުރުމަށް އެޓޯނީ ޖެނެރަލަށް ލިބިދޭ ބާރު ވަނީ އުނިކޮށްފަ އެވެ.
ފަނޑިޔާރުން އައްޔަންކުރަން ކަނޑައަޅާ ހާއްސަ ކޮމިޓީ ކޮންޓްރޯލް ކުރުމުގެ ބާރު ސަަރުކާރަށް ދިނުމަށް ވެސް ރާވާފައިވެ އެވެ.
ޝަރުއީ ނިޒާމަށް ބަދަލުތަކެއް ގެންނަން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވީ ސަރުކާރުގެ އެކި ގޮފިތައް ބެލެންސް ކުރުމަށް ކަމަށް ވިދާޅުވެ އެވެ.










