ރާއްޖޭގައި ފުޓްބޯޅަ ނުކުޅެ ހަތް މަސް: ޕްރީ ސީޒަނުގައި ދެ ކްލަބް!

މާޒިޔާގެ ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ): މި ދެ ކުޅުންތެރިންނަކީ ވެސް މި ސީޒަނުގައި މާޒިޔާއާ ގުޅުނު ދެ ކުޅުންތެރިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ): މި ދެ ކުޅުންތެރިންނަކީ ވެސް މި ސީޒަނުގައި މާޒިޔާއާ ގުޅުނު ދެ ކުޅުންތެރިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެފްއޭ ކަޕް ފައިނަލުގައި ކްލަބް ވެލެންސިއާ ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތަށި އުފުލާލިއިރު، އޭގެ ފަހުން މިވީ ހަތް މަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ރަސްމީ ކްލަބް ފުޓްބޯޅަ ކުޅެފައެއް ނުވެ އެވެ. އަންނަ މަހު ތިން ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންސީޒަން ފަށާނެކަން، އިއްޔެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނުކުރިއިރު، ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ޕްރީ ސީޒަން ޕްރެކްޓިސް ކުރަނީ ދެ ޓީމެވެ. އަނެއް ހަ ކްލަބުން ސީޒަނަށް ވާ ތައްޔާރީގެ އަޑެއް، ކުރަމުން އަންނަ މަސައްކަތެއްގެ މާ ބޮޑު ކަންތައްތަކެއް ނުފެނެ އެވެ.

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލާއި މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗާ ދެމެދު، ހަތް މަހާއި 13 ދުވަސް ހިނގާނެ އެވެ. މިއީ އަހަރެއްގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ވެސް ދިގު މުއްދަތެކެވެ. ފުޓްބޯޅައިގެ ވިސްނުމުގައި އަޅައިކިޔައި މި ހިނގި މުއްދަތާ ގުޅޭ ގޮތުން ކަމެއް ސާފުކޮށްދޭނަމަ، ރާއްޖޭގައި ރަސްމީ ކްލަބް ފުޓްބޯޅަ މެޗެއް ނުކުޅެ މިވީ މުއްދަތުގައި އިންޑިއާގެ ސުޕަ ލީގުގެ ސީޒަނެއް ކުޅެ އެ ނިމުނީ އެވެ. އިންޑިއާގެ ސުޕަ ލީގުގެ އެންމެ ފަހުން މި ނިމުނު ސީޒަން ކުރިއަށްދިޔައީ، މިދިޔަ އަހަރުގެ 7 އޮކްޓޫބަރުން މި އަހަރުގެ 18 މާޗުގެ ނިޔަލަށެވެ. އެއީ 11 ޓީމު ވާދަކުރާ ހައިބަތު ބޮޑު ލީގެކެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެއް ސީޒަން ނިންމާލުމަށް ފަހު، އަނެއް ސީޒަނާ ދެމެދު ހިނގާ އެންމެ ބޮޑު ބްރޭކެވެ. މީގެ ކުރިން، މި ވަރުގެ ހުސްކަމެއް ދިވެހި ފުޓްބޯޅަ އަށް އައީ ޖޫން މަހު (އަހަރު މެދުތެރެއިން) ފުޓްބޯޅަ ސީޒަން ފަށާ ގޮތަށް، 2019 ވަނަ އަހަރު ފޯމެޓް ބަދަލުކުރިއިރު އެވެ. އެ ފަހަރު ވެސް ހަ މަަސް ދުވަހު ފުޓްބޯޅަ ނުކުޅެ އޮތެވެ.

މި ފަހަރުގެ ބްރޭކް ދިގުލަނީ ކީއްވެ؟

ރާއްޖޭގައި އަދިވެސް އެއް ނަމްބަރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. މިއީ ރަސްމީކޮށް، އެ ކުޅިވަރެއްގައި ޝާމިލުވެ، އެ ކަމަކަށް ދިރިއުޅުން ބަރޯސާވެގެން އުޅުމާއި ފޯރި އާއި ހުރިހާ ކަމެއް ހިމެނޭ ގޮތަށް މިނެކިރާލުމުން ރާއްޖޭގައި ފުޓްބޯޅަ އަށް ދެވިފައިވާ ރޭންކްް އެކެވެ. - ރަސްމީކޮށް ގަވާއިދުން ކުޅޭނަމަ ލިސްޓުގެ ކުރީގައި މި ވަގުތު އޮތީ ފުޓްސަލް އޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އެވެ.

ކުރިން ފާހަގަކުރި ގޮތަށް، ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހުގެ ތިން ވަނަ ދުވަހު ފަށާނެކަން އެފްއޭއެމުން އިއްޔެ އިއުލާނުކުރިއިރު، ވަށައިޖެހޭ މާހައުލުން ފެންނަން އޮތް މަންޒަރަކީ ސީޒަން ފެށެން ހަފްތާއެއްހާ ދުވަސް އޮތްއިރު ވެސް ފުޓްބޯޅަ ސީޒަނުގެ ތައްޔާރީ އޮތީ ދަށް ހާލަތެއްގައި ކަމެވެ. ޕްރެކްޓިސް ކުރަމުން އަންނަ ދެ ޓީމަކީ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާ މާޒިޔާ އާއި އީގަލްސް އެވެ.

ފުރަތަމަ ޑިވިޝަނުގައި އޮތް އެހެން ޓީމުތައް ކަމަށްވާ، މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، ވެލެންސިއާގެ އިތުރުން، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި އަލަށް ފުރަތަމަ ޑިިވިޝަނުގައި ކުޅެން ތައްޔާރުވަމުން އަންނަ ބުރު ސްޕޯޓްސް ކްލަބްގެ ޕްރެކްޓިސް އަދި ފެށޭ ގޮތެއް ނުވެ އެވެ. މީގެ ތެރެއިން ބުރުން އާ ސީޒަަނަށް ތައްޔާރުވުމުގެ ގޮތުން ވަނީ ކުރިން ޓީސީ އާއި މާޒިޔާ އަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ކޯޗަކަށް ހަމަޖައްސައިފަ އެވެ.

ސުވާލަކީ ސީޒަން ފެށެން ހަފްތާއެއްހާ ދުވަސް އޮތްއިރު، އަދިވެސް ހަ ކްލަބެއް ޕްރީ ސީޒަން ނުފަށައި އޮތީ ކީއްވެތޯ އެވެ.

"މިދިޔަ ސީޒަން ފަހު ކޮޅުގައި ކްލަބްތަކާ އެކު އެފްއޭއެމް އިން ބޭއްވި ބައްދަލުވުމެއްގައި ބުނެފައި އޮތީ، ނުދެވި ހުރި ހުރިހާ ފައިސާއެއް ދީ، އެ ކަންކަން ހަމަޖައްސައިދީފައޭ ސީޒަން ފަށާނީ. އެކަމަކު، އެހެނެއް އަދި ނުއެއްވޭ. އެހެންވީމަ ކްލަބްތަކުން ޕްރެކްޓިސް ވެސް ނުފެށިފައި އެ ތިބީ،" ފުރަތަމަ ޑިވިޝަންގެ ކްލަބެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް، "އަދަދު" އަށް ބުންޏެވެ.

"ހަގީގަތުގައި މި ވަރުގެ ހުސްކަމެއް ފުޓްބޯޅަ އަށް އައުމަކީ، މިހާރު ފުޓްބޯޅަ މި ދާ މިސްރާބު އިތުރަށް ގޯސްވާނެ ކަމެއް، އާންމުން މީގެއާ މެދު ދެކޭ ގޮތް ކުރިއަށް ވުރެ ވެސް ދަށްވާނެ ސަބަބެއް. ފުޓްބޯޅަ ސަޕޯޓަރުންގެ ތާއީދާއި ފޯރި ނެތި ފުޓްބޯޅަ ކުރިއަކަށް ނުދާނެ،"

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ މެޖޯރިޓީ މި ވަގުތު ހިންގަނީ އެފްއޭއެމުން ދޭ ތިން މިލިއަން ރުފިޔާ އަށް ބަރޯސާވެ، އެ އަށް ފައްތައިގެން، ކްލަބްގެ ބަޖެޓް ހަދައިގެންނެވެ. ކުޅުންތެރިން މުސާރަ އާއި އެޑްމިިނިސްޓްރޭޓިވް ކަންކަން ވެސް ހަަމަޖައްސަނީ އެ އިންނެވެ.

މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ އާއި އީގަލްސް އިން ޕްރީ ސީޒަން ޕްރެކްޓިސް ފަށައިގެން ކުރިއަށް އެ ދާ އެއް ސަބަބަކީ އެ ދެ ކްލަބްގައި، އަމިއްލަ އަށް ހަރަދުކޮށްގެން، ކްލަބް ހިންގޭ ވަރުގެ ފައިސާ ނުވަތަ ކްލަބް ހިންގަން ހަވާލުވެ ތިބި ފަރާތުގެ އެ ވަރުގެ ތަނަވަސްކަމެއް ހުރުމުންނެވެ. އެކަމަކު، ދެން ތިބި ކްލަބްތަކުން ޕްރެކްޓިސް ފަށަން ވެސް މި ބަލަނީ އެފްއޭއެމް އިން ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ވުމުގެ މައްޗަށެވެ.

"ޕްރެކްޓިސް ފެށެން އޮތީ (އެފްއޭއެމް) އިން ލިބެން ޖެހޭ މި ފައިސާގެ ކަންކަން ހަމަޖެހިގެން. އެއީ (ކުޅުންތެރިންނަށް) ދޭން ހުރި ފައިސާ ނުދީ ޕްރެކްޓިސް ފަށާފައި، އަނެއްކާ ވެސް މުސާރަ ނުދީ ޕްރެކްޓިސް ކުރުވާކަށް ބޭނުމެއް ނޫން،" ޕްރެކްޓިސް ނުފެށި އޮތް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ އޮފިޝަލަކު، "އަދަދު" އަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ހަމަޖައްސައިދިނުމުގައި އެފްއޭއެމުން އަންނަނީ ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ.

ކްލަބްތަކަށް އެފްއޭއެމް އިން ދީފައިވާ ޓެންޓޭޓިވް ޝެޑިއުލްގައި އަންނަ މަހު އަށް ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށަން ހިމަނާފައިވާކަން އެނގިފައިވެ އެވެ. ޗެރިޓީ ޝީލްޑް މެޗު އަންނަ މަހު ތިން ވަނަ ދުވަހު ކުޅޭނެކަން އިއުލާނުކުރިއިރު، މީގެ ކުރިން އެ މެޗު ކުޅެން މި މަހުގެ 27 އާއި 31 ވަަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ.

އެކަމަކު، ރަސްމީ ސިފައެއްގައި އެފްއޭއެމުން މީޑިއާ އަށް އެ މެޗު ކުޅެން ނިންމިކަން އިއުލާނުކުރި ތާރީހަކީ އަންނަ މަހުގެ ތިން ވަނަ ދުވަހެވެ.

ކްލަބްތަކަށް އެފްއޭއެމުން ބަޖެޓް ދޭން ޖެހުން: "ދުރު ވިސްނުމަށް ބަލާއިރު ރަނގަޅެއް ނޫން"

މީގެ ހަ ވަރަކަށް އަހަރު ކުރިން، 2017 ވަނަ އަހަރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުޓްބޯޅަ ކްލަބްތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާ ހަމަޖައްސައިދިނެވެ.

އެކަމަކު، އެއީ އެއްވެސް އުސޫލެއްގެ ދަށުން، ހަރުދަނާ މިންގަނޑެއްގެ ތެރެއިން ކުރެވޭ ކަމެއް ނޫންކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ނިންމެވީ އެ ފައިސާ އެ ގޮތަށް ނުދީ، އެހެން ގޮތްގޮތަށް ހުރިހާ ކުޅިވަރަކަށް އެ ފައިސާ ދެވޭނެ ގޮތެއް ހޯދުމަށެވެ.

އެއާ އެކު، އެފްއޭއެމްގެ ރައީސް ކަމަށް އިތުރު ދައުރަކަށް 2020 ވަނަ އަހަރު، ބައްސާމް އަދީލް ޖަލީލް އިންތިހާބުވެވަޑައިގަތްއިރު، ވައުދުވީ އެފްއޭއެމުން ކްލަބްތަކަށް އެ ފައިސާ (ތިން މިލިއަން ރުފިޔާގެ ބަޖެޓް) ހަމަޖައްސައިދޭނެ ކަމަށެެވެ. އެއީ ބައިނަލްއަގުވާމީ އެކި އެސޯސިއޭޝަންތަކުން އެފްއޭއެމަށް ލިބޭ ސްޕޮންސަަ އެހީގެ ތެރެއިން ކްލަބްތަކަށް އެ ފައިސާ ހަމަޖައްސައިދޭ ގޮތަށެވެ. އެކަމަކު، ގަވާއިދުން އެ ފައިސާ ނުދެވި ކްލަބްތަކުން އެ ޝަކުވާ ކުރާ ނިސްބަތް ފަހަރަަކަށް ވުރެ ފަހަރެއް އަންނަނީ އިތުރުވަމުންނެވެ.

އެންމެ ފުރަތަމަ ވެސް ބައެއް ކްލަބްތަކުގެ އޮފިޝަލުން ފާހަގަކުރި އެއް ކަމަކީީ، އެފްއޭއެމް އިން ދޭ ބަޖެޓެއްގެ ތެރެއިން ކްލަބްތައް ހިންގަން ފަށައިފިނަމަ، ދުރު ވިސްނުމަށް ބަލާއިރު، އޭގެއިން ފުޓްބޯޅަ އަށް ކުރާ މަންފާ އަށް ވުރެ، ގެއްލުން ބޮޑުވުމުގެ ބިރު އޮތް ކަމެވެ. އެއީ، ފުޓްބޯޅައިގެ ބެލެނިވެރި ފަރާތުން ދޭ މާލީ އެހީގައި، މިނިވަންކޮށް އޮންނަން ޖެހޭ ކްލަބްތައް ހިންގަން ފަށައި، ހަމައެކަނި އެ އަށް ބަރޯސާވެގެން މިކަން ދާން ޖެހޭ ގޮތަށް ނުގޮސް މައްސަލައެއް ޖެހޭ ހިނދުގައި، ހުރިހާ ގެއްލުމެއް އޮތީ ފުޓްބޯޅަ އަށް ކަަމަށްވާތީ އެވެ.

"ބޮޑު" ގެއްލުން ގައުމީ ޓީމަށް؟

ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ނުކުޅެ މި ހޭދަވި ހަތް މަހަށް ވުރެ ގިނަ ދުވަހުގައި ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ފަސް މެޗެއް ކުޅެފަ އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު، ބްރުނާއީ އާއި ލާއޯސްއާ ކުޅުނު މެޗުތަކާއި ޑިސެމްބަރު މަހު ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅުނު ދެ މެޗާއި، މިދިޔަ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުުޅުނު މެޗެވެ.

ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔައިރު، ދެން ކުޅުނު ހަތަރު މެޗު ވެސް އޮތީ ރާއްޖޭން ބޭރުގަ އެވެ.

ގައުމީ ޓީމުގެ މި މެޗުތަކުގެ ޖުމްލަ މަންޒަރަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ފަރާތުން އެންމެ އެކަށީގެންވާ ލެވަލްގެ ފުޓްބޯޅަ އެއް ފެނިގެންނުދެ އެވެ. ސަބަަބަކީ، ސީޒަން ބްރޭކުގައި ކުއްލިއަކަށް ޕްރެކްޓިސް އަށް ކުުޅުންތެރިން އެއްކޮށްލައިގެން ބޭނުންވާ ލެވަލަށް ކުޅުންތެރިންގެ ޕާފޯމަންސް ނުގެއްދެވޭނެތީ އެވެ.

އަދި މި ފަހުން، ގަމުގައި ޕާކިސްތާން އަތުން 1-0 އިން ރާއްޖެ މޮޅުވި މެޗަށް ގައުމީ ޓީމުން ކުރީ ދެތިން ޕްރެކްޓިހެއް ކަމަށްވާއިރު، އެ މެޗުގައި ރާއްޖޭން ބޭނުންކުރި ފުރަތަމަ އެގާރައިގައި މުޅިން ވެސް ތިބީ މާޒިޔާގެ ކުޅުންތެރިންނެެވެ. މިއީ މިހާތަނަށް ރާއްޖޭގެ ގައުމީ ފުރަތަމަ އެގާރައެއްގައި އެ ކްލަބަކުން ހުރިހާ ކުޅުންތެރިން ހިމެނި ފުރަތަމަ ފަހަރަށް ވުމުގެ ފުރުސަތު ބޮޑެވެ.

ގައުމީ ފުޓްބޯޅަ ޓީމުން .ޕާކިސްތާނާ ދެކޮޅަށް ނެރުނު ޓީމުގެ ފުރަތަމަ އެގާރައިގައި މުޅިން ވެސް ތިބީ މާޒިޔާ ކުޅުންތެރިން: މިއީ ރާއްޖޭގެ ގައުމީ ޓީމެއް ބައިނަލްއަގުވާމީ މެޗަކަށް ނެރުނު ފުރަތަމަ އެގާރައިގައި އެއް ކްލަބެއްގެ ކުޅުންތެރިން މުޅިން ހެން ހިމެނުނު ފުރަތަމަ ފަހަރު ކަމަށް ގިނަ ބަޔަކު ބުނޭ.--- ފޮޓޯ: އަބްދުﷲ އިޔާން

ގައުމީ ޓީމުގައި މެޖޯރިޓީ ތިބީ މާޒިޔާގެ ކުޅުންތެރިންނެވެ. ރާއްޖޭގައި ގަވާއިދުން މުސާރަ ދީ ކުުޅުންތެރިންގެ ކަންކަން ހަމަޖައްސައިދީގެން ކުރިއަށްދާ ހަމައެކަނި ޓީމަކަށް އޮތީ މާޒިޔާ އެވެ. އެހެންވެ، ގަވާއިދުން ކުޅެލަން ނުލިބޭނެކަން އެނގިހުރެ ވެސް ބަރާބަރަށް ކަންކަން ފުރިހަމަވާތީ މާޒިޔާ އަށް ދާ ކުޅުންތެރިން ވެސް ގިނަ އެވެ.

މާޒިޔާ އަށް ވެސް ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބެއް ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ޑޮމެސްޓިކް މުބާރާތްތަކުގައި ވާދަވެރިކަން ކުޑަވުމެވެ. އަހަރުން އަހަރަށް މާޒިޔާ އިން ރާއްޖޭގެ ލީގު ކާމިޔާބުކުރާ ފަރަގު މި އަންނަނީ ބޮޑުވަމުންނެވެ. އަމިއްލަ ފަސްގަނޑުގައި މާޒިޔާ އަށް މި ކާމިޔާބީތައް ލިބުނު ކަމުގައި ވިޔަސް، އެ ކްލަބްގެ އަސްލު މަގުސަދު ކަމަށްވާ ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބީ ހޯދުމަށް މި އަންނަ ހީނަރުކަން ގުޅިފައި އޮތީ ދިވެހި ފުޓްބޯޅަ މިދާ މިސްރާބެވެ. ލީގުގެ ވާދަވެރިކަން ދަށްވުމެވެ. އެކަން، މާޒިޔާ އަށް އަންނަ ބިދޭސީ ކޯޗުން ވެސް ފާހަގަކުރެ އެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޗައިނާގެ ގައުމީ ޓީމު ގޮވައިގެން، އިޓަލީގެ މަޝްހޫރު ކޯޗު މާސެލޯ ލިއްޕީ، ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ކުރިން ދިވެހި ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެމުން ބުނީ، ރާއްޖޭގެ ފުޓްބޯޅައިގައި ހުނަރު އޮތަސް ކުރިއެރުން ލިބެން އޮތީ ވާދަވެރި މުބާރާތްތަކެއް ނޫނީ ލީގެއް މި ތަނުގައި އޮވެގެންނެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށާއިރު، ޖޫން މަހުގެ މެދުތެރޭގައި ސާފް ޗެމްޕިއަންޝިޕް ވެސް އެބައޮތެވެ. މިހާތަނަށް ފެނިފައިވާ ކަންކަަމަށް ބަލާއިރު ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމަށް ވަގުތު ދޭން ސީޒަން މެދުކަނޑާލަ އެވެ. މާނަ އަކީ މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށައިގެން ތިން މަސް ވެސް ނުވަނީސް އަނެއްކާ ބްރޭކެއް އައުމުގެ ފުރުސަތު ބޮޑުވުމެވެ.

ހުއްޓަ ހުއްޓާފައި ސީޒަން ފަށަން ޖެހޭތީ، އަހަރުން އަހަރަށް ލީގުގެ ވާދަވެރިކަމަށް ބޮޑު ވެއްޓުމެއް އަންނަ މަންޒަރު ފެންނައިރު، ރާއްޖޭގެ ފުޓްބޯޅަ މި ދަނީ ހީކުރާ ވަރަށް ވުރެން ވެސް އުނދަގޫ ހާލަތަކަށް ކަމަށް ބުނެ ފުޓްބޯޅައިގައި މަސައްކަތް ކުރަން ތިބި އެކި ފަރާތްތަކުން އަންނަނީ އެކި ފޯރަމްތަކުގައި ހިޔާލު ފާޅުކުރަމުންނެވެ. ލޯކަލް ފުޓްބޯޅަ ދަށްކޮށް ދާ ކޮންމެ އަހަރަކީ އޭގެ ނޭދެވޭ އަސަރު ގައުމީ ޓީމަށް ކުރާނެ ކަމެއް ކަން އެއީ ސާފުކޮށް ފެންނަން އޮތް ދެބަސްނުވެވޭނެ ހަގީގަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox