އިޒްރޭލުގެ ދާހިލީ ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން، އެ ގައުމުގައި ވެސް އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.
އިނގިރޭސިވިލާތަށް ވަޑައިގެން ނަތަންޔާހޫ ވަނީ އިނގިރޭސި ބޮޑު ވަޒީރު ރިޝީ ސުނަކްއާ ބައްދަލުކުރައްވައިފަ އެވެ. އެއީ ސަލާމަތީ ކަންކަމާއި އިރާނާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެކެވެ.
އިނގިރޭސި ބޮޑު ވަޒީރުގެ އޮފީސް ޑައުނިން ސްޓްރީޓްގެ ގޭޓު ކައިރިއަށް އެއްވި އެތައް ސަތޭކަ މީހުން އަޑުއުފުލަމުން ދިޔައީ އިޒްރޭލަށް ގެންނަން އުޅޭ ޖުޑީޝަލް ބަދަލުތަކާ ދެކޮޅަށެވެ.
ނަތަންޔާހޫ އެ ސަރަހައްދަށް ވަޑައިގެންނެވުމާ އެކު އެމަނިކުފާނަކީ ބޮޑު ލަދެއް ކަމަށާއި އެއީ ގައްދާރެއް ކަމަށް ބުނެ އެއްވެފައި ތިބި މީހުން އަޑުގަދަކުރި އެވެ.
ޖެރުސެލަމް ޕޯސްޓު ނޫހުން ބުނީ ދެ ލީޑަރުން އެކުގައި ފޮޓޯ ނަގަން ތާވަލުކޮށްފައި އޮތް ނަމަވެސް، އެކަން ކެންސަލް ކުރީ އެއްވި މީހުންގެ ސަބަބުން ކަމަށެވެ. އަދި ދެ ލީޑަރުން ގުޅިގެން ބަޔާނެއް ވެސް ނުނެރެ އެވެ.
ނަތަންޔާހޫއާ އެއްބައިވެގެން ކަނާއަތު ފިޔައިގެ ހަރުކަށި ޕާޓީތަކުން އުފައްދާފައިވާ ސަރުކާރުގެ އަމާޒަކީ ޖުޑީޝަރީގެ ބާރު ކުރުމެވެ. އެކަން ކުރަން ހާއްސަ ޕްލޭނެއް ވަނީ ހަދައިފަ އެވެ.
އޭގެ ދަށުން ޕާލަމެންޓުން ފާސްކުރި އާ ގާނޫނެއްގެ ދަށުން ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރުކުރުމަށް އެޓޯނީ ޖެނެރަލަށް ލިބިދޭ ބާރު ވަނީ އުނިކޮށްފަ އެވެ.










