އިޒްރޭލުގެ ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރުކުރުމަށް އެޓޯނީ ޖެނެރަލަށް ލިބިދޭ ބާރު އުނިކޮށް އެ ގައުމުގެ ޕާލަމެންޓުން އާ ގާނޫނެއް ފާސްކޮށްފި އެވެ.
އެ ގާނޫނު ފާސްކުރީ މިހާރު ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ބެންޖަމިން ނަތަންޔާހޫގެ ރައްކަލަކަށެވެ. އޭނާއާ ދެކޮޅަށް ގިނަ ކޮރަޕްޝަން މައްސަލަތަކެއް އެބަ ހުއްޓެވެ.
ނަތަންޔާހޫއާ އެއްބައިވެގެން ކަނާއަތު ފިޔައިގެ ހަރުކަށި ޕާޓީތަކުން އުފައްދާފައިވާ ސަރުކާރުގެ އަމާޒަކީ ޖުޑީޝަރީގެ ބާރު ކުރުމެވެ. އާ ގާނޫނު ފާސްކުރީ އެ ރޭވުމުގެ ތެރެއިންނެވެ.
އެހެން ނަމަވެސް ޖުޑީޝަރީގެ ބާރު ކުޑަކުރުމަކީ އާއްމުން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެކަމާ ހެދި އެތައް މިލިއަން މީހުން މުޒާހަރާ ކުރާތާ ގިނަ މަސްތަކެއް ވެއްޖެ އެވެ.
އާ ގާނޫނު ފާސްކުރުމާ އެކު ވެސް ތެލް އަވީވް އާއި އެހެން ބޮޑެތި ސިޓީތަކުގެ މަގުމައްޗަށް މީހުން ނިކުމެ އަޑުއުފުލި އެވެ. ގުދުސްގައި ވެސް މުޒާހަރާ ކުރިއަށް ދިޔަ އެވެ.
އެހެން ދުވަސްތަކުގެ އެއްވުމެކޭ އެއް ގޮތަށް މި ފަހަރު ވެސް ފުލުހުން މުޒާހަރާގެ ބައިވެރިން ފޮނުވާލަން ބާރު ސްޕީޑުގައި ފެން ޖަހައި ބައެއް މީހުން ހައްޔަރު ކުރި އެވެ.










