ހައްވަ، މާޖިދާ، ޝަހާ އަދި ޖޫޒާން: ގައުމީ އަންހެން ވޮލީ ޓީމުގެ އަގުއުފުލައިދިން ލީޑަރުން

Mar 6, 2023, 10:25 AM
ހައްވަ، މާޖިދާ، ޝަހާ އަދި ޖޫޒާން: ގައުމީ އަންހެން ވޮލީ ޓީމުގެ އަގުއުފުލައިދިން ލީޑަރުން

މީގެ ހަފްތާއެއް ކުރިން މާލޭގައި ނިމުނު ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތް ނިމުނީ ދިވެހިންނަށް އާ އުއްމީދުތަކެއް ގެނެސްދީފަ އެވެ. އިންޑޯ ވޮލީ އިން ރަން މެޑަލް ހޯދުމަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދޭނެކަމުގެ އިތުބާރާއި ޔަގީންކަން ދީފަ އެވެ. މުޅި ގައުމު ގައުމީ ވޮލީ ޓީމަށް ޓަކައި ފަޚުރުވެރިވާކަން ދައްކައިދީފަ އެވެ.

މި ހުރިހާ އުއްމީދަކާ އިތުބާރެއް ދިވެހިންނަށް ލިބުނީ ގައުމީ އަންހެން ވޮލީ ޓީމުން ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި ދެއްކި ހިތްވަރުންނެވެ. ސެމީ ފައިނަލުގައި މެލޭޝިއާ ބަލިކޮށް ފައިނަލަށް ދިޔައިރު ވެސް އެންމެންގެ އުއްމީދަކީ ރަން މެޑަލް ހޯދުމެވެ. ލީގު ބުރުގައި ސިންގަޕޫރު އަތުން ސީދާ ތިން ސެޓުން ބަލިވެފައިވަނިކޮށް، ފައިނަލުގެ ފުރަތަމަ ދެ ސެޓުވެސް ސިންގަޕޫރުން ހޯދި އެވެ. ދެން ފެނުނީ އަންހެން ވޮލީގައި ގައުމީ ޓީމަކުން ނުދައްކާ ވަރުގެ ތަފާތު މޮޅު ކުޅުމެއް ޓީމުން ދެއްކި ތަނެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޓީމުން ފޯ ނޭޝަންސް ކަޕްގައި ދެއްކި ހިތްވަރަކީ ކޯޗުންނާ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތެވެ. ޓީމު އެކަތިގަނޑެއްގެ ގޮތުގައި އެއް އަމާޒަކަށް ކުރި ޕްރެކްޓިސްތަކެވެ. ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ޓީމު ގޮވައިގެން ނުކުމެ، ގައުމީ ޓީމުން ދެއްކި ކުޅުމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މި ވަގުތު އަންހެން ވޮލީގައި އެންމެ ފޯމުގައި ތިބި ހަތަރު ލީޑަރުންގެ ވާހަކަ އެވެ. އެއީ، ދިވެހި ގައުމީ "ފިސާރި" ލަޝްކަރުގެ ހަތަރު ކޮމާންޑަރުންނެވެ. ހައްވާ ރާޝިދާ (ހައްވަ)، އައިޝަތު މާޖިދާ، އާމިނަތު ޝަހާ ޝާމިން އަދި ފާތިމަތު ޖޫޒާން ޒަރީރު އެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވަ އަކީ ޓީމުގެ މައި ލީޑަރެވެ. މައި ތަނބެވެ. އޭނާ އަކީ ކެރިއަރުގެ އެންމެ ފުރަތަމަ މުބާރާތުން ފެށިގެން މިއަދާ ހަމަ އަށް ވެސް ކޯޗުންނާ ކުޅުންތެރިންގެ ނަޒަރުގައި "އުފަން ލީޑަރެ"ކެވެ. ޓީމަށް އެންމެ މުހިންމުވާ ދަނޑިވަޅުގައި ކުރީ ސަފަށް ނިކުމެ އިދިކޮޅު ޓީމު ފޫ އަޅުވާލައި ބާރު ހަމަލާތަކުން ޓީމް މޮޅު ކޮށްދޭ ފަހުލަވާނެކެވެ.

ފޯ ނޭޝަންސް ކަޕްގެ މެޗެއްގެ ތެރެއިން: (ކ.ވ)، ހައްވަ، ސިލްމާ، މާޖިދާ އަދި ޝަހާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސީޒަންގެ ފުރަތަމަ މުބާރާތުގައި ޕޮލިސް ކުލަބާ އެކު މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާ ވަނީ ގައުމީ ޓީމުގައި ރަނގަޅު ފޯމެއްގައި ކުޅެފަ އެވެ. ވަކިން ހާއްސަކޮށް ފައިނަލުގައި އޭނާ ފޮނުވާލި ބާރު ހަމަލާތަކުން ސިންގަޕޫރުގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިވި އެވެ. އެކަން ސިންގަޕޫރުގެ ކޯޗު ސުންޓޮން ފޮސީޓާ ވެސް ފައިނަލް މެޗަށްފަހު ފާހަގަކުރި އެވެ.

"ތިން ވަނަ ސެޓުން ފަށައިގެން 6 ނަންބަރު (ހައްވަ) ވަރަށް ނުރައްކާކޮށް ފެނުނީ. އަހަރުމެންގެ ޑިފެންސް ވަރަށް ބޮޑަށް ރީޑުކޮށްފައި އޭނާ އެޓޭކު ކުރީ. ވަރަށް ބާރު ސްޕައިކްވެސް. އަނެއްކޮޅުން ރާއްޖެއަށް ޕޮއިންޓް ލިބުނީމަ މުޅި ހޯލަށް ހީވަނީ ބިންހެލުން އަންނަހެން. އެހެންވެ ވަރަށް އުނދަގޫވި އަހަރުމެންގެ ޑިފެންސަށް" 2015 ގައި ރާއްޖޭގެ ގައުމީ ޓީމްތަކަށް އިރުޝާދުދިން ސުންޓޮން ބުންޏެވެ.

ގައުމީ ކެރިއަރުގައި އެންމެ މޮޅަށް ކުޅުނު މެޗުން ބަލިވެ ރަން މެޑަލް ގައުމަށް ހޯދައިދޭން އުއްމީދުކޮށްގެން ހުރި ކެޕްޓަނަށް އެކަން ނުކުރެވުން ވިޔަވައި އޭނާ އަށް މި މުބާރާތުން ލިބުނީ ހުސް އުފާވެރި ހަނދާންތަކެވެ.

ހައްވަގެ ފަހަތުން އަރައި ދިވެހި ޓީމަށް މުހިންމު ދަނޑިވަޅުގައި ޕޮއިންޓްތައް ހޯދައިދިން އެއް ކުޅުންތެރިއަކީ އައިޝަތު މާޖިދާ އެވެ. ނިމިދިޔަ ގައުމީ މުބާރާތާއި، މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެސް މޮޅު ކުޅުމެއް ދެއްކި މާޖިދާ އަކީ ކޯޗުން ގަބޫލުކުރާ ގޮތުގައި ވިސްނުންތޫނު ކުޅުންތެރިއެކެވެ. ބްލޮކަރުންނަށް އުނދަގޫވާނެ ހުރިހާ ވޭރިއޭޝަނެއް އޭނާ އެޓޭކުގައި ގެނެ އެވެ.

މާޖިދާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ ސެމީ ފައިނަލު މެޗުގަ އެވެ. އެ މެޗު 3-2 ސެޓުން ރާއްޖެ ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މާޖިދާ އެވެ. ސެމީ ފައިނަލް މެޗަށްފަހު ސިންގަޕޫރުގެ ކޯޗު ވަނީ މާޖިދާގެ ކުޅުން ފާހަގަކޮށްފަ އެވެ.

"ރާއްޖޭގެ ކުޅުންތެރިން ވަރަށް ސްމާޓް. ބެސްޓް ޕެލޭޔާ ހޯދި ދެ ނަންބަރުގެ އެޓޭކުތައް ރީޑުކުރަން މި ޓީމްގެ ބްލޮކަރުންނަށް ނޭގުނު. މިއޮތް ދިގު ކުއްޖާ ހުއްޓާވެސް އޭނާ ހަދާގޮތަކީ ބްލޮކުގަ ޖައްސާފަ ބޯޅަ ބޭރުކުރަނީ. ސެކަންޑްބޯލް ވިންކުރަން ޗާންސްވެސް ނޯވޭ ގިނަ ފަހަރު. ވަރަށް މޮޅު އޭނަ" ސިންގަޕޫރުގެ ކޯޗު ސުންޓޮން ބުންޏެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ މާޖިދާ: މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ސީނިއާ ޓީމާ ދުރަށް ދޭތެރެއަކުން ޖެހިލި ނަމަވެސް މިހާރު މާޖިދާގެ ހުރިހާ ފޯކަސްއެއް ހުރީ ގައުމީ އަންހެން ވޮލީ ޓީމާ އެކު ރަން މެޑަލް ހޯދުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ޓީމާއި ދިވެހި ސަޕޯޓަރުންނާ އެކު އެކަންވުން އޮތީ ވަރަށް ކައިރީގަ އެވެ.

މާޖިދާ އާއި ހައްވައާ އެކު ރާއްޖޭގެ މޮޅެތި އެޓޭކަރުންގެ ލިސްޓެއް ހަދާނަމަ އާމިނަތު ޝަހާ ޝާމިންގެ ނަން އެ ލިސްޓަށް ލާން އެބަ ޖެހެ އެވެ. ޒުވާން އުމުރުގައި ގައުމީ ލެވެލްގައި ބޮޑެތި ކާމިޔާބީތައް ހޯދައި ގައުމީ ޓީމުން ވެސް އޭނާ އައީ މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ބަރާބަރަށް ޖާގަ ހޯދަމުންނެވެ.

ކުރިން ގައުމީ ޓީމްގެ ބެންޗުން އަރައި، ޓީމަށް ފައިދާހުރި ކުޅުމެއް ދައްކައިދިން ކުޅުންތެރިޔާ ގައުމީ ޓީމަށް ފުލްކޮށް ކުޅުނު މިއީ ދެ ވަނަ މުބާރާތެވެ. މި މުބާރާތުގެ ކޮންމެ މެޗެއްގައި ވެސް ގައުމީ ޓީމަށް މުހިންމު ޕޮއިންޓްތަކެއް އޭނާ ހޯދައިދިނެވެ. ޓީމުތަކުން ސިއްސުވާލާވަރުގެ ބާރު ހަމަލާތައް ފޮނުވާލައި ހުނަރުވެރިކަން ދައްކާ ދިނެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ބާރު ޖެހުންތެރިންގެ ބޭނުން ރަނގަޅު ގޮތުގައި ކުރެވުނީ ސެޓަރު ޖޫޒާން ރަނގަޅު ފޯމެއްގައި ކުޅުމުންނެވެ. ވޮލީ ޓީމެއްގެ "ސިކުނޑި" އަކީ އެ ޓީމުގެ ސެޓަރެވެ. އިދިކޮޅު ބްލޮކަރުންގެ ވިސްނުން ބަދަލުކޮށް ޑިފެންސްގެ އެތުރުމަށް ބަދަލު ގެންނަން ޖެހެނީ ފަޅި ސިކުންތެއްގެ ތެރޭގައި ސެޓަރު ނިންމާ ނިންމުންތަކުގެ ސަބަބުންނެވެ.

ފޯ ނޭޝަންސް ކަޕަށް ފަހު ޖޫޒާން ވަނީ އޭނާ ވަރުގެ ސެޓަރެއް ނެތްކަން ސާބިތުކޮށްދީފަ އެވެ. ސްޕީޑާ ބޯޅަތައް ސެޓު ކުރުމުގެ ހުނަރަށް ބަލާއިރު އަނެއް ދެ ޓީމުގެ ސެޓަރުންނަށް ވުރެ ޖޫޒާންގެ ލެވެލް ފެނުނީ ތަފާތުކޮށެވެ. ކޮންމެ މެޗެއްގައި ޑިފެންސްގައި ވެސް ޖޫޒާން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ. ރިސީވް ކުރާ ބޯޅަ ދުރަށް ދާ ދަނޑިވަޅުތަކުގައި ހަލުވިކަމާ އެކު އެ ބޯޅަ ސަލާމަތްކުރަން ޖޫޒާން ކުރާ މަސައްކަތް ފާހަގަކޮށްލެވެ އެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެއް ވަރެއްގައި އެއް ފޯމެއްގައި ބެހެއްޓުމަށް ބަހާލައިގެން އޭނާ އެ ކޮށްދޭ ސެޓިންތައް ފުރިހަމަ އެވެ.

ގައުމީ އަންހެން ޓީމުގެ ސެޓަރު ޖޫޒާން، ސެމީ ފައިނަލް މެޗުގައި މެލޭޝިއާ އަތުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހަތަރު ލީޑަރުންނާ އެކު ގައުމީ ޓީމުން ފައިނަލުގައި ދެއްކި ހިތްވަރު ތަފާތެވެ. އެ ޖޯޝާއި ފޯރީގައި ބޭނުންވި ކުލަ ނުޖެއްސުނު ކަމުގައިވިޔަސް އަޒުމަކަށް ބަދަލެއް ނާދެ އެވެ.

ފައިނަލް މެޗަށްފަހު ޖޫޒާން ބުނިހެން "ގައުމީ އަންހެން ޓީމްގެ ތަފާތު" މިހާރު ފެނިއްޖެ އެވެ. މި ޓީމަކީ ރަން މެޑަލް ހޯދޭނެ ފެންވަރުގެ ޓީމެއްކަން އެ ކުޅުންތެރިން ސާބިތުކޮށްދީފި އެވެ. ގައުމީ އަންހެން ޓީމުން އެދަނީ ދެން ލިބޭ ފުރުސަތެއްގައި "ރަން މެޑަލް" ހޯދަން ހަތިޔާރުތައް ތޫނުކުރަމުންނެވެ.

މުޅި ޓީމު އެއް ރޫހެއްގައި އަބަދުވެސް ދައްކާ ވާހަކަ އަކީ އަދި ސާބިތުކޮށްދޭން ބޭނުންވާ ކަމަކީ "އަންހެނުންނަށް ވާނެ" އެކަމެެވެ. ކުޅުންތެރިންގެ މަސައްކަތުން އޭގެ ކުލަވަރު ފެންނަން ފަށައިފި އެވެ. ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމް ހޯދައި، ރަން މެޑަލަށް އުންމީދު ކުރެވިދާނެ ކަމުގެ ޔަގީންކަން ވެސް ދީފި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox