އިހުގައި ރާއްޖޭގައި ރަށްރަށުން ފެންނަ ކުޑަކުއްޖާގެ ވާހަކަ ހޯދަން މަސައްކަތް ކުރިއިރު ލިބުނު ވާހަކަތަކުގެ ތެރެއިން ދެތިން ވާހަކަ ގެނެސްދޭނެ ކަމަށް ކުރީ ހަފުތާގައި ބުނެފައި ވާނެ އެވެ. އެއީ މިފަދަ ކަންކަމާމެދު ވިސްނާ ފުކުރުކޮށްލުމުގެ ބޭނުމުގަ އެވެ.
ގުންޑޮޅި ފުރޭތަ
ހުޅަނގު މޫސުމުގެ ވައިގަދަ ކަޅުފޮއި ރެއެކެވެ. ގޮނޑުދޮށަށް ބިންދާ ރާޅުވަރީގެ ސަބަބުން ގުންޑޮޅި ވަނީ ކެނޑިފަ އެވެ. އިބުރާހިމް ރޭގަނޑުގެ ކަނުއަނދިރީގައި ގެއިން ނުކުންނަށް ޖެހުނީ އަތިރިއަކަށް ދާން ޖެހިގެންނެވެ. ގޮނޑުދޮށަށް ފައިބައި ރާޅުޖަހާ ފަށުގައި ހުރެ ފަރާތް ފަރާތަށް ނަޒަރު ހިންގާލިއިރު ކަމަކު ދާކަށްނެތެވެ. ކަޅުކުލައިގެ ބޮޑު ފުރޭތައެއް އެ އުޅެނީ ރަށަށް އަރާށެވެ. އިރުއިރުކޮޅާ ކުޑަވެފައި ބޮޑުވަނީ އެވެ. އެ ސޮރަށް ރަށަށް ނޭރިގެން އެއުޅެނީ ގުންޑޮޅީގެ އުސް ދިމާއަކާ ދިމާވެގެންނެވެ. ގުންޑޮޅި ތިރި ދިމާއަކަށް ޖެހިލާއިރަށް ނުވަތަ އެއަށްވުރެ ބޮޑަށް ދިގުވެލިއަސް، އެއްގަމަށް އެރޭނެ އެވެ. ޔަގީނެވެ، އެސޮރަށް މިހާރު އިބުރާހިމް ފެންނާނެއެވެ. ގަންނާކުރެއްވި ބިރުން ދުއްވައިގަންނާކަށް ވެސް ނުކުރެނެވެ.
ކޮންމެއަކަސް ސިއްރުސިއްރުން އަވަސް އަވަހަށް ތާހިރުވެލައި ވަގުވަގަށް ފުރޭތައަށް ބަލައިލި އެވެ. އެއިރުވެސް ހުއްޓުމެއް ނެތި ފުރޭތަ ރަށަށް އެރުމަށް މަސައްކަތް ކުރެ އެވެ. އިބުރާހިމް އެއްފަރާތަކަށް ޖެހިލުމަށްފަހު، މިރޭ މި ފުރޭތައިގެ ކަންތައް ބަލަން ހިތަށްއެރި އެވެ. އިރުކޮޅަކަށް ފަހު އިރުކޮޅެއް ބިރު ކެނޑޭ ގޮތްވި އެވެ. ދެން ރަނގަޅަށް ވިސްނާ ބެލިއިރު މިވާގޮތް އެނގިއްޖެ އެވެ. މި ކަންތައް މި ވާގޮތަކީ އެދިމާލުގައި އަޅާފައި އޮތް ދޯނީގެ، އެއްގަމު ތިލޯށި ޖަހާފައި ހުރީ ގުންޑޮޅި ވެއްޓޭތީ ނުލާހިކު އެއްގަމަށެވެ. ރާޅު ބޮޑުކަމުން އޮޑި ހަލުވާވަރުން އިރުއިރުކޮޅާ ތިލޮށީގައި އައްސާފައި ހުރި ވަލަށް ވާންވެފައި ދޫވަނީ އެވެ. މި ހަރަކާތާއެކު ވަލުގައި އެޅިފައި އޮތް ގޯނިގަނޑެއް ފަދަ އެއްޗެއް މައްޗަށް އަރައި ތިރިވަނީ އެވެ. ޖެހެމުންދިޔަ ވަޔާއެކު ގޯނިގަނޑު ހަރަކާތް ކުރަނީއެވެ. ރޭގަނޑުގެ އަނދިރީގެ ސަބަބުން، ތިލޯށީގައި އައްސާފައިހުރި ވާ ފެންނަވަރު ނުވަނީ އެވެ.
ގަބުރުސްތާނަށް ދިޔަ ރެދަންގަނޑު
އިރުވައި މޫސުމުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެވެ. އިރުއޮއްސުމުގެ ކުރިން ހުރިހާ އޮޑިފަހަރެއް މަހުން އާދެއެވެ. ވައިރޯޅި މަޑުވެ ހޫނު ގަދަވުމުގެ ސަބަބުން ގިނަބަޔަކު އަތިރިމައްޗަށް ނިދަން ނުކުމެއެވެ. ޒުވާނުން ވާހަކަ ދައްކާލައި ހީ ސަމާސާ ކޮށްލުމަށް ނުކުންނަނީ ހޮޅުއަށްޓަށެވެ.

އަރަމުން އައި ހަނދު މެދުއުޑުން އަނބުރާލި އެވެ. ކޮޅާކޮޅު ނުފެންނަ ހިސާބަށް ދެމިފައި އޮތް ދޮންވެލިގަނޑުގެ ރިހި އަލިކަން މަޑުމަޑުން ދިޔައީ ކެނޑެމުންނެވެ. ހަނދު އޮއްސެމުން ދިއައިރު ނަށަމުން އައި ދަޅަ ބާނިތައް ހޮޅުއައްޓަށް ސާފުކޮށް ފެނެ އެވެ. ހަނދު އޮއްސުމުން އެ ރީތި ނަލަ މަންޒަރު މިރެއަށް ނިމުނީ އެވެ. ފޫދެންޖެހި ދިޔަވަރުގެ ކުދި ބާނިތައް ގޮނޑުދޮށަށް ބީއްސާ މިއުޒިކީ އަޑު އިވެން ފެށި އެވެ. އެއާއެކު ގޮނޑުދޮށް އޮތްދިގަށް ރެދަންލައި ދިއްލިލާ މަންޒަރަކީ އަދި މާރީތި މަންޒަރެކެވެ.
ހޮޅުއަށީގައި އޮތް ޒުވާން ފުރައިގެ ކުއްޖަކަށް ރެދަންގަނޑުގެ ތެރެއިން ތަފާތު ރެދަންގަނޑެއް ފެނުނެވެ. ލަސްނުކޮށް ކައިރީގައި އޮތް ކުއްޖާއަށް ދައްކާލިއެވެ. ކަމަކުދާކަށް ނެތެވެ. ރެދަންގަނޑެއް މިހިރަ އެއްގަމަށް އަރަނީ އެވެ. ބަލަބަލައި ހުއްޓާ ދެފަސް ބެދޭ ހިސާބުން، ޒިޔާރަތް މަގުން އެއްގަމަށް އަރަން ފެށި އެވެ.
ހޮޅުއަށީގައި ތިބި ޒުވާން ކުދިން ހައިރާންވެ ބިރުގަތެވެ. ކިތަންމެ ބިރުގަތްކަމުގައިވިޔަސް ވާގޮތެއް ބަލަން އެއްބަޔަކު ބޭނުން ވި އެވެ. އެކަކު ބިމުގައި އިށީނދެ ބަލައިލިއިރު ރެދަންގަނޑު ބިންމައްޗަކު ނުޖެހެ އެވެ. އެހެން ކަމުން ފުރޭތައެއް ނުވަތަ ހަންޑިއެއްކަން ޔަގީންވި އެވެ.
އެއްގަމަށް އެރި ރެދަންގަނޑު ޒިޔާރަތް މަގުން އެއްގަމަށް އަރައިގެން އެ ދަނީ ސީދާ ގަބުރުސްތާނަށެވެ. ޒިޔާރަތާ އަރައި ހަމަވުމުގެ ކުރިން އެ އެތި ކައިރިއަށް ގޮސް ރަނގަޅަށް ބަލަން ބޭނުންވި އެވެ. އެންމެ ފަހުން އެވެސް މަރޭ މިވެސް މަރޭ ކިޔާފައި އެއާ ދިމާއަށް އެއްބަޔަކު ދުއްވައިގަތެވެ. ހަމަ ދުއްވައިގަތުމުން ރެދަނގަނޑު ހުއްޓިއްޖެ އެވެ. ދެން މަޑުމަޑުން ކައިރިވެ ރަނގަޅަށް ރެދަންގަނޑަށް ބަލައިލި އެވެ. ގޮނޑުދޮށުން އަރައިގެން އައި ރެދަންގަނޑަކީ ގޮދައެއްގެ ކަރުގޮހޮރު ގަނޑެކެވެ. ތަންކޮޅެއް ދުރުގައި ވަގަށް ބަލަން އޮތް ބުޅަލުގެ އަނގަމަތީގައިވެސް ގޮހޮރުގަނޑުގެ ރެދަން ހަރުލާފައި ހުއްޓެވެ.
މިހާ ހިސާބަށް ގޮހޮރުގަނޑު ގެނައީ ބުޅަލުގެ ފަހަތުން ފާރަލަމުން ބަޔަކު އަންނަތަން ބުޅަލަށް ފެންނާތީ އެވެ. އަލިގަނޑު ބިންމަތީގައި ނުޖެހެނީ ބުޅާ، ގޮހޮރުގަނޑު ހިއްލާލައިގެން އޮންނާތީ އެވެ. ކަނު އަނދިރީގެ ތެރެއިން ބުޅާ ފާހަގަ ނުކުރެވެނީ އެވެ.
ގިނަފަހަރަށް ފުރޭތަ ފެންނަނީ މިފަދަ ގޮތްގޮތަށެވެ. މި ޒާތުގެ ކަންތައްތައް ނުބަލައި ބިރުން ހިނގައްޖެނަމަ މިހުންނަނީ ފުރޭތަ އެވެ. ޖެހިލުންނުވެ، ރަނގަޅަށް ބަލައިފިނަމަ މި ބާވަތުގެ ކޮންމެވެސް އެއްޗަކަށް ނުވެނުދެ އެވެ.










