ޑާކާ، ބަންގްލަދޭޝް (މާޗް 3) - ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ޖަމާލް ބުޔާން، އާޖެންޓީނާގެ ތިން ވަނަ ޑިވިޝަންގެ ކްލަބް، ސޯލް ޑެ މާޔޯ އަށް ބަދަލުވުމާ ގާތަށް ޖެހިލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ޝެއިހް ރަސަލް އަށް ކުޅެމުން އަންނަ ޖަމާލް ބުޔާން، ކުރު ކޮންޓްރެކްޓެއްގައި ސޯލް ޑެ މާޔޯއާ ގުޅެން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް އާޖެންޓީނާގެ މީޑިއާ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާއިރު، ބަންގްލަދޭޝް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖަމާލް ބުޔާން ވަނީ ޝެއިހް ރަސަލް އަށް އެންމެ ފަހުގެ މެޗު ވެސް ކުޅެދީފަ އެވެ.
ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އަށް ކުޅެމުން އަންނަ ޓޯޕޫ ބަރްމަން އާއި މަހުމޫދު ހަސަން ކިރޯން އަށް ވެސް މީގެ ކުރިން ސޯލް ޑެ މާޔޯ އިން ފުރުސަތު ލިބުނެވެ. އެކަމަކު، ބަޝުންދަރާގެ ކޮންޓްރެކްޓްގައި އެ ކުޅުންތެރިން ތިބުމުން އެ ޓްރާންސްފާ ނުހިނގި އެވެ.
އެހެން ނަމަވެސް، ޖަމާލް ބުުޔާން، 32، އަށް ލިބުނު ފުރުސަތަށް ޝެއިހް ރަސަލް އިން ހުރަސްއަޅަން ބޭނުންނުވާތީ އެ ކްލަބުން އޮތީ އޭނާ އަށް ރިލީސްދޭން ތައްޔާރަށެވެ.
ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޖަމާލް ބުޔާން، ސޯލް ޑެ މާޔޯ އަށް ސޮއިކުރަން ވަރަށް އަވަހަށް އާޖެންޓީނާގެ ބީނޯޒް އެރީޒަށް ދާނެ އެވެ. އޭގެ ކުރިން، ޖަމާލް ބުޔާން ވަނީ ދާދި ފަހުން ބަންގްލަދޭޝްގައި އާޖެންޓީނާގެ އެމްބަސީގެ މަސައްކަތް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެފަ އެވެ.

މިދިޔަ އަހަރު މާލޭގައި ބަންގްލަދޭޝާއި ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޖަމާލް ބުޔާން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޔޫތު ކެރިއަރުގައި ޑެންމާކްގެ ގަދަ ދެ ބާރު ކަމަށްވާ ބްރޮންޑްބައި އާއި ކޯޕެންހާގެން ޔޫތު ޓީމަށް ކުޅެފައިވާ ޖަމާލް ބުޔާން، 2009 އިން 2014އާ ހަމައަށް މައިގަނޑު ގޮތެއްގައި ކުޅުނީ ޑެންމާކްގެ އެކި ފަންތީގެ ޓީމުތަކަށެވެ، އެ ގޮތުން، 2012 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް އެއް އަހަރު ކުޅުނެވެ.
ޖަމާލް ބުޔާން މުޅިން އެއްކޮށް ބަންގްލަދޭޝް ލީގަށް ބަދަލުވީ 2014 ވަނަ އަހަރު ޝެއިހް ޖަމާލް ދަންމޯދީ ކްލަބަށެވެ. އެ ޓީމަށް ދެ އަހަރު ކުޅެދިނުމަށް ފަހު، ދެން ވަނީ ސައިފް ސްޕޯޓިން ކްލަބާއި ޗިޓަގޮން އަބަހާނީ، ކޮލްކަތާ މޮހައްމަދޭން އަށް ކުޅެފަ އެވެ. ޝެއިހް ރަސަލް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.
ބަންގްލަދޭޝް ގައުމީ ޓީމަށް 2013 ވަނަ އަހަރުގެ އޮގަސްޓް މަހު އެންމެ ފުރަތަމަ މެޗެއް ކުޅުނު ޖަމާލް ބުޔާން އަކީ އެހެން ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ޑުއަލް ސިޓިޒެންޝިޕެއްގައި ހުރެ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ އަންނަ ޖޫން މަހު، ޑާކާގައި މެޗެއް ކުޅެން މަޝްވަރާ ކުރަމުންނެވެ. އެކަމަކު، ރަސްމީކޮށް އެ މެޗު ތާވަލުުކުރެވުނުކަން ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ހާމަކޮށްފައިނުވެ އެވެ.












