ޝަމްހާ ދެއްކީ ޓީމު ކުޅުންތެރިއެއްގެ އެންމެ ފުރިހަމަ މިސާލު

މެލޭޝިއާއާ ދެކޮޅަށް ރާއްޖޭން އިއްޔެ ކުޅުނު މެޗުގެ ފަހު ޕޮއިންޓާ އެކު ޝަމްހާ އުފަލުން ކޯޓު މަތީގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެލޭޝިއާއާ ދެކޮޅަށް ރާއްޖޭން އިއްޔެ ކުޅުނު މެޗުގެ ފަހު ޕޮއިންޓާ އެކު ޝަމްހާ އުފަލުން ކޯޓު މަތީގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"އެއީ ގޭމް ޗޭންޖާ، މި ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް އެ ޒިންމާ (ޓީމަށް އެހީވުން) އެބައޮތް"

މިއީ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި އިއްޔެ މެލޭޝިއާ އަތުން ރާއްޖެ 3-2 ސެޓުން މޮޅުވި މެޗުގެ ފަހު ސެޓުގައި ތަފާތު ހިތްވަރަކާ އެކު ކުޅުނު، 20 އަހަރުގެ ފާތިމަތު ޝަމްހާއާ ބެހޭގޮތުން އިއްޔެ، ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ އިތުރުން ވޮލީ އެސޯސިއޭޝަންގެ އިސް ފަރާތްތަކުން ވެސް ދައްކަމުންދިޔަ ވާހަކަތަކުގެ ތެރެއިން ހާއްސަ ބައެކެވެ.

ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގައި ފަސް ސެޓު ކުޅެގެން ރާއްޖެ މެލޭޝިއާ އަތުން ވީ ބައްޔެވެ. އެކަމަކު، އިއްޔެ ފަސް ސެޓު ކުޅެގެން ރާއްޖެ މޮޅުވިއިރު، ފަސް ވަނަ ސެޓުގެ މެދަކާ ހަމައިން ޝަމްހާ ވަނީ ރަނގަޅު ސާވިސްތަކެއް ކޮށް، ޑިފެންސް ބޯޅަތަކުގައި ވެސް ހިތްވަރު ދައްކައި، ޓީމަށް ބޭނުންތެރި ކުޅުމެއް ދައްކައިފަ އެވެ.

ސެމީން މޮޅުވެ، ފައިނަލުގެ ޖާގަ ޔަގީންވި ޕޮއިންޓާ އެކު، ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ލޮލުން އުފަލުގެ ކަރުނަ ފާއްދާލި ވަގުތު ގިނަ ކުޅުންތެރިން ވަށާލީ އެއް ކުޅުންތެރިއެއް ކައިރީގަ އެވެ. އެއީ، މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަދަލަކަށް ކުޅެން އަރަައި، އަބަދުވެސް ޓީމު ކުޅުންތެރިއެއްގެ މިސާލު ދައްކާ ޝަމްހާ ވަށައިގެންނެވެ.

އެ ވަގުތު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އައިސް އުފާފާޅުކުރުމުގެ އެ ޖޯޝުގެ ތެރެއިން ޝަމްހާ އުފުލާލި މަންޒަރު ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތެވެ.

މެލޭޝިއާއާ ދެކޮޅަށް އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު ވީއޭއެމްގެ ރައީސް ރަނޭ، ގައުމީ އަންހެން ޓީމުގެ ޝަމްހާ އުފުލާލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"އަސްލު ބުނާނެ އެއްޗެއް ނޭނގިފައި ހުރީ، ހުރިހާ މަސައްކަތެއް އަބަދުވެސް ހުންނަނީ ޓީމު މޮޅުކޮށްދޭން، ލިބޭ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުންހިފަން ވިސްނަނީ،" އިއްޔެގެ މެޗަށް ފަހު އުފާފާޅުކުރުންތަކުގެ ތެރެއިން ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން، "އަދަދު" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ޝަމްހާ ބުންޏެވެ.

ޝަމްހާ ހުރީ މިރޭގެ ފައިނަލުގައި ސިންގަޕޫރާ ދެކޮޅަށް ވެސް ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މޮޅަށް ކުޅެން އަޒުމު ކަނޑައަޅައިގެންނެވެ.

އަބަދުވެސް ޝަމްހާގެ އޮތީ ގައުމީ ލެވަލްގައި ކުޅުމުގެ "ޝައުގުވެރިކަން"

މީގެ ދެތިން އަހަރު ކުރިއަށް ޖެހިލާއިރު، ޝަމްހާ ކުޅެމުން އައީ އޭނާ އުފަން ރަށް، ރ. އުނގޫފާރުގައި ބާއްވާ ރަށު ފެންވަރު މުބާރާތްތަކުގެ އިތުރުން ފުރުސަތު ލިބޭ އަތޮޅު ފެންވަރުގެ މުބާރާތްތަކުގަ އެވެ. އެ ގޮތުން، ޝަމްހާ ވަނީ ރ. ފައިނުގައި އޮތް މުބާރާތެއްގައި ވެސް ކުޅެފަ އެވެ.

އިއްޔެ، ގައުމީ ވޮލީ ބޯޅަ ޓީމު މޮޅުކޮށްދޭން ޝަމްހާ ދެއްކި ހިތްވަރު ފެނިފައި، ޝަމްހާގެ ކުޅުން މީގެ ކުރިން ފެނުނު ފަރާތްތަކުން ވަނީ ކުރީގެ ހަނދާންތައް އާ ކޮށްފަ އެވެ. ޝަމްހާގެ ކުޅުން އޭރު ފެނުނު ގިނަ މީހުންނަށް، އެ ވަގުތު ވެސް އޮތް ޔަގީންކަަމަކީ ވޮލީން ކުރިއަށް ދިއުމުގެ ހުނަރާއި ހިތްވަރު ޝަމްހާގެ އެބަހުރި ކަމެވެ. ޝަމްހާގެ ނަން މީގެ ކުރިން ރަށާއި އަތޮޅުން ފާހަގަކުރި ގޮތަށް ކުރިއަށް އޮތްތަނުގައި ގައުމީ ލެވަލްގައި ވެސް ގިނަ ބަޔަކުގެ ހަނދާނުގައި ހުންނާނެ ކަމެވެ.

"އަސްލު އަބަދު ވެސް ވިސްނުން ހުރީ ގައުމީ ލެވަލްގައި ކުޅެން،" ޝަމްހާ ބުންޏެވެ.

ވޮލީން ކެރިއަރެއް ބިނާކުރަން ޝަމްހާ އަށް ފުރުސަތު ހޯދައިދިނީ ކޯޗު ސޮފްވާން އަހުމަދު އެވެ. އެ ގޮތުން، ސޮފްވާންގެ އިސްނެގުމާ އެކު، ޝަމްހާ ވަނީ ޔުނިވާސިޓީ ޓީމަށް ކުޅެ ކާމިޔާބު ވެސް ހޯދައިފަ އެވެ. އޭގެ ފަހުން، ޕޮލިސް ކްލަބާއި ގައުމީ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކޯޗު، ފަތުހުﷲ ވަހީދު (ފައްލޯ)ގެ އިސްނެގުމާ އެކު ޝަމްހާ، ޕޮލިސް ކްލަބަށް ގެންދިޔަ އެވެ. އަދި ޝަމްހާ ވަނީ އެންމެ ފަހުން، 2021 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭން ވާދަކުރި ޓީމުގައި ހިމެނި މޮޅު ކުޅުމެއް އެ މުބާރާތުގައި ވެސް ދައްކައިފަ އެވެ.

އަންހެން ޓީމުގެ ކޯޗަކަށް އެ ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ހުރި، ކޯޗު، މުމްތާޒް އަލީ (މުންތޭ) ވަނީ ޝަމްހާ ފަދަ ކުޅުންތެރިންނަކީ އިންޓަނޭޝަނަލް މެޗު ކުޅޭ ވަރަކަށް ހުނަރު ކުރިއަރުވައި، މޮޅަށް ކުޅޭނެ ކުޅުންތެރިން ކަމަށް ބުނެފަ އެވެ.

ވޮލީ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހުރި، މުހައްމަދު ސާޖިދު (ކާއްޓޭ) އަށް ވެސް އެ ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގެ މެޗުތައް ބަލައި ފާހަގަކުރި އެއް ކުުޅުންތެރިއަކީ ޝަމްހާ އެވެ. އޭނާ ދައްކާ ހިތްވަރާއި ކުޅެން ކުރާ މަސައްކަތާއި ކަންކަން ރަނގަޅުކުރަން އެ ހުންނަ ޝައުގުވެރިކަމަށް ތައުރީފުކުރި އެވެ.

ރޭގެ މެޗުގެ ތެރެއިން ޝަމްހާ އުފާފާޅުކުރަނީ: ބަދަލަކަށް ކުޅެން އަރައި ޝަމްހާ ވަނީ މޮޅު ކުޅުމެއް ދައްކާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި ފަހަރުގެ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވާން ތައިލެންޑްގައި ބޭއްވި ޓްރެއިނިން ކޭމްޕްގެ ތެރެއިން އަންހެން ޓީމުގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ބުނީ ޓީމު އޮތް ލެވަލް މައްޗަށް ޖައްސާލުމަށް ވަކިވަކި ކުޅުންތެރިން ފޯކަސް ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއަކުގެ ބޭނުން ކޮންމެ ވަގުތެއްގައި ވެސް ޖެހިދާނެކަން ފާހަގަކޮށް ނިޒާރު ވަނީ ހުރިހާ ކުޅުންތެރިންގެ ސަޕޯޓް ވެސް ޓީމަށް ބޭނުންވާ ކަމުގެ މެސެޖު ދީފަ އެވެ.

ނިޒާރު އެ ފާހަގަކުރި ގޮތަށް، ޝަމްހާ ފަދަ ހުނަރުވެރި ކުޅުންތެރިން ބެންޗުން އަރައި ޓީމަށް ފައިދާ ކޮށްދޭނަަމަ އެއީ ޓީމަށް ހުރިހާ ގޮތަކުން ބެލިޔަސް ލިބޭނެ ހިތްވަރެކެވެ.

"ވަރަށް މަސައްކަތް ކުރަން އަސްލު ޓީމު މޮޅުކޮށްދެވޭތޯ. އަސްލު އެެހެން ޗޭންޖަކަށް އަރާއިރު، ހާސްވިޔަސް، އަމިއްލަ އަށް މެނޭޖް ކުރެވޭތޯ ބަލަނީ. އެއީ ޓީމެއް މި ކުޅެނީ، އެންމެންގެ ހެލްޕް ބޭނުންވާނެ،" ޝަމްހާ ބުންޏެވެ.

ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި މިރޭ ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ކުޅޭއިރު، މިއީ ރާއްޖޭގެ ވޮލީ ތާރީހުގައި އަންހެން ގައުމީ ޓީމުން އަމިއްލަ ފަސްގަނޑުގައި ކުޅޭ ފުރަތަމަ ފައިނަލެވެ. މީގެ ކުރިން 2017 ވަނަ އަހަރު ރާއްޖޭގައި ހޯސްޓް ކުރި އިންޓަނޭޝަނަލް މުބާރާތުގައި އަންހެން ގައުމީ ޓީމު ދިޔައީ ތިން ވަނަ އެވެ.

މި ފަހަރު ފޯ ނޭޝަންސް ކަޕްގައި އަންހެން ޓީމުގެ ޓާގެޓަކީ ރަން މެޑަލް އެވެ. އެއީ 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ލިބިފައިވާތީ، އެއް ހަރުފަތް މައްޗަށް ޖައްސާލައި، ތާރީހީ ރަން މެޑަލެއް ކަރުގައި އަޅުވާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox