މެލޭޝިއާ ކަޓުވާލައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ފައިނަލަށް

Feb 26, 2023, 1:54 PM
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފަސް ސެޓު ކުޅެގެން މެލޭޝިއާ ކަޓުވާލުމަށް ފަހު ގައުމީ އަންހެން ވޮލީ ޓީމު ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފައިނަލުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ސިންގަޕޫރާ ދެކޮޅަށެވެ. މެޗު ފަށާނީ މާދަމާރޭ 20:30 ގަ އެވެ.

މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގެ ލީގު ބުރުގައި މެލޭޝިއާ އަތުން ފަސް ސެޓު ކުޅެގެން ހިތްދަތިގޮތަކަށް ރާއްޖެ ބަލިވި ނަމަވެސް މިއަދު ވަނީ ތަފާތު ރޫހެއްގައި ފަސް ވަނަ ސެޓު ކުޅެލައި، ފައިނަލުން ޖާގަ ހޯދައިފަ އެވެ. މިއަދުގެ މެޗުގެ ސެޓުތައް ދިޔައީ 25-23, 17-25, 25-23, 21-25 އަދި 15-09 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ އަަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިއަދުގެ މެޗުގައި ރާއްޖޭން ރަނގަޅަށް ފަށާފައި ވަނިކޮށް، މެލޭޝިއާ އިން ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް އަނބުރާލައިފަ އެވެ. އޭގެ ފަހުން، ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓީމުގެ ފޯމު ގެއްލޭހެން ހީވާ ދަނޑިވަޅުގައި ދެ ޓީމުން ވެސް ދިޔައީ ޓައިމްއައުޓް ނަގައި ޓީމު ހަމަޔަކަށް އަޅުވަމުންނެވެ.

ފުރަތަަމަ ސެޓުގެ ކޮންޓްރޯލް ރާއްޖެ އަތުގައި ދެމިއޮތް އެންމެ ބޮޑު ސަބަބަކީ ރެލީތައް ނިންމުމުގައި ރާއްޖޭން ދައްކަމުން އައި ހިތްވަރެވެ. ރެލީތައް ރާއްޖެ ކޮޅަށް ނިންމާލުމުގައި ރާއްޖެ ޓީމުގެ ސެޓަރު، ޖޫޒާން ޒަރީރު އާއި އެޓޭކަރުންގެ ގޮތުގައި ތިބި، އައިޝަތު މާޖިދާ އާއި ކެޕްޓަން، ހައްވާ ރަޝިދާ (ހައްވަ)ގެ އިތުރުން ޝަހާ ޝާމިން ވެސް ދިޔައީ މުހިންމު ވަގުތުތަކުގައި ތަފާތު ދައްކަމުންނެވެ.

ރާއްޖޭގެ ޝަހާ ޝާމިން (ކ) ފޮނުވާލި ޝޮޓެއް ބްލޮކްކުރަން މެލޭޝިއާގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަަމަ ސެޓުގެ ފަހުކޮޅުގައި 22-22 އިން އެއްވަރުވެފައި އޮއްވައި، މާޖިދާ އާއި ނަރީމާ އިދުރީސް (ނަންނި) ރަނގަޅު ވަގުތުގައި ރާއްޖެ އަށް ދެ ޕޮއިންޓް ހޯދައިދީ ސެޓު ގެންނަން އިތުބާރު ހޯދައިދިނެވެ. އެ ފޯމުގައި ސެޓުގެ ފަހު ޕޮއިންޓްތައް ހޯދައި، ރާއްޖޭން ފުރަތަމަ ސެޓު 25-23 އިން ގެންދިޔަ އެވެ.

ދެ ވަނަ ސެޓު ފަށައިގެން ރާއްޖޭން ދަށްކޮށް ފެށުމުގެ ނަތީޖާ އަކަށްވީ މެލޭޝިއާ އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމެވެ. ސެޓުގެ ކުރީކޮޅުގައި މެލޭޝިއާ އިން ފަސް ޕޮއިންޓުގެ ލީޑެއް ދެމެހެއްޓި އެވެ. ސެޓުގެ ސްކޯ، 04-10 ގައި އޮއްވައި، ރާއްޖޭން ޓައިމްއައުޓެއް ނަގައި، ޓީމު ހަމަޔަކަށް އެޅުވޭތޯ ބެލި އެވެ. ޓައިމްއައުޓަށް ފަހު ރާއްޖޭގެ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވި އެވެ. އެކަމަކު، ސެޓު ފަށައިގެން ރިސީވިންގައި ހަދަމުން އައި ގޯސްތަކަށް ހައްލެއް ނުލިބި، މެލޭޝިއާ އިން ދިޔައީ ލީޑުފުޅާކުރަމުންނެވެ.

ރާއްޖޭން ދެ ވަނަ ސެޓުގެ ފަހުކޮޅުގައި ބަދަލުތަކެއް ގެނެސްގެން ޓީމުގެ ކުޅުން ރަނގަޅު ކުރެވޭތޯ ބެލިނަމަވެސް މެލޭޝިއާ އިން ވަނީ 17-25 އިން ސެޓު ނިންމާލައި، އެއްވަރުކޮށްފަ އެވެ.

ތިން ވަނަ ސެޓު ފަށައިގެން ރާއްޖޭން ދެ ވަނަ ސެޓަށް ވުރެ ކުޅުން ރަނގަޅު ކުރަން ހިތްވަރު ނެރެގެން ކުޅެން ފެށި އެެވެ. އެކަމަކު، ދެ ވަނަ ސެޓެކޭ އެއްގޮތަށް މި ސެޓުގައި ވެސް ރާއްޖެ ޓީމުގެ ރިސީވްގައި ދަށްވެ، މެލޭޝިއާ އިން މަޑުމަޑުން ލީޑުފުޅާކުރަން ފެށި އެވެ. މެލޭޝިއާ އިން ސެޓުގެ ކުރީކޮޅުގައި ފަސް ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ.

ރާއްޖޭން މަޑުމަޑުން ހެދޭ ގޯސްތައް ރަނގަޅުކުރަން ފަށައި، 11-11 އިން އެއްވަރުކުރި އެވެ. ޝަހާ ޝާމިން އާއި ހައްވަ އަދި މާޖިދާގެ ރަނގަޅު އެޓޭކްތަކާ އެކު 13-12 އިން ރާއްޖޭން ލީޑެއް ވެސް ނެގި އެވެ. މެލޭޝިއާ އިން އާ ހިތްވަރަކާ އެކު ކުޅެން ފަށައި، 14-15 އިން ލީޑުނެގުމާ އެކު ރާއްޖޭން ޓައިމްއައުޓެއް ނަގައި ޓީމު ހަމަޔަކަށް އަޅުވަން އިސްނެގި އެވެ. ޓައިމްއައުޓަށް ފަހު އަލުން ކުޅުން ފަށައި، ރާއްޖޭން 16-15 އިން ލީޑުނެގި އެވެ. އެ ވަގުތު ރެފްރީގެ ނިންމުމާ މެލޭޝިއާ ކޯޗު ހިތްހަމަނުޖެހުން ފާޅުކުރުމުން އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ.

އޭގެ ފަހުން، ރާއްޖޭގެ އެޓޭކްތައް ވަރުގަދަވެ، ރިސީވިންގައި ވެސް ތަފާތު ފެންނަން ފެށިއިރު، ރާއްޖޭން ސެޓު ނިންމުމާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފައި އޮއްވައި، މެލޭޝިއާ އިން ފަރަގު ކުޑަކުރަން ފެށުމުން ރާއްޖޭން ޓައިމްއައުޓެއް ނެގި އެވެ. ޓައިމް އައުޓަށް ފަހު ރާއްޖެ އަތުން އެއް ޕޮއިންޓް ގެއްލުނު ނަމަވެސް ދެން ލިބުނު ފުރުސަތުގައި ހައްވަ ރަނގަޅު ތަނަށް ބޯޅަ ވައްޓާލައި، ރާއްޖެ އަށް 25-23 އިން ސެޓު ގެންގޮސްދީ މެޗުން މޮޅުވާން އިތުބާރު ހޯދައިދިނެވެ.

މެލޭޝިއާގެ ކުޅުންތެރިއަކު ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ޖޫޒާން އާއި ނަރީމާ މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހަތަރު ވަނަ ސެޓު ފަށައިގެން މެލޭޝިއާގެ ފޯކަސް ގެއްލިފައި އޮތް ދަނޑިވަޅުގައި ރާއްޖޭން ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެެވެ. އެހެެން ނަމަވެސް ލަސްތަކެއް ނުވެ، މެލޭޝިއާ އިން ހެދުނު ގޯސްތަށް ހަމަޔަކަށް އަޅުވައި، 6-7 އިން ނަތީޖާ އަނބުރާލި އެވެ. ރާއްޖެ އަށް ލީޑު ގެއްލުނީ ރިސީވިން ދަށްވުމުގެ ސަބަބުންނެވެ. ފުލުފުލުގައި، މެލޭޝިއާ އިން އަށް ޕޮއިންޓް ސްކޯކުރިއިރު، އެ ޓީމުގެ ބްލޮކްތައް ވެސް ފެނުނީ ތަފާތުކޮށެވެ.

އަލުން ކުޅުން ރަނގަޅުކޮށް، ރާއްޖޭން 11-11 އިން އެއްވަރުކުރިއިރު، އެންމެ ރަނގަޅަށް ކުޅުނީ ޝަހާ ޝާމިން އެވެ. އޭގެ ފަހުން މެލޭޝިއާ އިން ލީޑު ދަމަހައްޓަމުން ދަނިކޮށް ރާއްޖޭން ވަނީ 17-16 އިން ލީޑެއް ނަގައިފަ އެވެ. އެހެން ނަމަވެސް އަލުން އެއްވަރުކޮށް، ފުލުފުލުގައި ރާއްޖެ އަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި، މެލޭޝިއާ އިން ލީޑުފުޅާކޮށް ފޯމުގައި ކުޅެން ފެށި އެވެ. އަދި މި ސެޓު 21-25 އިން ގެންގޮސް، ނަތީޖާ ނެރޭ ސެޓެއް ކުޅެން ތައްޔާރުވި އެވެ.

ނަތީޖާ ނެރެން ކުޅުނު ސެޓު ފަށައިގެން ދެ ޓީމަށް ވެސް ލިބޭ ލީޑުގެ ބޭނުމެއް ނުހިފިދިޔައީ ޕްރެޝަރުގައި ހެދޭ ގޯހެއްގެ ސަބަބުންނެވެ. މެލޭޝިއާ އިން 5-7 އިން ލީޑުނަގާފައި އޮއްވައި، ރާއްޖޭން ޓައިމްއައުޓެއް ނަގައި، ޓީމު ހަމަޔަކަށް އެޅުވި އެވެ. އަދި އަލުން ކުޅެން ނުކުމެ، 8-7 އިން ނަތީޖާ އަނބުރާލި އެވެ. އޭގެ ފަހުން ރާއްޖޭން ތަފާތު ރޫހެއްގައި ކުޅެލައި، ސެޓު 15-09 އިން ގެންގޮސް މެޗުން މޮޅުވި އެވެ. ރާއްޖެ އަށް ފަހު ވަގުތުގައި ތަފާތު ދައްކައިދިން އެއް ކުޅުންތެރިއަކި މި މެޗުގައި މުހިންމު ވަގުތުތަކުގައި ބަދަލަކަށް ކުޅެން އެރި، ފާތިމަތު ޝަމްހާ އެވެ. ސާވިސްތަކުގައި ވެސް ރަނގަޅަށް ބޭނުންހިފައި ޑިފެންސް ބޯޅަތަކުގައި ވެސް ޝަމްހާ ފެނުނީ މޮޅު ކުޅުމެއް ދެއްކިތަނެވެ.

މިއީ ރާއްޖޭގެ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން ވަނީ ފައިނަލުގައި ކުޅެ ރިހި މެޑަލް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox