ވަޒީރަށް މަގުތަކުގެ ދުވާރުގެ ފުޅާމިން ރަނގަޅު، އައްޑޫގެ މޭޔަރު އެދެނީ ކުޑަކޮށްދޭން!

އައްޑޫ ސިޓީ މަގެއް ހެދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން؛ ދުވާރު މާ ބޮޑުކޮށް ހެދުމުގެ ޝަކުވަތާއް ގިނަ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ މަގެއް ހެދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން؛ ދުވާރު މާ ބޮޑުކޮށް ހެދުމުގެ ޝަކުވަތާއް ގިނަ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގެ ދުވާރުގެ ބޮޑުމިން ފުޅާވެފައި، އެއްގަމު އުޅަނދުތައް ދުއްވަން އޮންނަ މަގުގެ ޖާގަ ކުޑަކަމަށް ޝަކުވާތަކެއް ހުރި ނަމަވެސް އޭގައި މައްސަލައެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ޑިޒައިނާ މެދު އެފަދަ ޝަކުވާތަކެއް ހުރި އިރު، އަންނަ ހޮނިހިރު ދުވަހު މިނިސްޓަރު އަސްލަމް އެ ސިޓީއަށް ވަޑައިގަންނަވާނެ އެވެ. އަދި، މި ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުން މަސައްކަތް ކުރައްވަން، ދެ ހަފުތާއަށް ވުރެ ދިގު މުއްދަތަކަށް މިނިސްޓަރު އެ ސިޓީގައި މަޑުކުރައްވާނެ އެވެ.

މަގުގެ ދުވާރުގެ ބޮޑުމިނާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރާއިރު، މަގުތަކުގެ ދުވާރު ބޮޑު ކުރުމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވެސް ބޭނުންވާ ކަން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ފާހަގަ ކުރެއްވި އެވެ.

"ޑިޒައިން [ސިޓީ ކައުންސިލަށް] ހިއްސާކުރަން ލާޒިމެއް ވެސް ނޫން، ބައެއް ފަހަރު ދެން ހިއްސާ ވެސް ކުރެވޭ، ދެން ފިޒިކަލީ މަސައްކަތް ފެށީމައި އަޅުގަނޑުމެނަށް ވެސް މި ފާހަގަ ކުރެވެނީ މައްސަލައެއް އެބަ އުޅޭ ކަން، ޕޭވްމަންޓް ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ވުރެ މާ ފުޅާކަން،" މޭޔަރު ވިދާޅުވި އެވެ.

އައްޑޫގައި ހިނގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮންމެ ހޯމަ ދުވަހަކު މިހާރު ވެސް ޕްލޭނިން މިނިސްޓްރީއާ އެކު އޮންލައިން ބައްދަލުވުމެއް ބާއްވަ އެވެ. އެ ބައްދަލުވުންތައް މެދުވެރިކޮށް އަދި ހައްލެއް އައިސްފައި ނެތަސް، މިނިސްޓަރު ވަޑައިގަތުމުން ހައްލުތަކެއް އަންނާނެ ކަމަށް މޭޔަރު ގަބޫލުކުރައްވަ އެވެ.

"ދުވާރުގެ ކަންކަން އަދިވެސް ހައްލުވެފައެއް ނެތް، މިނިސްޓަރު އައިމަ އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ގިނަ ކަންކަމަށް އަވަސް ހައްލުތަކެއް އަންނާނެ ކަމަށް، މި ހުރި ކަންކަން އަޅުގަނޑުމެން ހުށަހަޅާނަން،" މޭޔަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހިތަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ؛ ޔަސްރިފް
އައްޑޫ ސިޓީ ހިތަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ؛ ޔަސްރިފް

އައްޑޫ ސިޓީ ހިތަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ؛ ޔަސްރިފް

ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫގައި ތަރައްގީ ކުރާ މަގުތަކުގެ ދުއްވާ ތަކެއްޗަށް އޮތް ޖާގައާއި ދުވާރުގެ ފުޅާމިނަކީ، އާބަން ޕްލޭނިން މެނޭޖްމަންޓްގައި މިހާރު ބޭނުންކުރާ އެންމެ އެކަށޭނަ މިންވަރު ކަމަށެވެ.

"އާބަން ޕްލޭނިންގައި އެންމެ ރަނގަޅަށް އޮތް ސެޓެންޑަޑްގައި މަގުތަކުގެ ސްކޭލް އެ ހުރީ، ޕަބްލިކް ސޭފްޓީއާއި ވެހިކަލްތަކުގެ ސްޕީޑިން އެވޮއިޑްކުރުމަށް، އަދި ހިނގާބިނގާވެ އުޅުމަށާއި ގަސްގަހާގެހީގެ ފެހި މާހައުލަށް މަގުގައި ޖާގަ ދިނުމަށް އޮންނަ އެންމެ ރަނގަޅު ސްކޭލަށް،" އަސްލަމް ވިދާޅުވި އެވެ.

މަގުތަކުގެ ޑިޒައިނުގައި މިހާރު ހިމަނާފައިވާ ގޮތުން ގެތަކުގެ ކުރިމަތީގައި ގަސްގަހާގެހީގެ ބައެއް ހިމަނާއިރު، ދުއްވާ އުޅަނދުފަހަރު ސީދާ ގެއަށް ވަނުމުގައި ދަތިތަކެއް ހުންނަ ކަމުގެ ޝަކުވާތައް ވެސް އުޅޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މަގުގެ ގްރީން ސްޕޭސްއަށް ބަދަލެއް ގެނެވިދާނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހިންގެ އާދަކާދަ، މި ހުންނަ ގޮތަކީ، ސައިކަލު، ކާރު، ސީދާ ދުއްވާފައި ގޮސް، ގެއަށް ވައްދަން ބޭނުންވާނެ، ޕޭވްމަންޓް ކައިރީ މި އޮންނަ ގްރީން ސްޕޭސް، އެ ކަމަށް ޖާގަ ދެވޭ ގޮތަށް ބަދަލުތަކެއް ގެނެވިދާނެ،" އަސްލަމް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައި އޮންނައިރު، އެ މަސައްކަތަށް މަގުތަކުގައި ހޮޅި ވަޅު ނުލަނީސް، މަގުތައް ހެދުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނިން ބައެއް މަގުތައް ހެދުމުގެ މަސައްކަތް ފަށާފައިވެ އެވެ. އެހެންކަމުން، މަގުތައް ހެދުމަށް ފަހު އަނެއްކާ ވެސް އެ ކަމަށް މަގުތައް ކޮންނަން ޖެހޭތީ ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި، މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރާއި ފެނަކައާ ދެމެދު ކޯޑިނޭޝަން އަދި މުއާމަލާތް ކުރުމުގެ މައްސަލަތަކެއް އެބަ އުޅެ އެވެ. އަދި, އަސްލަމް އައްޑުއަށް ވަޑައިގެން، އެ މައްސަލަތަކަށް ވެސް ހައްލުތަކެއް ގެނެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ފެނަކައިގައި އެތައް ފަހަރަކު ބުނެފައިވާނެ، މަގު ހެދުމުގެ ކުރިން އޭގެ ކަނެކްޝަންތައް ހަދާށޭ، ފެނަކައިން އެ ކަން ނުވާތީ، މަގު ނުހެދި ތިބެން ޖެހެނީ، ލަސްވަނީ، ލަސްވަނީ، އެހެން ލަސްވާން ފެށީމަ، ކޮންޓްރެކްޓަރުގެ އެ މަސައްކަތް ނިންމަން ކޮންމެ ވެސް ގޮތެއް ހަދަން ފަށާނެތާ،" އަސްލަމް ތަފްސީލްކޮށްދެއްވި އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރަމުން އަންނަ މަސައްކަތެކެެވެ. ފެންހިންދާ ނިޒާމާއެކު 107 ކިލޯމީޓަރުގެ މަގު ހަދާ، ސީސީޓީވީ އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ސްކީމުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox