ގަޒިއަންތެބު (ފެބްރުއަރީ 06) - ހޯމަ ދުވަހު ތުރުކީ އަދި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީގެ އެންމެ ގަދީމީ އެއް ބިނާ ކަމަށްވާ ގަޒިއެންތެބު ކިއްލާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މީގެ 2،200 އަހަރު ކުރިން ބިނާ ކުރެވި ރޯމަނުންނާއި އޮޓަމަނުން ބޭނުންކުރި މި ކިއްލާއަކީ މިހާރު އާސާރީ ތަރިކައެކެވެ. އަދި ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރާ މަންޒިލެކެވެ.
ތުރުކީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބިންހެލުމާއެކު ގަޒިއެންތެބު ކިއްލާގެ ބައިތައް ވަނީ ބިމާ ހަމަވެފަ އެވެ. އެގޮތުން އެ ކިއްލާގެ ފާރުތައް ފުނޑުފުނޑުވެ ވަށައިގެންހުރި މަގުތަކަށް ފައިބާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި އެ ކިއްލާގެ ވަށައިގެން ހުރި ދަގަނޑު ފެންސުތައްވެސް ހަލާކުވެ ވަށައިގެންހުރި މަގުތަކަށް ބުރައިގެން ގޮސްފައިވާ ކަމަށް ސީއެންއެންއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
މީގެ އިތުރުން އެ ކިއްލާއާއި ޖެހިގެން ހުންނަ ސިރްވަނީ މިސްކިތުގެ ފާރުން ބައެއްވެސް ބިންހެލުމުގައި ވަނީ ވެއްޓިފަ އެވެ. މިއީ 17 ވަނަ ގަރުނުގައި ބިނާކުރެވުނު މިސްކިތެކެވެ.
ހޯމަ ދުވަހުގެ ބިންހެލުމަށްފަހު ތުރުކީ އަދި ސީރިއާއަށް ވަނީ އެކިވަރުގެ 50 ލޮޅުން އައިސްފަ އެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ދައްކާގޮތުން، މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 4،000 އަށް އަރާފަ އެވެ. އަދި 2،800 އަށްވުރެ ގިނަ އިމާރާތް ބިމާހަމަވެ އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
ދުނިޔޭގެ ސިއްހީ އިދާރާއިން ރޭ ބުނި ގޮތުގައި މި ހާދިސާގައި މަރުވާ މީހުންގެ އަދަދު 20،000 އަށް އަރާނެ ކަމަށް ބެލެވެ އެވެ.










