ލަންޑަން (ފެބްރުއަރީ 4) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، މޭސަން ގްރީންވުޑް ގެވެށި އަނިޔާ އަށް ތުހުމަތުކުރާ މައްސަަލައެއްގައި ހައްޔަރުކުރިއިރު، ފަހުން ވަނީ އޮރިޔާންކާޑާ ގުޅޭ މައްސަލަތަކެއްގެ ވެސް ތަހުގީގު ކުރިއަށް ގެންގޮސްފަ އެވެ.
އެކަމަކު، ކޯޓުގައި، ގްރީންވުޑްގެ އެ މައްސަލަތައް ކުރިއަށްގެންދަން ހެކިބަސް ދޭނެ ފަރާތެއް މިހާރު ނެތުމުން ސަލާމަތްވާނެކަން ޔަގީންވެފަ އެވެ. އެހެން ނަމަވެސް، ގްރީންވުޑް، 21، އަށް ޔުނައިޓެޑުން ދީފައިވާ ސަސްޕެންޝަން އުވާލާނީ އެ ކްލަބުން ބަލަން ޖެހޭ ހުރިހާ ކަމެއް ސާފުކުރުމަށް ފަހު ކަމަށް ޔުނައިޓެޑުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ގެވެށި އަނިޔާއެއްގެ މައްސަލައެއްގައި ގްރީންވުޑް ހައްޔަރުކުރުމާ އެކު، ޔުނައިޓެޑުން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު، ގްރީންވުޑްގެ މައްސަލަ، ކޯޓުގައި ކުރިއަށްގެންދިޔައިރު، އިނގިރޭސި ކްރައުން ޕްރޮސެކިއުޝަން ސާވިސް އިން ބުނީ މައްސަލަ ކުރިއަށްގެންދަން ހެކި ދޭން ތިބި ފަރާތްތައް މިހާރު އެގޮތަށް ކުރިއަށްދާން ބޭނުންނުވާ ކަމަށެވެ.

ގްރީންވުޑް، ކޯޓު އަޑުއެހުމަކަށް ހާޒިރުވަނީ: ގްރީންވުޑާ ދެކޮޅަށް އުފުލާ މައްސަލަތަކުގައި ހެކިބަސް ދޭނެ ފަރާތެއް މިހާރު ނެތުމުން އޭނާ މިނިވަން ވުމުގެ ފުރުސަތު ބޮޑު.
އިނގިރޭސި މީޑިއާ އިން މި ވަގުތު ގްރީންވުޑްއާ ގުޅޭގޮތުން އޮޅުންފިލުުވަން ބޭނުންވަނީ ޔުނައިޓެޑުން އަލުން އަނބުރާ އޭނާ އަށް ފުރުސަތު ދޭނެތޯ އެވެ. އެހެންވެ، އެކަމާ ބެހޭ ގިނަ ސުވާލުތަކެއް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އަށް ވަނީ އަމާޒުވެފަ އެވެ.
"ކްލަބުން ނެރެފައި އެ އޮތް ބަޔާނަށް ވުރެ އިތުރަށް އަހަަންނަށް ތިކަމުގައި (ގްރީންވުޑްއާ ގުޅޭގޮތުން) އެއްވެސް އެއްޗެއް ބުނެވެން ނެތް، އަހަރެން މި ވިސްނަނީ ފުޓްބޯޅައިގެ ކަންކަމަށް. ކުރިއަށް އޮތް މެޗަށް، ތި ދައްކާ ވާހަކައާ މެދު ކްލަބުން އެ އޮތީ ބަޔާނެއް ނެރެފައި، އެ އަށް ވުރެ އިތުރަށް ބުނެދޭނެ އެއްޗެއް ނެތް،" އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެން ހާގް ބުންޏެވެ.
މީޑިއާގައި ގްރީންވުޑްއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް މި ވަގުތު ސަމާލުކަން ނުދީ ޔުނައިޓެޑްގެ ކުޅުންތެރިން މެޗަށް ފޯކަސް ކުރަން އެ ޓީމުގެ ކޯޗު ޓެން ހާގް ވަނީ އެދިފަ އެވެ.
ލީގުގައި މިރޭ ޔުނައިޓެޑުން ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:00 ގަ އެވެ.












