ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގި މައްސަލައެއްގައި އެ ރަށު ކައުންސިލް ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ވެގެން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ނަގައިގެން ބޭނުންކޮށްފައިވާ ކަން އެ އިދާރާއަށް ސާބިތުވެފައިވާ ކަމަށެވެ.
އެ މައްސަލާގައި ފީވަކު ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ 83،525 ރުފިޔާއިންނެވެ. ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެ ކައުންސިލަށް އީޕީއޭއިން އަންގާފައިވެ އެވެ.













