ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އަށް ކުޅެމުން އަންނަ ޓޯޕޫ ބަރްމަން އާއި މަހުމޫދު ހަސަން ކިރޯން އަށް އާޖެންޓީނާގެ ކްލަބަކުން ފުރުސަތު ލިބިއްޖެ އެވެ.
ޓޯޕޫ އާއި މަހުމޫދަށް ފުރުސަތު ލިބިފައިވަނީ އާޖެންޓީނާގެ ތިން ވަނަ ޑިވިޝަންގެ ކްލަބް، ސޯލް ޑެ މާޔޯ އިންނެވެ. ސަތޭކަ އަހަރެއްހާ ދުވަސްވެފައިވާ ކްލަބް، ސޯލް ޑެ މާޔޯ އަކީ އާޖެންޓީނާގެ ގިނަ މީހުންތަކެއްގެ މެދުގައި މަގުބޫލު ޓީމެކެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަަމަށްވާ، ޑާކާ ޓްރިބިއުން އަށް ދިން އިންޓަވިއުއެއްގައި ޓޯޕޫ ބުނީ މިދިޔަ ވޯލްޑް ކަޕްގެ ދުވަސްތަކުގެ ތެރޭގައި ސޯލް ޑެ މާޔޯގެ ހުށަހެޅުން ލިބުނު ކަމަށާއި އެ އޮފާއާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ބަޝުންދަރާ ކިންގްސްއާ އެކު، އޭނާގެ ކޮންޓްރެކްޓެއް އޮތުމުން، އެ ކްލަބުން ހައްލުކުރަން ޖެހޭ ކަންތައްތަކެއް ވެސް މީގެ ހިމެނޭތީ ކަމަށް ޓޯޕޫ ވަނީ ބުނެފަ އެވެ.
"އަހަންނަށް އެ ކްލަބަށް ބަދަލުވެވިއްޖެނަމަ އެއީ ފުޓްބޯޅަ ކެރިއަރަށް ވަރަށް ފައިދާކުރާނެ ކަމެއް. ފައިނޭންޝިއަލީ ބެލިޔަސް އާޖެންޓީނާ ކްލަބުން ލިބުނު ހުށަހެޅުން ރަނގަޅު، ގާތްގަނޑަކަށް 12000 ޑޮލަރު ލިބޭ މަހަކަށް ބަލާނަމަ، މިއީ ރަނގަޅު އަދަދެއް،" ބަންގްލަދޭޝް ގައުމީ ޓީމުގެ ވެސް މުުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޓޯޕޫ ބުންޏެވެ.
ސޯލް ޑެ މާޔޯގެ ހުށަހެޅުމާ ގުޅޭގޮތުން ޓޯޕޫ އާއި މަހުމޫދު ނިންމާ ގޮތެއް ހަފްތާއެއްހާ ދުވަސްތެރޭ އަންގަންޖެހެ އެވެ.
މިހާރު އޮތް ގޮތުން ބަންގްލަދޭޝްގެ ޑޮމެސްޓިކް ސީޒަން ނިމެނީ އެންމެ އަވަހަށް ވެސް އަންނަ އަހަރުގެ ޖޫން އަށެވެ. އާޖެންޓީނާގެ ޑޮމެސްޓިކް ސީޒަން މާޗް މަހު ފަށާނެ އެވެ. އެހެންކަމުން، ޓޯޕޫ އާއި މަހުމޫދަށް ގޮތެއް ނިންމެން އޮތީ ބަޝުންދަރާ އިން ދޫ ދީގެންނެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ އަންނަ ޖޫން މަހު، ޑާކާގައި މެޗެއް ކުޅެން މަޝްވަރާ ކުރަމުންނެވެ. އެކަމަކު، ރަސްމީކޮށް އެ މެޗު ތާވަލުުކުރެވުނުކަން ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ހާމަކޮށްފައިނުވެ އެވެ.












