ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވަމުން އަންނައިރު، ދެ ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ވެސް ވަނީ ވަރުގަދަވާން ފަށައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2018 ވަނަ އަހަރު ވެރިކަން ހޯދައިދިނީ އެ މަނިކުފާނު ކަމަށާއި މި ފަހަރު ރައީސް ސޯލިހު ވެރިކަމުން ބާލާނީ ވެސް އެ މަނިކުފާނު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކޮށްފައި އޮއްވައި، ނަޝީދަށް ރައްދު ދެއްވައި ރައީސް ސޯލިހު ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށެވެ.
ޕްރައިމަރީގެ ކެމްޕޭނުގައި ބ.ހިތާދޫގައި އިއްޔެ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ނެރުނީ އޭރު ހުރިހާ ސިޔާސީ ލީޑަރުން ބަންދުގައި ތިބުމުން ކަމަށެވެ.
"އެހެންވީމާ އެއްވެސް މީހަކަށް ނެތް 2018ގައި ނުކުމެ އިންތިހާބުގައި ބައިވެރިވެވޭކަށް، އެހެންވެ ހުރިހާ އެންމެން އެކުގައި އެ ދުވަހު ނިންމީ ރައީސް ސޯލިހު އަޅުގަނޑުމެން ނެރުމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ރައީސް ސޯލިހު ނެރުނީ 18 މަސް ދުވަސް ވެރިކަން ކުރައްވާ ގޮތަށް ކަމަށާއި އެމްޑީޕީ މެނިފެސްޓޯގައި ވެސް އެ ވާހަކަ ލިޔެފައި އޮންނާނެ ކަމަށެވެ.

ރައީސް ސޯލިހުގެ ވިސްނުން ހުރީ ދެ ވަނަ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ތިން ވަނަ ދައުރެއް ހޯއްދެވުމަށް ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
އެހެންނަމަވެސް، ރައީސް ސޯލިހު ކުރިމަތިލައްވައިގެން އެމްޑީޕީއަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވާ ވާހަކަ އެމަނިކުފާނު އަނެއްކާވެސް ވަނީ ތަކުރާރުކުރައްވާފަ އެވެ.
"ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑުކަން، ރައީސް ސޯލިހު ވެރިކަމުން ބާލަން ވެސް ހަމަ އުޅޭނީ އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން،" ނިންމާލަމުން ވެސް ނަޝީދު ވިދާޅުވި އެވެ.
މި ވާހަކަފުޅުތަކަށް ރައީސް ސޯލިހު ރައްދު ދެއްވީ ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަަވަމުންނެވެ.
"ވެރިކަން، ވެރިކަން ނޫން އެއްޗެއް [ނަޝީދަށް] ނެތް، [ވެރިކަމުގެ] ނިޒާމު ބަދަލުކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް، ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެނގޭނެ،" ނަޝީދުގެ ނަން ވިދާޅުނުވެ، ނަމަވެސް ނަޝީދު ދެއްކެވި ވާހަކައަށް އިޝާރަތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި އެކަކަށް އެންމެ ގިނަވެގެން ވެސް ހުރެވޭނީ ރިޔާސީ ދެ ދައުރަކު ކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު އެއަށް ވުރެ ދިގު މުއްދަތަކު ވެރިކަމުގައި ހުންނަވަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
ރައީސް ސޯލިހު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށާއި، ރިޔާސީ އިންތިހާބެއްގައި ދެވަނަ ފަހަރަށް ވާދަކުރައްވަން ނުކުންނެވީ އެ ނިޒާމަށް ތާއީދުކުރައްވާތީ ކަމަށް ވިދާޅުވި އެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާނަމަ ރިޔާސީ އިންތިހާބަށް ނުނުކުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނެތިން ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރާކަށް ވެސް. އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާނަމަ ރިޔާސީ އިންތިހާބެއްގައި ވާދަކުރާކަށް ނުހުރީސް،" ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
"ވެރިކަމަށް އައީ އެންމެ މީހެއްގެ ތާއީދަކު ނޫން"
ބ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން ނަޝީދު ދެން ވިދާޅުވި ވާހަކައަކީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އެމްޑީޕީގެ ސަޕޯޓަރުން ގާތުގައި އެދުނު މީހަކީ ވެސް އެމަނިކުފާނު ކަމަށާއި، ވެރިކަމުން ބާލަން މަސައްކަތް ކުރައްވަން ވެސް މިހާރު ނުކުމެ ހުންނެވީ އެމަނިކުފާނު ކަމަށެވެ.
"ވެރިކަން ދިނީ ތިމަންނައޭ، ބަދަލުކުރާނީ ވެސް ތިމަންނައޭ. ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ، ކާކަށްތޯ އެހެން މީހަކަށް ވެރިކަން ދެވޭނީ. އަޅުގަނޑު ހިތުން، ﷲގެ އަޅުންނަށް އޮންނަނީ މަސައްކަތް ކުރުން. ވެރިކަމަކީ އެ ފަރާތުން ދެއްވާ އެއްޗެއް," ނަޝީދުގެ އެ ވާހަކައަށް ވެސް ރައީސް ރައްދު ދެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 138،000 އެއްހާ މީހުންގެ ވޯޓުން ކަމަށެވެ. އެއީ އެންމެ މީހެއްގެ ތާއީދަކުން ކުރެވުނު މަސައްކަތެއް ނޫން ކަމަށް ރައީސް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑަށް މި މަގާމަށް އާދެވުނީ އެންމެ މީހެއްގެ ތާއީދަކާ އެކުގައެއް ނޫން. އެތައް ހާސް ރައްޔިތުންގެ ތާއީދާއި ވޯޓުން، ވެރިކަމުގައި ދެމި މި ހުރެވުނީ ވެސް އެންމެ މީހެއްގެ ތާއީދަކާ އެކުގައެއް ނޫން. ތި އެންމެހާ މީހުންގެ ތާއީދާއި މަދަދާއި އެއްބާރުލުން ލިބިގެން،" ރައީސް ވިދާޅުވި އެވެ.
ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިހާބެވެ. ރައީސްކަން ކުރިން ކުރެއްވި ބޭފުޅަކާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާ އިންތިހާބުގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.
މުހިންމު ބައެއް ހަބަރުތައް
- މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދީ ހަމަނޭވާ ލެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަ ރިޕޯޓުކުރީ އިއްޔެ އެވެ.
- އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތް ކަމަށާއި، ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުކުންނަވާތީ އެ ކަން ބޭނުންފުޅުނުވީ ކަމަށް ޝާހިދު ވިދާޅުވީ އިއްޔެ އެވެ.
- އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް އިއްޔެ އެ ޕާޓީން ފެށި އެވެ.
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ވެހިކަލަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އިއްޔެ އަތުލި އެވެ.
- އޯކިޑު މަގުގައި ހުންނަ އީވްނިން ކެފޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.
ދުވަހު ކޯޓޭޝަން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ވާދަވެރި ކެންޑިޑޭޓު މުހައްމަދު ނަޝީދު ދެއްވި ބަހުގެ ހަމަލާތަކުގައި ރައްދުގައި ރައީސް ސޯލިހު ވިދާޅުވި އެވެ؛
ވެރިކަން، ވެރިކަން، ނޫން އެއްޗެއް [ނަޝީދަށް] ނެތް، [ވެރިކަމުގެ] ނިޒާމު ބަދަލުކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް، ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެނގޭނެ،"
ދުވަހުގެ ފޮޓޯ

އީވްނިން ކެފޭގައި ރޭ ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު












