މިހާތަނަށް ރިކޯޑު ކުރެވުނު އެންމެ ގިނަ އެއާ ޓުރެފިކް މޫވްމަންޓާ އެކު މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިކޯޑު މުގުރާލެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެ ކުންފުނީގެ އޮޕަރޭޝަންތަކުގެ ބައިވެރިންނާއި އެމްއޭސީއެލްގެ މުވައްޒަފުންނަށް މަރުހަބާ ކިޔައި ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ ހޮނިހިރު ދުވަހު ވީއައިއޭގައި 856 އެއާ ޓުރެފިކް މޫވްމަންޓު ރިކޯޑު ކުރެވިފައިވާ ކަމަށެވެ. އެއީ 251 ވީލްބޭސް މޫވްމަންޓާއި 605 ސީޕްލޭން މޫވްމަންޓެވެ.
މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ އެއާ ޓުރެފިކް މޫވްމަންޓު ނުވަތަ އޭޓީއެމް ރިކޯޑު ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް، ޝައްމާން ޝާކިރު "އަދަދު" އަށް ވިދާޅުވީ ވީއައިއޭގެ މޫވްމަންޓު އެ މިންވަރަށް އިތުރުވެެފައިވަނީ ރާއްޖޭގެ ޓުއަރިސްޓު ފެސިލިޓީތައް އިތުރުވުމާއި ސީޕްލޭންތަކުގައި ދަތުރު ކުރާ ފަސިންޖަރުންގެ އަދަދު އިތުރުވުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ އޭޓީއެމްތައް މިހައި އިތުރުވެފައި ވަނީ ސީޕްލޭންގައި ދަތުރު ކުރާ ފަސިންޖަރުންގެ އަދަދު އިތުރުވުމާއި ރާއްޖޭގެ ޓުއަރިސްޓު ފެސިލިޓީތައް އިތުރުވުމުން،" އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ވީއައިއޭގެ ރިކޯޑެއް ހަދާފައިވާއިރު، މި ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރުކަމުން ރާއްޖެއަށް ވިލާތުގެ ގައުމުތަކުން ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް އަންނަ ދުވަސްވަރެވެ.
ޓުއަރިޒަމް މިނިސްޓަރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އެންމެ ފުރަތަމަ ހަތަރު ދުވަހު ވެސް ރާއްޖެއަށް 22،297 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.











