މާހިން: ގިނަ ބައެއްގެ އިހުތިރާމް ހޯދަމުން އަންނަ 13 އަހަރުގެ އަންހެން ރެފްރީ

ޒުވާން އަންހެން ރެފްރީ މާހިން: އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އަންހެން ރެފްރީ.--- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޒުވާން އަންހެން ރެފްރީ މާހިން: އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އަންހެން ރެފްރީ.--- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން މިދިޔަ އަހަރުތަކުގައި ކުރިއަށްގެންދިޔަ ބޭސިކް ރެފްރީ ކޯސް ފުރިހަމަކުރި، ޝަރީފަތު މާހިން (ކަނބޯ)ގެ ވާހަކަ ފަށަން ޖެހެނީ މީގެ 12 އަހަރު ކުރިން 2010ގެ ވޯލްޑް ކަޕާ ހިސާބުންނެވެ.

ޓީވީއެމުން ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކާ އެކު ގެނެސްދެމުން އަންނަ "ދަނޑުފޯރި" ތައްޔާރުކުރުމަށް މާހިންގެ ބައްޕަ، ކުރީގެ ކެމެރާމަން، މުހައްމަދު އަބްދުލް ޣަފޫރު (ކުޑޭ) އޭރު އޭނާ ގޮވައިގެން ދިޔައިރަކު ފުޓްބޯޅަ އަށް އޭނާގެ ހިތް މިހާވަރަށް ދެވޭނެ ކަމަށް މާހިން އުއްމީދެއް ނުކުރެ އެވެ.

"ކުޑޭ، އޭރު ދާނެ މާހިން ކުޑަކުޑައިރު އޭނާ ގޮވައިން ޓީވީއެމް އަށް. ދަނޑުފޯރި ތައްޔާރުކުރާއިރު މާހިން އިންނާނެ ކުޑޭގެ ކައިރީގައި" ކުރީގެ ހަނދާންތައް އާކުރަމުން މާހިންގެ މަންމަ، "އަދަދު" އަށް ބުންޏެވެ.

މާހިންގެ މަންމަ އާއި ބައްޕަ އަކީ އެންމެ ކުރީއްސުރެން ވެސް ފުޓްބޯޅަ އަށް އެހާމެ ލޯބި ކުރާ ދެ މީހުންނެވެ. ނަމަވެސް އާއިލާގެ އެންމެ ހަގު ދަރިފުޅު ފުޓްބޯޅައިގެ ރެފްރީކަމުގެ ތެރެއަށް ނުކުންނާނެ ކަމަށް އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ.

ރެފްރީސް އެސޯސިއޭޝަންގެ ދަށުން ހިންގަމުން އަންނަ ރެފްރީސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގި ކޯހުގައި މާހިން ބައިވެރިކުރަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެ އެސޯސިއޭޝަންގެ އިސްކޮށް ތިބި ރެފްރީންނަށް މާހިންގެ މަންމަގެ އޮތް އިތުބާރާއި މާހިން އަށް މިފަދަ ދާއިރާއަކުން ކުރިއަށްގޮސް ނަމޫނާ މީހަކަށް މާހިން ހެދުމެވެ.

"އަސްލު މާހިންގެ ސެލްފް ކޮންފިޑެންސް ކުރިން ވަރަށް ދަށްވާނެ، އެހެންމެ އެކަން ރަނގަޅުވާނެ ކަހަލަ ކަމަކަށް އޭނާ ނެރެން ބޭނުންވީ. ދެން ރެފްރީ އެސޯސިއޭޝަންގަ އުޅޭ އިޒުހާން ބުނީ މާހިން ރެފްރީ ކަމުގެ ތެރެއަށް ނެރެން ރަނގަޅުވާނެއޭ،" މާހިންގެ މަންމަ ބުންޏެވެ.

"އިޒުހާން އަކީ ވަރަށް ކުރީސުރެ އާއިލާއާ ވަރަށް ގާތް މީހެއް. އެހެންވެ މާހިން މިކަމުގައި ބައިވެރިކުރަން ނިންމީ"

މާހިން: ރާއްޖޭގައި މި ވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުޅަދާނަ ރެފްރީ، މާހިންގެ އުންމީދަކީ މިކަމުން ދެވުނު އެންމެ ކުރިއަކަށް ދިއުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާހިން ފުރަތަމަ ރެފްރީ ކޯސް ހަދަން ނުކުތީ ފުޓްބޯޅައިގެ މާ ގިނަ ކަންކަން އެނގިގެނެއް ނޫނެވެ. އެކަމަކު، ކޯސް ކުރިއަށް ދިޔަ ވަރަކަށް އާ ކަންކަން ދަސްކޮށް މިހާރު އޭނާ މިދާއިރާގައި ހުރީ ނުހަނު ޝައުގުވެރިކަމާ އެކުގަ އެވެ.

ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުން ފުޓްބޯޅަ ރެފްރީ ކަން ކުރުމުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަމުން، އުނގެނެމުން، އޭނާ ދައްކަމުން އަންނަ ކުރިއެރުމަށް އެންމެ ބޮޑަށް ފާހަގަކުރަނީ އޭނާގެ އެއް އެދުރުކަމަށްވާ ކުރީގެ ފީފާ ރެފްރީ ފުޓްބޯޅަ ރެފްރީންގެ ޖަމިއްޔާގެ އެގްޒެކްޓިވް ކޮމިޓީ މެންބަރު އިސްމާއިލް އިޒްހާން އެވެ.

"މާހިން އަކީ ވަރަށް ވިސްނުން ތޫނު ކުއްޖެއް. ކިޔައިދޭ އެއްޗެހި ވަރަށް ފަސޭހައިން ނަގައިގަންނާނެ. އަބަދުވެސް އަޑުއަހާނެ. ކުޅިވަރުގެ އަހުލާގުވެސް ވަރަށް ރަނގަޅު ކުއްޖެއް. މާހިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ކުރިއަށްދިޔަ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑު ބުނާނީ މިއީ އޭ" މާހިންއާ ބެހޭގޮތުން، އިޒުހާން، "އަދަދު" އަށް ބުންޏެވެ.

މާހިން އަކީ ކިޔެވުމާއި ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައި ވެސް ވަރަށް ފުރިހަމަ ކާމިޔާބީ ހޯދަމުން އަންނަ ކުއްޖެކެވެ. ރެފްރީކަން ނުކުތުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހިންގަމުން އަންނަ ސާއިދު އެކަޑެމީގައި ވެސް ތަމްރީންތަކެއް ހަދައިފަ އެވެ.

ރެފްރީކަމުގެ ތެރެއަށް ނުކުތްއިރު މާހިންގެ ފިޓްނަސް ރަނގަޅުވުމަކީ އޭނާ އަށް މިކަމުގައި ކުރިއަށްދާން ލިބުނު އިތުރު ފަސޭހައެއްގެ ގޮތުގައި އިޒުހާން ފާހަގަކުރެ އެވެ.

މާހިން ރެފްރީކަން ކުރަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އަހަރެއްހާ ދުވަސްތެރޭގައި އޭނާ ވަނީ ގިނަ މެޗުތަކެއްކޮށް މި ދާއިރާގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދައިފަ އެވެ. ކުރިން ފުޓްބޯޅައިގެ މެޗުތައް ބެލުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތް ނަމަވެސް އޭނާ މިހާރު އަންނަނީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ލީގުތައް ބަލައި ރެފްރީންގެ އެކި އެކި ކަންކަން ދެނެގަނެ ދަސްކުރަމުންނެވެ.

އެފްއޭއެމް ޔޫތު ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެެއިން މާހިން (މ).-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މިހާތަނަށް މާހިން ރެފްރީކަންކުރި މެޗުތަކަށް ބަލާއިރު، އެފްއޭއެމުން ހިންގި 14 އަހަރުން ދަށުގެ ފުޓްބޯޅަ ލީގާއި، 12 އަހަރުން ދަށުގެ ލީގުގެ އިތުރުން އިންޓަ ސްކޫލް މުބާރާތާއި، އެފްއޭއެމުން ހިންގާ އެހެނިހެން ފެސްޓިވަލްތަކާއި ރެކްރިއޭޝަނަލް މުބާރާތްތައް ހިމެނެ އެވެ. ހުރިހާ މުބާރާތެއް އެއްކޮށް ގާތްގަނޑަކަށް 50 އާއި ގާތްކުރާ އަދަދަކަށް މެޗުގައި މާހިން އަށް އެކި އެކި ގޮތް ގޮތުން ބައިވެރިވެވިފައިވާނެ އެވެ.

"އެންމެ އުނދަގުލީ ފޯތު އޮފިޝަލަކަށް ހުންނަން. އެއީި ދެ ޓީމުގެ ކޯޗުންނާއި، ކުޅުންތެރިން ބެންޗުގައި ބައިތިއްބަން އަބަދު ބުނަން ޖެހޭނެ. އަނެއްކާ ބައެއް ފަހަރު އަޑެއްވެސް ނާހާނެ. އެކަމަކު ވަރަށް އެންޖޯއީ ކުރަން ކޮންމެ ޒިންމާއެއް ލިބުނަސް" ރެފްރީކަން ކުރުމުގެ ދަތުރުގައި މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތައް ހިއްސާކުރަމުން މާހިން، "އަދަދު" އަށް ބުންޏެވެ.

މާހިން މިހާތަނަށް ރެފްރީކަންކުރި ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ރިސޯޓެއްގައި ބޭއްވި މުބާރާތެއްގެ ފައިނަލް މެޗާއި، އިންޓަ ސްކޫލް މުބާރާތުގެ 19 އަހަރުން ދަށުގެ ފައިނަލް ފާހަގަކޮށްލެވެ އެވެ. ރިސޯޓް މުބާރާތުގެ ފައިނަލް މެޗުގައި އޭނާ ލައިން ބަލަހައްޓަން ނުކުތީ ރާއްޖޭގެ މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ރެފްރީ ފީފާ ރެފްރީ ޖައުފަރު ރަޝީދު އާއި އެފްއޭއެމް ރެފްރީ މުހައްމަދު ނިއުޝާދާ އެކުގަ އެވެ. އިންޓަ ސްކޫލް ފައިނަލުގައިވެސް މާހިން ނިކުތީ ދިދަ ހިފައިގެން ލައިން ބަލަހައްޓާށެވެ.

މާހިން ބުނަނީ ސީނިއާ ރެފްރީންނާ އެކު ލިބޭ ކޮންމެ ފުރުސަތަކީ ވެސް ގިނަ ކަންކަން ދަސްވާ ފުރުސަތެއް ކަމަށެވެ. އަދި މިހާތަނަށް ދަނޑުމައްޗަށް ނުކުތް ކޮންމެ މެޗަކީވެސް ވަރަށް ތަފާތު ތަޖުރިބާތަކެއް ހާސިލްވި ކަމެއްގެ ގޮތުގައި މާހިން ދެކެ އެވެ.

"ސީނިއާ ރެފްރީންނާއެކު ވަރަށް ފަސޭހަ. އަބަދުވެސް ކިޔައިދޭނެ. އެހެންވީމަ އެއްވެސް ވަރަކަށް ނީނދޭ ޕްރެޝަރެއް ވެސް. މެޗަށް އަރާއިރު ކުޑަކޮށް ބިރުގަތް ކުރީކޮޅުގައި. އެކަމަކު މިހާރު އޯކޭ. ކުރީގަވެސް މިހާރުވެސް މެޗު ފެށީމަ ފުލް ފޯކަސް އިންނަނީ މެޗަށް. އެހެންވީމަ އެއްވެސް ވަރަކަށް ބިރެއް ނުގަނޭ." މިވަގުތު ރާއްޖޭގައި ރެފްރީ ކޯސް ފުރިހަމަކޮށްގެން ހުރި އެންމެ ހަގު ރެފްރީ، މާހިން ބުންޏެވެ.

މާހިން އަށް މި ދާއިރާގައި ކުރިއަށްދިޔުމަށް ރެފްރީސް އެސޯސިއޭޝަނުން ލިބޭ އެއްބާރުލުމާ އެކު އޭނާގެ މަންމަގެ ނަން ފާހަގަކުރެ އެވެ. މާހިން މިހާތަނަށް ރެފްރީކަންކުރި ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް އޭނާގެ މަންމަ ދަނޑުގައި ހުރެ އެވެ.

"ދަނޑުގައި ހުންނަނީ ސަޕޯޓަރުންގެ ތެރޭގައި. އޭރުން އިވޭ ހަމަ ރެފްރީންނާ ދިމާއަށް ކިޔާ އެއްޗެހި. މާހިން މަންމަ ބޭނުންވަނީ އަންހެން ރެފްރީންނަށް މިކަން ވާނެކަން މާހިން ދައްކައިދޭން އެންމެންނަށް ވެސް. ކުރިން ކުޑަކޮށް ދީމާކުރި މީހުން ތިބި. އެކަމަކު މިހާރު ވަރަށް ސަޕޯޓް ލިބޭ. އެކަމަކުވެސް ހަމަ މި ދާއިރާ އިން އެހެން ކުދިންވެސް ނުކުމެ ކާމިޔާބު ހޯދޭނެކަން މާހިން ދައްކައިދޭނެކަމުގެ އިތުބާރު އެބައޮތް" މާހިންގެ މަންމަ ބުންޏެވެ.

ރެފްރީކަމުގެ ތެރެއިން އަންހެން ކުދިން ފެންނަނީ ވަރަށް މަދުންނެވެ. މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބައެއް މެޗުތަކުން އަންހެން ރެފްރީން ފެނުނެވެ. ނަމަވެސް މަޑުމަޑުން އެ ރެފްރީންވެސް ފެނުނީ މިކަމާ ދުރަށް ޖެހިލިތަނެވެ.

މާހިންއާ އެކު ރެފްރީ ކޯސް ހެދި އިތުރު ތިން އަންހެން ކުދިންނަށް ވެސް ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެންމެ އެކަށީގެންވާ ވަގުތު މިކަމަށް ނުދެވެ އެވެ. ނަމަވެސް މާހިން ހުރީ މިކަމަށް ވަގުތު ދީގެން ދެވުނު އެންމެ ދުރަކަށް ދިޔުމަށް ތައްޔާރުވެގެންނެވެ.

19 އަހަރުން ދަށުގެ އިންޓަ ސްކޫލްގެ ފައިނަލް މެޗުގެ ރެފްރީންގެ ޓީމާއި މެޗު ކޮމިޝަނަރު: މި މެޗުގައި މާހިން (ކ) ވަނީ އޮފިޝަލްކަން ކޮށްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެފްއޭއެމުން ކުރިއަށްގެންދިޔަ ޒުވާން އުމުރުފުރާތަކުގެ މެޗުތަކަށްފަހު މިހާރު މާހިންގެ އަމާޒު ހުރީ އިތުރު ކަންކަން ދަސްކޮށް ރާއްޖޭގެ އެންމެ މަތީ ފަންތީގެ މެޗުތައް ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އޭނާގެ އުއްމީދަކީ ރާއްޖެއިން ބޭރުގައިވެސް މެޗުތައް ކޮށް ފީފާގެ ބެޖު ހޯދާ ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފް ހޯދުމެވެ.

"އަދި ވަރަށް ގިނަ މެޗުތަކެއް ކޮށްގެން އެންމެ ޓޮޕަށް ދެވޭނީ. އަޅުގަނޑު މިހުރީ ހަމަ ތައްޔާރަށް. ކޮންމެ ދުވަހަކުވެސް ދަސްކުރަމުން މި އަންނަނީ. ފުރަތަމަ ރާއްޖޭގެ ލެވެލްގައި ކުރިއަށް ދިޔުން. އޭގެ ފަހުން ބައިނަލްއަގްވާމީ ލެވެލްގައި ކުރިއެރުން. އެންމެ އަލްޓިމޭޓް ގޯލް އަކީ ހަމަ ފީފާ ބެޖު" މާހިން ބުންޏެވެ.

ރެފްރީ ކަމުގެ ތެރޭގައި މާހިންގެ ބައްޕަގެ ދައުރު އަދާކުރަމުން އަންނަ އިޒުހާން ވެސް މާހިންއާ މެދު ކުރަނީ ފޮނި އުއްމީދެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މާހިންގެ ކިބައިގައި މި ދާއިރާގެ އެންމެ އުހަށްދެވޭނެ ހިތްވަރު އެބަހުއްޓެވެ. ކޮންމެ މެޗަކުން ފެންނަމުން އަންނަ ކުރިއެރުމާ، މިކަމުގެ ކަންކަން އުނގެނެން މާހިން ބޭނުންވާ މިންވަރަކީ މާހިން "ފީފާ ބެޖު" ހޯދަން ކުރާ ދަތުރުގައި އެންމެ ބޮޑު އެހީއަށްވާނެ ކަންތައްތަކުގެ ގޮތުގައި އިޒުހާން ސިފަކުރި އެވެ.

އެފްއޭއެމް އިން ވެސް ފުޓްބޯޅައިގެ މުސްތަގުބަލަށް ކުރާ މަސައްކަތުގެ ތެރެއިން ޒުވާން ރެފްރީން ޑިވެލޮޕްކުރުމަށް އަހައްމިއްޔަތުކަމެއް ދެ އެވެ. އެ މަސައްކަތުގެ ތެރެއިން ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މާހިން ފަދަ މި ކަމުގެ ޝައުގުވެރިކަން ހުންނަ އަންހެން ރެފްރީން ވެސް ތިބުމެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ މީހުން މަދު ދާއިރާ އަށް ނުކުމެ މާހިން ޒުވާން އުމުރުގައިވެސް މި ދައްކައިދެނީ ނަމޫނާ އެކެވެ. ކާމިޔާބާ ހަމައަށް ދިޔުމަށް އޭނާ ގަދަ އަޅާ ކުރާ މަސައްކަތާއި، މިކަމަށް ހުރި ޝައުގުވެރިކަމުން އަންގައިދެނީ މި ދާއިރާގައި އޭނާގެ މުސްތަގްބަލް އުޖާލާ ކަމެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ރެފްރީންގެ ތެރެއަށް އުއްމީދީ ހިދުމަތްތެރިއެއް ފާޅުވިކަމުގެ ކުލަވަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox