ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒުކަމަށްވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖެއަށް އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ މަރުހަބާއެއް ކިޔާފަ އެވެ.
ރާއްޖެއަށް ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަކީ އިންޑިއާއަށް ނިސްބަތްވާ ސަންޖޭ ތޭޖަސް ކޮތަރީ ނަމަކަށް ކިޔާ ފަތުރުވެރިއެކެވެ.
ރާއްޖެއައި މި ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައި ވަނީ ދިވެހި ބޮޑުބެރުގެ ހަރަކާތުންނެވެ. އޭނާއަށް މަރުހަބާ ކިއުމަށް ނާއިބު ރައީސް ފައިޞަލް ނަސީމާއި، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދަކަށް ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" އެއްގައި، ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޯޑަރުތައް ބަންދުކުރުމުގެ ކުރިއަށް، އަހަރަކު އެވެރެޖް ގޮތެއްގައި އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އާދެ އެވެ. ކޮވިޑްގެ ހާލަތު އޮތް އެ އަހަރު ރާއްޖެ އައީ އެންމެ ފަސް ލައްކަ ޓޫރިސްޓުންނެވެ.
އޭގެ ކުރިއަށް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖެ އައީ 1.3 މިލިއަން ޓޫރިސްޓުންނެވެ.












