"އަލްއިޞްލާޙު"ގެ ފުރަތަމަ ޢަދަދުގައި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާންކުރެއްވި ދުވަސް ސިފަކުރައްވަމުން އެ ޤާނޫނު އަސާސީގެ ދަށުން އުފެއްދި ދުސްތޫރިއްޔަ ސަރުކާރުގައި މުހިއްމު ދައުރެއް އަދާކުރެއްވި އަޙްމަދު ކާމިލް ދީދީ ލިޔުއްވާފައިވެއެވެ.
"އެ ދުވަހަކީ މާތް އޯގާވަންތަ ރަސްކަލާގެ ފަޟްލުވަންތަވެރިކަމުން، މި ދިވެހިރާއްޖެ އާއި މި ރާއްޖޭގެ އެންމެހައި އަހުލުވެރިންނަށް ދަސްތޫރިއްޔަ ވެރިކަމަކާއި މިނިވަންކަމަކާއި، މަދަނިއްޔަތަކާއި، ތަހުޛީބާއި، ތަޢުލީމާއި އަދި މަދަނިއްޔަ ހަމަހަމަކަން ޙާޞިލުވީ ދުވަހެވެ."
ތެދެކެވެ. އެ ދުވަހަކީ، ތަހުޒީބީ ވިސްނުމެއްގެ ތަޢުލީމީ ދިވެހި ޒުވާނުންތަކެއް ޤައުމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ދުށް ހުވަފެނުގައި ކުލަޖެހުމުގެ މަލަމަތި ފެނުނު ދުވަހެވެ. އިންޤިލާބީ ބަދަލެއް ގެނައުމަށް ކުރަމުންދިޔަ މަސައްކަތުގައި ކާމިޔާބުގެ ސިއްކަ ޖެހި ދުވަހެވެ. އޭރުވެސް އުއްމީދާއެކު ކުރަހަމުންދިޔަ މި ރާއްޖޭގެ ތަޞައްވުރަކީ މިއަދުވެސް ސިޔާސީން ދައްކާ ތަޞައްވުރެވެ. ރައްޔިތުންގެ ޙައްޤުތަކުގެ ވާހަކައެވެ. އަދުލުއިންސާފުގެ ވާހަކައެވެ. ޢިލްމުވެރިންނާއި ކަމިވޮށީންގެ މަޝްވަރާޔާއެކުގައި މެނުވީ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ނިންމުންތައް ނުނިންމޭނެ ވާހަކައެވެ. ނުޙައްޤު އަދަބު ދީގެން ނުވާނޭ ވާހަކައެވެ. ވެރިން ހިތުހުރިހާ ގޮތަކަށް ވެރިކަން ނުކުރެވޭނޭ ވާހަކައެވެ.
ފުރަތަމަ ޤާނޫނު އަސާސީއާއެކު ތަޢާރަފުވެގެންދިޔައީ އޭރުގެ ދިވެހި އާބާދީގެ އަޣުލަބިއްޔަތާ ބީރައްޓެހި ޚިޔާލާތުތަކަކާއި، ޤަވާއިދުތަކަކާއި ޙުކުމްތަކެކެވެ. ލޮނުމެދު ފަޓާހުގެ ޤާނޫނާއި، ހިތިވިލޭރޭގެ ޤާނޫނާއި، ފޯހުއްޓުނު ޤާނޫނާއި، ސަމާގެ ޤާނޫނާއި، ބައިސްކަލު ދުއްވުމާއި ބައިސްކަލުން ކުރެވޭ ކުށްކުށުގެ ޤާނޫނާއި، ރާއްޖެއިން ބޭރުން އަންނަ ތަކެތި ބެލެހެއްޓުމުގެ ޤާނޫނާއި، ކަސްޓަމް ޑިއުޓީ ބޮޑުކުރުމުގެ ޤާނޫނާއި، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނާއި، ސިޓީގައި ޖަހާ ސްޓޭމްޕުގެ ޤާނޫނާއި، އަލްޕަކާ ފޮތީގެ ޤާނޫނުގެ ވާހަކަ އަޑުއިވުމުން ރައްޔިތުންގެ ބޮޑުބައެއް ތިބީ ވާނުވާ ނޭނގޭ ޙާލުގައެވެ. މޮޅުން ބުނީތީ، ބޮޑުން ބުނީތީ އާދެލައްބައިގައެވެ. އެހެނަސް ހިލޭ ލިބލިބި ހުރި ލަކުޑި ވިއްކަން ޤާނޫނު ހަދައި، ބާޒާރުގައި މިނެކިރުން އިސްލާޙުކުރާ ޤާނޫނު ހަދައި، ބިދޭސީ ވިޔަފާރިވެރިންނަށް ފިއްތުންތައް ކުރިމަތިކުރާ ޤާނޫނު ފަދަ ކަންތައްތައް ވެގެން ދިޔައީ އާޚިރުގައި އޭގެ ނޭދެވޭ އަސަރު ސީދާ ގޭބިސީތަކަށް އިހުސާސްކުރަންޖެހުނު ޤާނޫނުތަކަށެވެ.
މިއިން ބައެއް ޤާނޫނުތަކާ އެކު އުފެދުނު ބައެއް މައްސަލަތަކަށް ބަލާލަމާ ބަހީއެވެ. ފުރަބަންޑާރަ ލަކުޑީގެ ޤާނޫނާއެކު ލަކުޑި ކަނޑައި، ގަނެވިއްކުމުގެ ކޯޓާތަކަކާއި ޤަވާއިދުތަކެއް ވުޖޫދުވިއެވެ. މި ޤާނޫނެއް އައުމުގެ ކުރިން މިއީ ރައްޔިތުންނަށް ހިލޭ ލިބި ލިބި ހުރި ވަޞީލަތްތަކެވެ. ތައްކަށިލާން ކެރުނު މީހެއްގެ މިލްކިއްޔާތެކެވެ.
ފަޅުރަށްތައް ބަންޑާރަކުރުމުން މައްސަލަތައް ނިކުންނާން ފަށައިފިއެވެ. މިސާލަކަށް މިހާރުގެ ހއ. ދިއްދުވަކީ ކުރިން އުތީމު ރައްޔިތުންނަށް ދީފައި އޮތް ފަޅުރަށެކެވެ. އެހެންނަމަވެސް ދިއްދޫގައި މީހުން އާބާދުވާން ފެށުމުން ދެ ރަށުގެ ރައްޔިތުންގެ މެދުގައި މައްސަލަތައް އުފެދެން ފަށައިފިއެވެ. ދައުލަތައް އެންމެ އިންސާފުވެރި ހައްލެއް ކަމުގައި ފެނުނީ އުތީމުން ދިއްދޫ ވަކިކޮށް، އެއީ ބަންޑާރަ ރަށެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ގެރިބަކަރި ގެންގުޅޭ މީހުންގެ އަތުން ޓެކްސްނަގައި އެ ޓެކުހުން މީހުންނަށް މުސާރަ ދީގެން މަގުމަތި ސާފުކުރުމުގެ މަސައްކަތް ފައްޓުވައިފިއެވެ. މިއީވެސް އެއްބަޔަކު މާ ރުހޭ ކަމަކަށް ނުވިއެވެ.
އަދުގެ ތަހުޛީބަށް ފަރިތަ ސިކުނޑިތަކަށް، މި ޤަވާއިދުތަކާއި ޤާނޫނުތަކުން ގޯހެއް ނުފެނެއެވެ. އެހެންނަމަވެސް އޭރު، ޤަވާއިދަކުން ނުބަނދެވި، ބިމުގެ ވަޞީލަތްތައް ބޭނުންކުރަމުން އައި ދިވެހިންނަށް މި ޤާނޫނުތައް ފެނުނީ، މިނިވަންކަން ނަގާލާ ކަސްތޮޅުތަކެއްގެ ގޮތުގައެވެ.
މުޖުތަމަޢެއްގެ އާދަކާދަތަކަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތްކުރާ ބައެއްގެ އެންމެ މުހިއްމު ހަތިޔާރަކަށް ވާންވާނީ އެ ބަދަލުތަކަށް ރައްޔިތުން ހިތްޖައްސައި، ރުއްސައި، ހޭލުންތެރިކޮށް ފަރިތަކުރުމެވެ. ދަސްތޫރުގެ މޭސްތިރިން އެ މަސައްކަތް ކުރެއްވިއެވެ. ދުސްތޫރެއްގެ ބޭނުމާއި، އެއިން ލިބިދޭ ފައިދާތަކާއި، ރައްޔިތުންގެ ޙައްޤުތަކާއި ޒިންމާތައް ފޮތުގެ އަހުލުވެރިންނަށް ކިޔައިދެވޭތޯ އަދަބިއްޔާތުގެ އެހީގައި ގިނަ މަސައްކަތްތްކެއް ކުރެވުނު ކަން މިއަދުވެސް ފެންނާން އެބައޮތެވެ. އެހެންނަމަވެސް މުވާސަލާތީގޮތުން ނިސްބަތުން ނިކަމެތި އެ ޒަމާނުގައި އެހާ ކުރު މުއްދަތެއްގެ ތެރޭގައި މި ލިޔެކިޔުންތަކުގެ އަސަރު ފޯރާނީ ކިތައް ދިވެހިންނަށް ބާވައެވެ؟ އެ ޤާނޫނު އަސާސީ އުވި ދިއުމަށްފަހު މާޒީއަށް ފަސްއެނބުރި ބައްލަވައިލައްވަމުން، އޭރުގެ ވަޒީރެއްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަމީން ދީދީ ލިޔުއްވާފައިވާ ފަދައިން، އޭރު ދިވެހިން އުފެއްދީ ކަރުދާހަށް ޗާލު އެހެންނަމަވެސް ތަބާވާން ދަތި ޤާނޫނު އަސާސީއެކެވެ.
ކުށްވެރިންނަކީ ޤައުމަށްޓަކައި ހެޔޮ ތަޞައްވަރެއް ދުށް ޢިލްމުވެރިންހެއްޔެވެ؟ ޒުވާންކަމުގެ ޖޯޝްގައްޔާއި، "ދިވެހިރާއްޖެ ދުނިޔޭގެ އެންމެ މޮޅު ރަށަކާ އެއްގޮތްކޮށްލަން" ކުރި މަސައްކަތުގައި ޤައުމުގެ ބޮޑު މަންޒަރު ދެނެގަންނަން ނޭނގުނު ސިޔާސީން ހެއްޔެވެ؟ ނުވަތަ ސިޔާސީ އެދުންވެރިކަމުގައި އެމީހުންގެ މަސައްކަތްތައް ނާކާމިޔާބުކުރަން ފައިނެގި ކަމުވޮށިގެންވާ މީހުންހެއްޔެވެ؟ ނުވަތަ ތިމާމެންނާ ބީރައްޓެހި ޤާނޫނުތަކެއް ނެގެހެއްޓުމަށްޓަކައި ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ޤުރުބާންކުރަން ދެކޮޅުހެދި ރައްޔިތުންހެއްޔެވެ؟
އަމީން ދީދީ މި ވާހަކަތައް ސިފަކުރައްވަނީ އަމިއްލަ ނަފުސަށްވެސް ފާޑުވިދާޅުވާ ޙާލުގައެވެ. "ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް" މި ފޮތުގައި ހިތާމަވެރި ރާގަކަށް ލިޔުއްވާފައިވެއެވެ.
"އެދުވަސްވަރު އަޅުގަޑުމެން ތިބީ މީހެއްގެ އެހީތެރިކަން ބޭނުންވާ ވަރަށްވުރެ މާ މަތީ ދަރަޖައަކަށް 'ވިސްނިފައެވެ.' ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހިންގުންތެރިއެއްގެ އިރުޝާދަށް އެދޭ ވަރަށް ވުރެ 'ތަޖުރިބާ ލިބިފައެވެ'. އެހެންކަމުން... އާދޭހެވެ! ވާންވީގޮތް ވެދިޔައީއެވެ. ނަފްސުގެ ޢިއްޒަތްތެރިއަކު، ހަރުދަނާ ސިޔާސީ މުހައްނިކަކު، ޤައުމުގެ މާތް ޒަޢީމަކު، އަމިއްލަ ނަފުސަށް އިޙުތިރާމުކުރެއްވީއެވެ. ޤައުމީ ވާޖިބުތަކުގެ މައްޗަށް އަމިއްލަ އެދުންތަކަށް ތަރުޙީބުދެމުންދިޔަ މެމްބަރުންތަކެއް އުހެއްދި ސަރުކާރަކަށް ވާންވީގޮތް، ފުރަތަމަ ޤާނޫނީ ސަރުކާރަށް ވެދިޔައީއެވެ."
މައްސަލައަކަށްވީ އުއްމީދީ، އިސްލާޙީ އެޖެންޑާއެއް ނޫނެވެ. މައްސަލައަކީ އެ ޤާނޫނުތަކަށް ރައްޔިތުން އަހުލުވެރިވާނޭ ފުރުޞަތު ނުލިބުމެވެ. އެ ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދާނޭ ގެއްލުންތައް ފޫބައްދާނެ ވަގުތެއް ދެވިފައިނެތުމެވެ. އެ މައްސަލަތައް ހައްލުކުރާނޭ ގޮތެއް ވިސްނާފައި ނެތުމެވެ.
ދިވެހި ލަކުޑި ބޭނުންކުރުން ބޮޑު ޚަރަދަކަށް ވެއްޖެއެވެ. ގެރިބަކަރިން ނެގި ޓެކުހުގެ ބޭނުމެއް ނުވިސްނުނެވެ. ރާއްޖޭގައި މޫލައްވައިގެން ތިބި ބިދޭސީ ވިޔަފާރިވެރިންނަށް ފިއްތުންތައް މެދުވެރިކުރާން ފެށުމުން އޭގެ ގެއްލުން ލިބުނީ އެ މީހުންގެ މުށުތެރެއަށް ލާ ފިއްތާލާފައި ތިބި ދިވެހި ރައްޔިތުންނަށެވެ.
މައްސަލަ ބޮޑަށް ގޯސްވާންފެށީ އާގުބޯޓުގެ ބިލާއެކުގައެވެ. އަޙުމަދު ކާމިލު ދީދީ ވަކާލާތު ކުރެއްވީ ދިވެހި ދައުލަތައް އާގުބޯޓެއް މުހިއްމުވާކަމަށެވެ. ހަމަ އެދަނޑިވަޅުގައި އަމީން ދީދީ ވަކާލާތު ކުރެއްވީ ދައުލަތާއި ރައްޔިތުން އެކުވެ ކުންފުންޏެއް އުފެއްދުމުގެ މުހިއްމުކަމުގެ މައްޗަށެވެ. ބޮޑު މައްސަލައަކަށްވީ މި ދެ ބިލުންކުރެ ކުރިން ފާސްކުރަން ޖެހޭނީ ކޮން ބިލެއް ކަމެވެ. މިހާ ހިސާބުން މަޖިލީހުގައި ޚިލާފު އުފެދިއްޖެއެވެ. މިއަދުގެ ބަހުރުވައިންނަމަ ކާމިލްދީދީ ފެކްޝަނާއި އަމީން ދީދީ ފެކްޝަން އުފެދިއްޖެއެވެ. އާގުބޯޓު ފެކްޝަނާއި ކުންފުނީ ފެކްޝަނެވެ. ކޮންމެއަކަސް އާގުބޯޓުގެ ބިލު ފާސްވެ، އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކާމިލް ދީދީ ލަންކާއަށް ފުރާވަޑައިގެންފިއެވެ.
ވޯރާއިންގެ ކަންތައްތައް ހިލުނީ މި ދަނޑިވަޅުގައެވެ. ބިދޭސީ ވިޔަފާރިވެރިންގެ ޤާނޫނާ މެދު ހިތްހަމަނުޖެހި އެކަމާ ދެކޮޅަށް އަޑުއުފުލާން ފެށުމުން ސަރުކާރުން ގޮތްތަކެއް ހުށަހެޅިއެވެ. މި ގޮތްތަކަށް ވޯރާއިން ނުރުހުނެވެ. އެންމެ ބޮޑު ގެއްލުންވީ ވޯރާއިންގެ އިހުތިޖާޖާ ހުރެ މަސްނުކިރިފައި ތިބި އޮޑިވެރިންނާއި ފަޅުވެރިންނަށެވެ. ކަންކަން ބޮއްސުންލައިގެން ދާން ފަށައިފިއޭ ހީވުމުން ދަޢުލަތުން އިޢުލާންކުރީ "މާޝަލް ލޯ"އެވެ. އެއީ "ވިޔަފާރިވެރިންގެ ޖާނަށާއި، ރަށުގެ އަމަން ސަލާމަތްކުރުމަށް" ހިތުލައިގެންނެވެ. އެ ކަންތައްގަނޑަށް ކީ ނަމަކީ "މާޝަލް ލޯ ކަންތައްގަޑެވެ." ނިމުނީ އެއްބަޔަކު ކޮޅުނބަށް ފޮނުވާލައި، އަނެއްބަޔަކާއެކު ޒާތެއްގެ އެއްބަސްވުމަކަށް ގޮސްގެންނެވެ.
އުއްމީދުގެ ފިނި ވައިރޯޅިއަކުން ފެއްޓި އިންޤިލާބީ މަސައްކަތް، ހުޅަނގު މޫސުމުގެ ތޫފާނަކަށް ބަދަލުވަމުންދިޔައީ ބަލަބަލައިތިއްބައެވެ. ބައެއް ވަޒީރުން މަޖިލީހުގެ އަޤުލަބިއްޔަތަކަށް ނުބަލައި ނިންމުންތައް ނިންމާން ފަށައިފިއެވެ. "ރާއްޖެ ކުރިއަރުވަން" އަތުގުޅާލި ތަޢުލީމީ ޒުވާނުންގެ ބަދަހިކަމުގެ ތެރެއަށް ސިޔާސީ، ޚާންދާނީ ވާދަވެރިކަން ތޮރުފިގެންފިއެވެ. "މާޝަލް ލޯ ކަންތައްގަޑު" ނިމުނު އިރު ރައްޔިތުންގެ ނުރުހުމުގެ ބާރާއި ނުފޫޒު ރައްޔިތުންނަށް ދަސްވެއްޖެއެވެ. ރަދުންނާއި މަޖިލީހަށް ހަތަރުކަޅިހަމަކުރެވޭ ފަހަރަށްވުރެ ނުކުރެވޭ ފަހަރު ގިނަވެއްޖެއެވެ. މަޖިލީހާއި ވަކިވަކި ވަޒީރުން އެއްގަލަކަށް އެރުވުން ދަތިވެއްޖެއެވެ. ތާރީޚުގެ މި ދަނޑިވަޅު އަމީން ދީދީ ސިފަކުރެއްވީ މިގޮތަށެވެ. "ދައުލަތް ހިންގަން އިސްވެ ތިއްބެވި ބޭފުޅުންގެ މައްޗަށް، ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ލޯބި ދަނީ، މަޑުމަޑުން، އެކަމަކު ހަމަ ކަށަވަރުން ކުޑަވަމުންނެވެ."

މަޝްހޫރު "މޮޓަރުބޯޓު ގަޑުބަޑު" ނަމުން ނަންދީފައިވާ ބޯޓު އެމްވީ ފަތުހުއްސަލާމް
ހިޖުރައިން 1302 ވަނަ އަހަރުގެ ރަޖަބު މަހުގެ 20 ވަނަ ދުވަހެވެ. ރައްޔިތުން އެއްވެ އަޑުއުފުލަމުން ދިޔައީ ތިން ބޭފުޅަކު ފިޔަވައި ދެން ތިއްބެވި ހުރިހާ ވަޒީރުން މަޤާމުން ދުރުކުރުމަށެވެ. އިސްތިސްނާވި ތިން ބޭފުޅުން ކަމުގައިވާ އަލްއަމީރު މުޙައްމަދު ފަރީދު ދީދީ އާއި އަލްއަމީރު ޙަސަން ފަރީދު ދީދީ އާއި މުޙައްމަދު އަމީން ދީދީ އިސްތިސްނާވި ސަބަބާމެދު އަދިވެސް ޚިލާފުތައް އުފެދެއެވެ. ކޮންމެޔަކަސް ރައްޔިތުން މި އެދޭ ގޮތަށް ކަންކުރާކަށް މަޖިލީހުން ވެރިން އެއްބަހެއް ނުވިއެވެ. ދެންވެސް ރައްޔިތުން މައިދާން ދުލެއް ނުކުރިއެވެ. އެންމެ ފަހުން ރައްޔިތުން ނުރުހޭ ވެރިން ގޮސް އެރުވީ ފުރަން ތައްޔާރުކޮށްފައި އޮތް "މޮޓަރުބޯޓަށެވެ." އެ ރޭ އިވުނީ ދައުލަތުގެ ހުއްދައަކާ ނުލައި ނަގިލި ކަނޑާލައިގެން މިވެރިން ކޮޅުނބަށް ފުރައިގެން ހިނގައްޖެކަމުގެ ޚަބަރެވެ. އެހެންނަމަވެސް ޙަޤީޤަތަކީ އެމީހުން ފުރީ ދައުލަތުގެ މަންދޫބުންގެ އިރުޝާދަށް ކަމެވެ. މި ދެންނެވުނީ މަޝްހޫރު "މޮޓަރުބޯޓު ގަޑުބަޑު"ގެ އިންތިހާއަށް ކުރު ޚުލާސާއެކެވެ. މިހުރިހާ ކަންތައްގަނޑުތަކާއި ގަޑުބަޑުތައް ނިމުނު އިރު އެއްކަލަ ޤާނޫނު އަސާސީ އޮތީ ވީދާ ކުދިކޮށްފައެވެ. އެ ދަސްތޫރިއްޔަ ހުވަފެންތައް ވަނީ ފުނޑުފުނޑުކޮށްލާފައެވެ.
ދެން މާ ފަހުން، އޭގެ އެތައް އަހަރެއް ފަހުން މި ވާހަކަތައް ދެއްކުމުގެ ޙިކުމަތަކީ ކޮބައިތޯ ސުވާލު އުފެދިދާނެއެވެ. މާކުރީގެ ސިޔާސީ ވާހަކަތައް މި އާކޮށްކޮށްގެން ދައްކަނީ އަދުގެ ސިޔާސީ މަސްރަޙުގައި ދައްކާނޭ ވާހަކަ ނެތީމާބާވައޭ ހިތަށްއަރާފާނެއެވެ. އެއީ މާޒީން ޢިބުރަތް ޙާޞިލުކުރުމަށެވެ. ކޮންމެ ބަދަލަކަށްވެސް ބަޔަކު ފައި ނަގަނީ އުއްމީދުތަކާއި ހުވަފެންތައް ކޮނޑުއަޅައިގެންނެވެ. އިޚުލާސްތެރިކަން ދައްކަމުންނެވެ. މައްސަލައަކީ ވަކި ހިސާބަކަށް ދާއިރު، އެ ހުވަފެންތައް ކުލަކުރާނޭ ގޮތާމެދު ވިސްނިފައިނުވާކަން ރޭކާލުމެވެ. ބާރާއި ނުފޫޒުގެ ލައްޒަތުގެ އަވައިގައި ޖެހި މަސައްކަތުގެ މަޤްޞަދު އޮޅުމެވެ. ހަނދާން ނުހުންނަނީ ވެރިކަމަކީ އަމާނާތެއް ކަމެވެ. ވެރިކަން މި ކުރަނީ ބައެއްގެ ނަމުގައި ކަމެވެ. ޙަޤީޤީ ބާރުވެރިންނަކީ ރައްޔިތުންކަމެވެ.
ނިންމާލަމުން ނަކަލުކޮށްލާހިތް އޮތީ "މޮޓަރުބޯޓުގަޑުބަޑު" މި ފޮތުގައި މުޞައްނިފު، މުޙައްމަދު އިސްމާޢިލް ދީދީ ލިޔުއްވާފައިވާ ޢިބާރާތްކޮޅެކެވެ. މިއީ އެމަނިކުފާނު ކޮޅުނބުގައި ހުންނަވަނިކޮށް، ރަދުން ތަޚުތުން ދުރުކުރެއްވުނު ޚަބަރު ލިބުމުން، އެމަނިކުފާނުގެ ޑައިރީގައި ލިޔުއްވި ޢިބާރާތްކޮޅެކެވެ.
"މިދިޔަ އަހަރުގެ ރަޖަބު މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ޤާނޫނު އަސާސީ ވީދާލާފައި އެއްވެސް އިންސާފަކާއި ހަމައެއް ނެތި ހަޅޭފަޅޭލައި ރަށުގެ މާތް މީހުންގެ ގެދޮރަށް ވަދެ، ތަޅާ ސުންނާފަތިކޮށް، އަނެއްބައިމީހުން ރަށުން ފައްސައިނަގާލާފައި ރަދުންގެ ފަހަތްޕުޅަށް ދިޔަ ރައްޔިތުން މިއަދު ހަމަ އެ ރަދުން އެއްލާލާފައި ޤާނޫނު އަސާސީއަށް މި އެނބުރުނީ ކީއްވެގެންބާވައެވެ؟ މިއީ ކޮންމެއަކަސް ފަސޭހައިން ފިލާން ނެތް އަރަތެކެވެ."







