ދިވެހި ރައްޔިތުންގެ ޕާޓީ ރަސްމީކޮށް އުވާލުމުގެ އިޖުރާއަތުތައް ފުރިހަމަވަންދެން އެ ޕާޓީގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އަންގައިފި އެވެ.
އިލެކްޝަންސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ އުވާލުމަށް ނިންމުމުން މިއަދު އެ ޑީއާރްޕީގެ ލީޑަރުންނާ ބައްދަލުކޮށް އެ ވާހަކަ އަންގާފައިވާ ކަމަށެވެ. އަދި ޕާޓީގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި ޕާޓީ އުވާލުމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ލީޑަރުކަމުގެ ދަށުން ހިންގާ ޑީއާރްޕީ އުވާލަން ނިންމީ ސިޔާސީ ޕާޓީއެއްގައި ހަމަވާންޖެހޭ 3000 މެމްބަރުން ހަމަނުވުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް މުއްދަތެއް ދިނުމަށްފަހު ވެސް އެކަން ނުވެއްޖެ ނަމަ ކޮމިޝަނުން ޕާޓީ އުވާލަންޖެހެ އެވެ.
ޑީއާރްޕީއަކީ، އިސްލާހީ މަސައްކަތްތަކަށް ރާއްޖޭގައި ތާއިދު ލިބި ސިޔާސީ ޕާޓީތައް ހިންގުމަށް އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުއްދަ ދެއްވުމަށްފަހު ވެރިކަމުގައި ހުންނަވައިގެން އެމަނިކުފާނު 2005 ވަނަ އަހަރު ހެއްދެވި ޕާޓީއެކެވެ.
ނަމަވެސް 2008 ގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނު ރިޔާސީ އިންތިހާބަށް އިހްތިޔާރު ކުރެއްވި ރަނިންމޭޓް އަހުމަދު ތަސްމީން އަލީއަށް ޕާޓީ ގެއްލުނެވެ.

ޑީއާަރްޕީ ގެއްލުމުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުފެއްދެވީ މައުމޫން އިސްކޮށް ހުންނަވަ އެވެ. މައުމޫނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަކީ ޕީޕީއެމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މިހާރުގެ ލީޑަރެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނީ ގޮތުން ހުރަސްތަކެއް ކުރިމަތި ކުރުވުމުގެ ސަބަބުން ޕީޕީއެމް މައުމޫނަށް އަނެއްކާ ވެސް ގެއްލުނެވެ. ދެން އެމަނިކުފާނު މަސައްކަތް ކުރެއްވީ މައުމޫން ރިޕޯމް މޫވްމަންޓު ނުވަތަ އެމްއާރްއެމްގެ ނަމުގަ އެވެ. ހަމަ އެ އަކުރުތައް ބޭނުންކޮށްގެން މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ގޮތުގައި މިހާރު އެ ހަރަކާތް ވަނީ ސިޔާސީ ޕާޓީއަކަށް ބަދަލުކޮށްފަ އެވެ.











