އަލްޤާޟީ ޙަސަން ތާޖުއްދީން ރަސްރަސްކަލުންނަށް ދެއްވި ނަސޭހަތް

އަލްޤާޟީ ޙަސަން ތާޖުއްދީން ރަސްރަސްކަލުންނަށް ދެއްވި ނަސޭހަތް

"ތާރީޚު އިސްލާމި ދީބާ މަހަލް"ގެ މުޤައްދިމާގައި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ މުހިއްމު ބަސްފުޅެއް، އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު ދިވެހި ބަހަށް ތަރުޖަމާކުރައްވާފައި ވަނީ ތިރީގައިމިވާ ޢިބާރާތްތަކުންނެވެ.

ރައްޔިތުންގެ މައްޗަށް ވެރިވެއްޖެ ވަލިއްޔުލްއަމުރެއްގެ މިސާލަކީ ހަނގުރާމައިގެ މައިދާނަށް، ބިރެއްނެތި ފުންމާލާ ފަހުލަވާނެއްގެ މިސާލެވެ. ފަހެ އޭނާ ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ހުރެއްޖެނަމަ ހަނގުރާމަވެރިންގެ އަމާޒުފަތްގަނޑެއްކަމުގައި އޭނާ ވެދެއެވެ. ފުރަގަސްދީ ފިލަން ދުއްވައިގެންފިނަމަ، ޢަދާވާތްތެރިންގެ ހަމަލާތަކުން އޭނާ ވަރުބަލިކޮށްލައެވެ. ވީމާ ރައްޔިތުންގެ ވެރިކަން ލިބިގެން އެކަމާ މެދު އުފާ ކުރާނީ ހަވާނަފުސަށް ގެއްލިފައިވާ މޮޔައެކެވެ. އެހެނީ ވެރިކަމަކީ މަސްއޫލިއްޔަތެކެވެ."

މިއީ މީގެ އެތައް ޤަރުނެއް ކުރީން ތާޖުއްދީން ލިޔުއްވާފައިވާ ޢިބާރާތްތަކެކެވެ. އެހެން ނަމަވެސް މިއަދުވެސް، ރައްޔިތުންގެ މައްޗަށް އަމުރު މަޢުރޫފު ހިންގާ ފަދަ މަޤާމެއްގައި ހުންނަ ކޮންމެ މީހަކުމެ އަޑުއަހަންޖެހޭ ނަސޭޙަތެކެވެ.

"ތާރީޚު އިސްލާމި ދީބާ މަހަލް" ގެ އިހުގެ ތަރުޖަމާއަކާއި ފަހުގެ ތަރުޖަމާއެއް މިއަދު އަޅުގަނޑުމެންނަށް ފެންނާން އޮތް އިރު، ތާޖުއްދީން ލިޔުއްވާފައިވާ މި މުހިއްމު މުޤައްދިމާ ނުވަތަ "ދުނިޔެއާއި އާޚިރަތުގެ ކަންތައްތައް ތަރުތީބުކުރުމުގެ މޮޅު އުޞޫލު" ނުވަތަ "ރަސްރަސްކަލުންނަށް ދޭ ނަސޭހަތް"، މިބައި ތަރުޖަމާކުރެވި، ފޮތުގައި ހިމަނުއްވާފައިވަނީ ފަހުގެ ޢަދަދުގައެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނަކީ ދިވެހިރާއްޖޭގެ ރަސްކަމަށް "ކޯޅުނު ކޯޅުންތަކެއް" ހަމަލޮލުން ދެކެވަޑައިގެންނެވި އަދި ހެޔޮ ވެރިކަމެއްކުރުމުގެ ބަދަލުގައި ބާރާއި މަޤާމުގެ ބޭނުމުގައި ވެރިކަމަށް ބަޔަކު ހިންގި ކަންތައްގަނޑެއް ތަޖުރިބާކުރެއްވި ސިޔާސީ ޝަޚްޞިއްޔަތެކެވެ. ޢިލްމުވެރި ޙިކުމަތްތެރިއެކެވެ. ދިވެހި ތާރީޚު އަރިޝީފުކުރެއްވުމުގައި އެންމެ މުހިއްމު އެއް ދައުރު އަދާކުރެއްވި ބޭފުޅާއެވެ. ރަހުންނާއި ރަނިންގެ ވާހަކަތައް ތާރީޚަށްޓަކައި އަރުޝީފު ކުރައްވަން ފައްޓަވަމުން، ތާޖުއްދީން މި ވަނީ އިސްލާމީ ރަސްކަލެއްގެ ނުވަތަ ވެރިއެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް، ވަރަށް ސާދާ ޢިބާރާތުން، އިސްލާމީ ތާރީޚާއި ސުންނަތުން ހެކި ދައްކަވައިގެން، ލިޔުއްވާފައެވެ.

އެއީ މީލާދީން 18 ވަނަ ޤަރުނެވެ. ވިލާތާއި އެ ނޫން ހިސާބުތަކުގައިވެސް، ވާރިސީ ރަސްކަމަށް އޮތް ތާއީދު ކުޑަވެ، ޤާނޫނީ ރަސްކަމަށް ގޮވަން ފެށި ޒަމާނެވެ. ވެރިކަމަކީ ވާރުތަ މުދަލެއްކަމުގައި ޤަބޫލުކުރި ޤަބޫލުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި އިންޤިލާބީ ބަދަލުތައް އަންނަމުންދިޔައެވެ. އަދި ވެރިއެއްކަމުގައި ބަލައިގަނެވޭނީ ވަކި ނަޞަބާއި ހަސަބުގެ އިތުރުން، ވަކި ޝަރުޠުތަކެއް ހުރުމުންކަމަށް ބަލައިގަނެވެން ފަށައިފިއެވެ. ތާޖުއްދީންގެ ނަސޭޙަތުގައި މި ކަންކަން ފެނެއެވެ. ވެރިއެއްގެ މަސްއޫލިއްޔަތާއި، ވެރިއެއް ގައިގައި ހުރުން ލާޒިމު ސިފަތަކެވެ. ވެރިއަކަށް ލިބިދޭ އިމްތިޔާޒުތަކާއި ވެރިއަކަށް ވީތީ ވާންޖެހޭ ޤުރުބާނީތަކެވެ. މިއަދު، އޭގެ އެތައް ޤަރުނެއް ފަހުންވެސް، މި މުޤައްދިމާ، ވެރިކަމުގެ "އަތްމަތީ ފޮތަކަށް" ފުދެ އެވެ.

ތާޖުއްދީން ވިދާޅުވާ ރަސްކަމުގެ ރުކުންތައް ހަތަރެކެވެ. އެއީ

  • ދައުލަތުގެ ޚަޒާނާ
  • ލަޝްކަރު
  • ލަޝްކަރުގެ ބަދަހިކަން
  • ޢަދުލުވެރިކަން އަދި އަނިޔާވެރިކަމާ ދުރުވުން

މިއަދު އަޅުގަނޑުމެން ސިފަކުރާ ވެރިކަމުގެ 4 ބާރާ ތަފާތެވެ. އެހެންނަމަވެސް، ތާޖުއްދީން މި ރުކުންތަކުގެ ބުރަދަން ތަފާތުވާ ގޮތް ވިދާޅުވެފައިވުމުން، އެއްގޮތް ކަންތައްތަކެއް ވެސް އެބަހުއްޓޭ ދަންނަވާނޭ ޖާގަ ލިބެއެވެ. ދައުލަތުގެ ޚަޒާނާއަށް ވުރެ ލަޝްކަރުގެ ބާރު ގަދަކަމަށް ތާޖުއްދީން ވިދާޅުވެއެވެ. އަދި ލަޝްކަރުގެ ކުޑަ ބޮޑު މިނަށްވުރެ، އެ ލަޝްކަރުގެ އެއްބައިވަންތަކަމާއި ވަހުދަތުގެ ބާރު ގަދައެވެ. (މީގައި ލަޝްކަރު އެއީ މުޅި ރައްޔިތުގެ ގޮތުގައި މާނަކުރެވިދާނޭ ޖާގަ އެބައޮތެވެ.) އިތުރަށް ކިޔައިދެއްވަމުން އެމަނިކުފާނު ލިޔުއްވާފައިވެއެވެ. "އެއްބަޔަކު އަނެއް ބައެއްގެ މެދުގައި އަރައިރުންވެ ތަޅައިފޮޅައި އުޅޭ ބޮޑު ލަޝްކަރަކަށްވުރެ ބައިމަދު އެއްބައިވަންތަ ލަޝްކަރެއްގެ ބާރު ގަދަވާނެއެވެ." އެހެންނަމަވެސް އެއަށްވުރެވެސް ގަދަ ބާރެއްކަމުގައި ތާޖުއްދީން ވިދާޅުވަނީ އަނިޔާވެރިކަން ދޫކޮށްލުމާއި، ޢަދުލުވެރިވުމެވެ.

މި ރުކުންތައް ހަމަވޭތޯ ކަށަވަރުކުރުމަށް ކަންކުރާންވީ ގޮތްވެސް އެމަނިކުފާނު ވިދާޅުވެދެއްވައެވެ. އެގޮތުން، ދައުލަތުގެ ޚަޒާނާ ކަނޑައަޅަންވާނީ ރައްޔިތުންނަށް ބޭއިންސާފުނުވާނޭ ގޮތަކުން ކަމަށާއި، ޙައްޤުތައް ނިގުޅައިގަތުމާއި ނާޖާއިޒު ޓެކުހުން އެއްކިބާވާނޭގޮތަށް ކަމަށް ލިޔުއްވާފައިވެއެވެ. 18 ވަނަ ޤަރުނުގެ ނަސޭހަތެއް ކަމަކު ޚުދު މިއަދަށްވެސް މުނާސަބު ވާހަކަތަކެކެވެ. ވިދާޅުވެފައިވެއެވެ.

ވެރިއަކު ނަހަމަގޮތުގައި ރައްޔިތުންގެ އަތުން އަތުލާ ސަތޭކަ ދިރުހަމަށްވުރެ، އެ މީހުންގެ ޙައްޤުގައި ހޭދަކުރާ އެންމެ ދިރުހަމެއްގެ ހެއުކަންވެސް ބޮޑެވެ."

ޤައުމުގެ ލަޝްކަރު ޤާޟީ ތާޖުއްދީން ސިފަކުރައްވާފައިވަނީ ޤައުމުގެ ރައްޔިތުންގެ ގޮތުގައެވެ. އަދި ދައުލަތުގެ ޚަޒާނާއަކީ ރައްޔިތުންގެ މުއްސަނދިކަމާއި ލިބިފައިވާ އަމާންކަމަށް ބަރޯސާވާ ކަމެއް ކަމަށް ސިފަކުރައްވައި، ލަޝްކަރުގެ މުހިއްމުކަމުގެ ވާހަކަ ތަފްޞީލުކޮށް ވިދާޅުވެދެއްވާފައިވެއެވެ.

ލަޝްކަރުގެ މެދުގައި އެއްބައިވަންތަކަން ދެމި އޮންނާނީ މާތް ﷲގެ ނިޢުމަތްތަކަށް ރައްކާތެރިވުމުންނާއި ވެރިޔާއަށް ކިޔަމަންވުމުންކަމަށް އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ. މާތްﷲގެ ނިޢުމަތްތަކަށް ރައްކާތެރިވުމޭ އެ ވިދާޅުވަނީ، "މުއުމިނުންގެ ހިތްތައް އެކުވެރިކުރެއްވުން ވަނީ މާތްﷲ ދެއްވި ނިޢުމަތެއް" ކަމުގައި ވާތީއެވެ. އަދި ވެރިޔާއަށް ކިޔަމަންވުމޭ އެ ވިދާޅުވަނީ އިސްތިސްނާ ނުހިމެނޭގޮތަކަށްވެސް ނޫނެވެ. ވިދާޅުވެފައިވަނީ ލަޝްކަރުން ވެރިޔާއަށް ކިޔަމަންވާންޖެހޭކަން ދަންނަންވާނޭ ކަމަށާއި، ޝަރީޢަތް މަނާނުކުރާހާ ހިނދަކު ވެރިޔާގެ ބަހާ އިދިކޮޅުވެގެންނުވާނޭކަމަށް ނަސޭހަތްދެއްވަމުންނެވެ.

ދެން އޮތި ޢަދުލުވެރިކަން ޤާއިމުކުރުމަށް ވެރިން ކަންކުރާންވީ ގޮތެވެ. ވެރިކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް، ކަމުއޮށިގެންވާ ޢިލްމީ ބޭފުޅުންގެ ލަފާ ހޯއްދަވަން ވާނޭ ކަމަށާއި، ޢަދުލުވެރި ރަސްރަސްކަލުންގެ ހަޔާތްޕުޅުންތަޖުރިބާ އަދި ޢަދުލުވެރިކަން ނެތި ވެރިކަން ކުރި ރަސްރަސްކަލުންގެ ނާކާމިޔާބީއިން ޢިބްރަތް ހާސިލުކުރަންވާނޭކަމަށް ޤާޟީ ތާޖުއްދިން އިރުޝާދުދެއްވާފައިވެއެވެ. އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

މި ގޮތަށް ޚަލީފާވެރި ބޭކަލަކާމެދު ރިވާވެގެންވާ އަންނަނިވި ބަސްފުޅަށް ޢަމަލުކުރެއްވުން ހުއްޓެވެ. މި ބުނެވުނު ޚަލީފާގެ ކުރިފުޅުމަތީގައި ކަފުނާއި ކަފަޔާ ހިފައިގެން ތައްޔާރަށް ހުންނަ މީހަކު ބަހައްޓަވައެވެ. އެ މީހަކު އަޑުއުފުލަމުން މިހެން ގޮވައެވެ. 'އޭ އަމީރުލްމުއުމިނީނެވެ! ދެނެވަޑައިގަންނަވާށެވެ! މަރުވުމަކީ ހަމަ ކޮންމެ މީހަކާ ކުރިމަތިވާނެ ކަމެއްކަން ކަށަވަރެވެ.' އަދި ހަމަ އެފަދައިން އެ މަނިކުފާނު ގަނޑުވަރަށް ވެދެވަޑައިގަންނަވާ ހިނދު ކަފުނާއި ކަފަޔާ ފެނިވަޑައިގަންނަވާ ފަށުގައި ބަހައްޓަވައެވެ. އެއީ އަވަހާރަވާނޭކަން އެއްވެސް ޙާލެއްގައި ހަނދުމަފުޅުން ފުހެވިގެން ދިޔަ ނުދިނުމަށެވެ."

މުޤައްދިމާގެ މިހާހިސާބުން މި ދަނީ، އަޅުގަނޑުމެން އެކާވީސް ވަނަ ޤަރުނުގެ މީހުންނަށް ތަންކޮޅެއް ބަލައިގަންނަން ފަސްޖެހެވޭ ފަދަ ވާހަކަތަކަކަށެވެ. އެއީ ރަސްރަސްކަލުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާ ބެހޭބައެވެ. ތާޖުއްދީން ވިދާޅުވަނީ އެއީ ޖިސްމާނީ ބާރު ގަދަ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އެހެނީ "އޭނާގެ އަތްޕުޅުން އޭނާގެ ދުނިގަނޑު، އެކަކަށްވެސް އަތުލައިނުގަނެވޭ ފަދަ ހަށިކޮޅުގެ ބާރު ހުރި ބޭފުޅަކަށް" ވާންޖެހޭތީއެވެ. އަދި މި ފަދަ މީހަކަށް ވުމަށް ރަސްކަލަކު ކޮންމެހެން ކުރަންޖެހޭ ތިން ކަމެއް ތާޖުއްދީން ވިދާޅުވެއެވެ. އެއީ؛

  • ފަތިހުގެ ވަގުތުގައި ކަސްރަތުކުރުން
  • އެއްގަމު ޝިކާރަކުރެއްވުމާއި އަސް ދުއްވުމާއި އަމާޒަށްދުނިޖެހުން އަދި
  • އަނބިއަނބިކަނބަލުންނާއެކު ހޭދަކުރައްވާ ވަގުތު މަދުކުރެއްވުމެވެ.

ރަސްގެފާނު ވާން މި ޖެހެނީ ވަރަށް ގިނަ ސިފަފުޅުތަކެއް އެއްކުރައްވައިގެން ހުންނެވި އާދަޔާ ޚިލާފު މީހަކަށެވެ. ޙާކިމުގެ އަދަބުގެ ގޮތުގައި މިގޮތުން ހަ ކަމެއް ލިސްޓުކުރައްވާފައިވެއެވެ. ޚުލާސާކޮށްލާނަމެވެ.

  • އޭނާ އަކީ އެންމެ ހިތްވަރުގަދަ މީހާއަށް ވާންޖެހެއެވެ. ތަފްޞީލުކޮށްދެއްވަމުން ތާޖުއްދީން ވިދާޅުވެފައިވެއެވެ. "ޢަދުއްވުންނާމެދު ސުވާލުކުރާނަމަ ސުވާލުކުރަންވާނީ އެމީހުން ވީ ތަނަކާމެދުގައެވެ. އެމީހުންގެ ޢަދަދާ ބެހޭގޮތުންނެއް ނޫނެވެ."
  • އޭނާ އަކީ އެންމެ ދީލަތި މީހާ ކަމުގައިވާންޖެހެއެވެ. އެއީ އޭނާގެ ޒާތީ މުދަލުން ދީލަތިވަ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ދައުލަތުގެ ޚަޒާނާއިން ޚަރަދުކުރުމުގައި ދީލަތިވާންޖެހޭ ވާހަކައެވެ.
  • އޭނާ ވާންޖެހެނީ މީސްތަކުންގެ ތެރެއިން އަރާހުރި ޢިލްމުވެރިއަކަށެވެ.
  • ރަސްމީ ހެދުންކޮޅުގެ ބަދަލުގައި އާދައިގެ ހެދުމެއް ތުރުކުރައްވައިގެން (ނުވަތަ ކާކުކަން ނޭނގޭނޭގޮތަކަށް ހެދުން އަޅައިގެން) ރޭގަނޑުގެ އަނދިރިކަމުގައި ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުވައި، ރައްޔިތުން ވެރިންނާމެދު ދެކޭގޮތް ހޯއްދަވާ މީހަކުކަމުގައިވާންޖެހެއެވެ.
  • އޭނާ ނިދިކުރައްވަން ޖެހެނީ އަނިޔާ ލިބިފައިވާމީހަކު އަނިޔާ ލިބިގެން ގޮވައި ހަޅޭއްލާނަމަ، އެ އަޑު އިވޭ ހިސާބުގައެވެ.
  • އަދި އޭނާ ވާންވާނީ ކޮންމެ ތިން ދުވަހުން އެއް ދުވަހު ޖަލުގައި ތިބޭ ޤައިދީންގެ ޙާލު ބަލައި، އެމީހުންނާ މެދު ކަންކުރެވެނީ އިންސާފުންތޯ ކަށަވަރުކުރާ މީހަކަށެވެ.

މިތަނުން ބައެއް ކަންކަން، އެ ޒަމާނުގެ މާހައުލަށް ފެތޭގޮތަށް ލިޔެފައިހުރުމުން، އަޅުގަނޑުމެންގެ މި ޒަމާނީ، ބަވަނަ ވެފައިވާ ދުނިޔެއާއި ބީރައްޓެއްސެވެ. އެހެންނަމަވެސް، މިއަދުގެ ސިޔާސީ ބަހުރުވައިން ދަންނަވާނަމަ، އެ ވިދާޅުވަނީ ޢަދުލުވެރި ވެރިކަމެއް ކުރާ، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑުއަހާ، ދައުލަތުގެ މާލިއްޔަތަށް ނަޒާހާތްތެރި، އިންސާފަށް ލޯބިކުރާ، އަދި ރައްޔިތުންގެ ހައްޤުތައް ނަގަހައްޓާ، ޢަމަލުތަކަށް ޖަވާބުދާރީވާ ވެރިއެއްގެ ވާހަކައެވެ. މިއަދުގެ މާހައުލަށްވެސް މުނާސަބެވެ.

ތާޖުއްދީން ވިދާޅުވެފައިވާގޮތުން ރަސްކަމުގެ އިރު އޮއްސެން މެދުވެރިވާ ސަބަބުތަކަކީ؛ ސަރުކާރު ހިންގަމުންދާގޮތުގެ ޚަބަރު ރަސްގެފާނަށް ސިއްރުކުރުމާއި، ދަށުދަރަޖައިގެ މީހުން ގެންގުޅެ، އެމީހުންނަށް ސަރުކާރުގެ މަޤާމުތައް ދިނުމާއި، މުވައްޒަފުންނަށް އަނިޔާވެރިވުމެވެ. މި ވާހަކަތަކަށް މި ޒަމާންވެސް ބީރައްޓެއްސެން ނޫން ދެއްތޯއެވެ؟

ހަތް ވައްތަރެއްގެ މީހުން ރަސްގެފާނާ ގާތްނުކުރުމަށް ތާޖުއްދީން ނަސޭހަތް ދެއްވައެވެ. އެއީ؛ ހަސަދަވެރިންނާއި، ދަހި މީހުންނާއި، ދަށް ޚިޔާލުގެ މީހުންނާއި، ނެތިމޮށޭ މީހުންނާއި، ދޮގުވެރިންނާއި، ނިޢުމަތްތަކަށް ޝުކުރުނުކުރާ މީހުންނާއި ބޭކާރު، ހުސް އަނގަތަޅާ މީހުންނެވެ. އެއްވެސް މީހަކަށް ދެ ވަޒީފާއެއް ނުދެއްވުމަށާއި، އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށްވެސް ތާޖުއްދީން ރަސްރަސްކަލުންނަށް ނަސޭހަތްދެއްވިއެވެ.

މި މުޤައްދިމާގައިވާ ބައިތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުޤުވެރިކުރި އެއް ބަޔަކީ "އަމީރެއްގެ ކިބައިގައި ނަޢަމްސޫފީގެ ޚަޞީލަތްތަކުގެ ތެރެއިން 10 ކަމެއް ހުރުން އެދެވޭ"ކަމަށް ވިދާޅުވެ ލިޔުއްވާފައިވާ ބައެވެ. އެއީ؛

  • ހަނގުރާމައިގައި ނަމޫނާ ހިތްވަރާއި ޣީރަތްތެރިކަން ދެއްކެވުން
  • ކުކުޅު އޭގެ ފިޔޮއްތަކަށް އޯގާވާ ފަދައިން ޙާކިމާ ރައްޔިތުންނަށް އޯގާވުން
  • ސިންގާގެ ހިތެކޭ އެއްފަދަ ހިތެއް ލިބިފައިވުން
  • ކުރިމަތިލުންތަކުގައި މިނިކާވަގެކޭ އެއްފަދަވުން
  • ސިންގާތަކަކާ އެއްފަދައިން ހަމަލާދިނުން
  • އޭނާގެ ކެތްތެރިކަން، ޒަޚަމްވެފައިވާ ޝިކާރަމަތީ ކުއްތާއަކާ އެއްފަދަވުން
  • ގިނިކާމާދޫންޏަކާ އެއްފަދައިން ކުރާ ކަންތައްތަކުގައި ޝައުޤުވެރިވުން
  • މަކަރާއި ހީލަތްތެރިކަމުގައި ހިޔަޅަކާ އެއްފަދަވުން
  • ސަމާލުކަމުގައި ކާޅަކާ އެއްފަދަވުން
  • ޒަރާފާއެއް ފަދަ (މާ ހިމަތޮޅި ނޫން އަދި މާ ފަލަނޫން) ހަށިގަނޑެއް ލިބިފައިވުން

އަޅުގަނޑުމެން މި ދިރިއުޅޭ ޒަމާނުގައި، ވެރިއެއްގެ ކިބައިގައި މި ހުރިހާ ސިފައެއް ހުރުން ލާޒިމެއް ނުކުރަމެވެ. އެހެންނަމަވެސް އޭގެ ތެރެއިން ބައެއް ސިފަހުންނަ މީހުންނަށް އަޅުގަނޑުމެންގެ ވޯޓު އަތުލަން ފަސޭހަވާކަމީ ޙަޤީޤަތެވެ.

މީގެ އެތައް ސަތޭކަ އަހަރެއް ކުރީގެ ލިޔުއްވުމެކެވެ. ތަފްޞީލުކޮށްދެއްވާފައިވަނީ އޭރުގެ އަގުކުރުންތަކާއި އުޞޫލުތަކާއި އަދަބުތަކެވެ. މިއަދު، 21 ވަނަ ޤަރުނުގެ އަހަރުތައް ގުނަމުންދާއިރު، ވެރިކަމުގެ ވައްޓަފާޅިއާއި ވެރިންގެ ސިފަތަކަށްވެސް ގިނަ ބަދަލުތަކެއް އަތުވެއްޖެއެވެ. އިންޤިލާބީ ބަދަލުތައް އަތުވެއްޖެއެވެ. ވެރިކަމުގެ ރުކުންތައްވެސް ވަރަށް ތަފާތެވެ. އެހެންނަމަވެސް ބަދަލުނުވާ އަސާސަކީ ވެރިކަމަކީ ކޮންމެ ޙާލެއްގައިވެސް ރައްޔިތުންނަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމާއި، އެ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާކުރުމަށް އޭރުވެސް އަދި މިހާރުވެސް ހިތް ނިޔަތް ސީދާކުރަންޖެހޭ ވަކި މިސްރާބެއް ވާކަމަވެ. ތާރީޚު ދީބާ މަހަލްގެ މުޤައްދިމާގައި މި އިރުޝާދުތައް ދެއްވާފައި އެވަނީ އޮޅުމަކުން ނޫނެވެ. ވެރިން ވެރިކަން ކުރަން ޖެހޭނީ ޤައުމުގެ ތާރީޚުން ޢިބުރަތާއި ދަރުސްތައް ހާސިލުކޮށްގެން ކަމުގައިވާތީއެވެ. މިއަދުގެ ވެރިންވެސް، މި "މެނުއަލް" ކިޔާލުން އެދެވިގެންވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox