މެޑްރިޑް (ނޮވެމްބަރު 5) - ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމްގެ ސޮއި ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވަގުތު ޔޫރަޕް ފުޓްބޯޅައިގައި އެންމެ ޑިމާންޑް ބޮޑު ޒުވާން ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް އެއް ކުޅުންތެރިއަކީ ބެލިންހަމް، 19، އެވެ. މި ސީޒަނަށް ފަހު ބެލިންހަމް، ޑޯޓްމަންޑް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޓީމުތަކުގެ މެދުގައި ވާދަވެރިކަން ވެސް ބޮޑެވެ.
ބެލިންހަމް ގަންނަން އެންމެ ބޮޑަށް މަސައްކަތް ކުރާ ކްލަބްތަކަކީ ލިވަޕޫލާއި ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ރެއާލް އެވެ.
މީގެ ދެ އަހަރު ކުރިން 14 މިލިއަން ޑޮލަރުގެ ޕެކޭޖަކަށް ބާމިންހަމް ސިޓީ ދޫކޮށް ޑޯޓްމަންޑަށް ބަދަލުވި ބެލިންހަމް، މި ވަގުތު ޑޯޓްމަންޑްގެ ކޮންޓްރެކްޓްގައި ހުރީ 2025 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު، މި ސީޒަނަށް ފަހު ކެރިއަރުގެ އާ ޗެލެންޖެއް ނަގަން ބެލިންހަމް ޓީމު ބަދަލުކުރުުމުގެ ފުރުސަތު ބޮޑެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެލިންހަމް ހޯދުމުގެ ރޭހުގައި ރެއާލުން ކުރިއަށް ޖެހިލާފައިވަނީ ޑޯޓްމަންޑުން ކިޔާ އަގު ވެސް ދޭން އެއްބަސްވެގެންނެވެ. ބެލިންހަމްގެ އަގު 110-130 މިލިއަން ޑޮލަރަށް އަރާނެ އެވެ.
ރެއާލުން ބެލިންހަމް ބޭނުންވަނީ އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޓޯނީ ކްރޫސް އާއި ލޫކަ މޮޑްރިޗް ތެރެއިން ކުޅުންތެރިއަކު މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާނެކަމަށް ބެލެވޭތީ އެވެ.
ބެލިންހަމް ގަންނަން އޭނާގެ އޭޖެންޓާ އެކު މަޝްވަރާ ކުރަމުން އަންނަ އެއް ޓީމަކީ ލިވަޕޫލް އެވެ. އެކަމަކު، ޑޯޓްމަންޑުން ބެލިންހަމް ވިއްކާލަން ކިޔާ އަގުބޮޑުވާތީ، ލިވަޕޫލުން ބެލިންހަމްގެ ބަދަލުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ ކެޕްޓަން ޑެކްލަން ރައިސް އަށް ބިޑް ކުރުމުގެ ފުރުސަތު އެބައޮތެެވެ.












