ވިއެޓްނާމްގައި މިހާރު ކުރިއަށްދާ ފެެލެޓް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އެއް ވަނަ އަންހެން ޑަބަލްސް ޕެއާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ މިއަދު ފުރުސަތު ހޯދައިފި އެވެ.
މި މަހު އެއް ވަނަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ވިއެޓްނާމްގައި ކުރިއަށްދާ މި މުބާރާތުގައި ނަބާ އާއި ނަބީ ވަނީ އަންހެން ސިންގަލްސް ބައިގައި ވެސް ވާދަކޮށްފަ އެވެ. ނަބާ ވަނީ މިކްސް ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ޒަޔާން ޒަކީއާ އެއް ޕެއާއެއްގައި އެ އިވެންޓްގައި ވެސް ކުޅެފަ އެވެ. އަދި ޒަޔާން ވަނީ ފިރިހެން ސިންގަލްސްގައި ވެސް ވާދަކޮށްފަ އެވެ.
އަންހެން ޑަބަލްސް ބައިން ނަބާ އާއި ނަބީގެ ޕެއާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ދެ ވަނަ ބުރުގެ މެޗުން ވިއެޓްނާމްގެ ތީ ހޯއާ އަންޑޯ އާއި ތީ ހުއޯންގް ފަންގެ ޕެއާ އަތުން 21-12 އާއި 21-15 އިން މޮޅުވެގެންނެވެ. ކުއާޓާ ފައިނަލުގައި މާދަމާ ނަބާ އާއި ނަބީގެ ޕެއާ ކުޅޭނީ ވިއެޓްނާމްގެ ޕެއާއެއް ކަމަށްވާ، ކަން ލިން ޑާއޯ އާއި ތީ ފުއަން މައިޑޯގެ ޕެއާއާ ދެކޮޅަށެވެ.
ނަބާ އާއި ނަބީގެ ޕެއާ ވަނީ މި އަހަރު އިންޓަނޭޝަނަލް ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ޖުލައި މަހު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި އޮގަސްޓް މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕް ވެސް ހިމެނެ އެވެ. ވިއެޓްނާމް މުބާރާތަށް ދިއުމުގެ ކުރިން ނަބާ އާއި ނަބީ ވާދަކުރީ މިިދިޔަ މަހު މާލޭގައި ބޭއްވި އިންޓަނޭޝަނަލް ޗެލެންޖްގަ އެވެ.
ވިއެޓްނާމް މުބާރާުތުގެ ފިރިހެން ސިންގަލްސް ބައިން ރާއްޖޭގެ ޒަޔާން ބަލިވީ މެލޭޝިއާގެ ޝީއާ ޖެން ހޮން އަތުން 21-11، 21-07 އިންނެވެ. މިކްސް ޑަބަލްސް ބައިގައި ޒަޔާން އާއި ނަބާގެ ޕެއާ ބަލިވީ ދެ ވަނަ ބުރުގައި މެލޭޝިއާގެ ޓޭން މިން ކަން އާއި ސިންގަޕޫރުގެ ސެރީނާގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ 21-10، 21-07 އިންނެވެ.
އަންހެން ސިންގަލްސް ކެޓަގަރީގައި ނަބީ ބަލިވީ، މި މުބާރާތުގައި ހަަތަރު ވަނަ އަށް ސީޑުކޮށްފައިވާ ވިއެޓްނާމްގެ ތީ ތިރަންގް އަތުން 21-06، 21-07 އިންނެވެ. ނަބާ ބަލިވީ ވިއެޓްނާމްގެ ތީ އާން ތުރަން އަތުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރިކޮށް ދިޔައިރު، ތީ އާން ތުރަން މޮޅުވީ 22-20 އިންނެވެ. އަދި ދެ ވަނަަ ސެޓު 21-14 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.
ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން އަންނަނީ އަހަރެއްގެ މައްޗަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.












