އެފްްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ރޭ އެމްއެސް މޭޓްސް އަތުން 9-0 އިން މޮޅުވެ، ކްލަބް ވެލެންސިއާ އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައި، ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މޮޅާ އެކު ވެލެންސިއާ އެއް ވަނައިގައި އޮތީ ހަތް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު މިހާރު އޮތީ ވެލެންސިއާ އާއި މާޒިޔާ އަށެވެ.
ލީގުގެ ފަހު މެޗުތައް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުޅޭއިރު, ޗެމްޕިއަންކަން ކަށަވަރުވާ މެޗު މިހާރު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ. އެ ގޮތުން އެރޭ ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ވެލެންސިއާ އަށް ޗެމްޕިއަންކަން ހޯދޭނެ އެވެ. މާޒިޔާ އަށް ޗެމްޕިއަންކަން ލިބެން އޮތީ ވެލެންސިއާ އަތުން މޮޅުވެގެންނެވެ.
ވެލެންސިއާ އިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެފަ އެވެ. މާޒިޔާ ހަތް މެޗުގެ ތެރެއިން, މޮޅުވީ ހަ މެޗުންނެވެ. ސަސްއާ ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން މިނިޓެއް ވެސް ނުވަނީސް ވެލެންސިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިިދިނީ އަލީ އިލާން އަހުމަދު އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ވެސް އިލާން އަހުމަދު ވަނީ ވެލެންސިއާގެ ލީޑުފުޅާކޮށްދީފަ އެވެ.

ރޭ އެމްއެސް މޭޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ވެލެންސިއާގެ އީތަން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވެލެންސިއާގެ އަނެއް ހަތް ގޯލު ޖެހީ މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް ތަފާތު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ އީތަން އިބްރާހިމް ޒަކީ އާއި އިލާން އިމްރާން އެވެ. ދާދި ފަހުން 17 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު އީތަން ވަނީ ރޭގެ މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.
ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅޭ ވެލެންސިއާ ޓީމުގައި މި ފަހަރުގެ ޔޫތު މުބާރާތުގައި ވިދަމުން އަންނަ ކުޅުންތެރިއަކީ، އިލާން އިމްރާން އެވެ. އިލާން، 13، ވަނީ މިހާތަނަށް ވެލެންސިއާ އިން ލީގުގައި ކުޅުނު ހަތް މެޗުން 34 ގޯލު ޖަހައިފަ އެވެ. ވެލެންސިއާ އިން މުބާރާތުގައި މިހާތަނަށް ވަނީ 75 ގޯލު ޖަހައިފަ އެވެ. އެ ޓީމު ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.
ސާދަ އަހަރުން ދަށުގެ ޔޫތު ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެޑްވެންޗާސް ފުޓްބޯލް އެކެޑަމީން ވަނީ 5-0 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީން 5-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ހުޅުމާލެ ޔޫތު ސްޕޯޓްސް އަތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވީ 6-0 އިންނެވެ.
ސަސް އަށް ލީގުގެ ދެ ވަނައިގައި ނިންމުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ ފަހު މެޗުގައި މާޒިޔާ އަތުން ވެލެންސިއާ ބޮޑު ތަފާތަކުން މޮޅުވެ، ސަސް ކުޅޭ ފަހު މެޗުން ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީ އަތުން ބޮޑު ތަފާތަކުން ކާމިޔާބު ހޯދައިފިނަމަ ސަސް އަށް ދެ ވަނަ ލިބޭނެ އެވެ.
ސަސް މި ވަގުތު ތިން ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެޑްވެންޗާސް ފުޓްބޯލް އެކެޑަމީ އާއި ފަސް ވަނައިގައި އޮތް އެމްއެސް މޭޓްސް އަށް ވަނީ ހަތް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީ އަށް ލިބިފައިވަނީ ހަތް މެޗުން ނުވަ ޕޮއިންޓެވެ. ހަތް ވަނައިގައި އޮތް ބީޖީ ސްޕޯޓްސް އަށް ލިބިފައިވަނީ ހަތް މެޗުން ހަ ޕޮއިންޓެވެ. އަށް ވަަނައިގައި އޮތް ހުޅުމާލެ ޔޫތު ސްޕޯޓްސް އާއި ނުވަ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. ދަ ގްރާންޑޭ އަށް ވަނީ ހުރިހާ މެޗެއް ނިމިފަ އެވެ.









