އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގު ފަހު މެޗުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 4-0 އިން ބަލިކޮށް، ކްލަބް ވެލެންސިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިރޭގެ މެޗަށް ނުކުތްއިރު، މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ލިބެން އޮތީ ވެލެންސިއާ ބަލިކޮށްގެންނެވެ. އެއްވަރުކޮށްލައިގެން ވެސް ތަށި ހޯދެން އޮތް ވެލެންސިއާ މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު އެވެ.
ޖުމްލަ ނުވަ ޓީމު ވާދަކުރި ލީގުގެ ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދީ ކުޅުނު އަށް މެޗުން ވެސް މޮޅުވެ، 24 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އިން މުބާރާތުގައި ޖުމްލަ އެކު، 79 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ ދެ ގޯލެވެ.
މާޒިޔާ، މިރޭ ފަރަގު ބޮޑުކޮށް ބަލިވުމުން އެ ޓީމު ލީގު ނިންމާލަން ޖެހުނީ ލީގުގ ތިން ވަނައިގަ އެވެ. ދެ ވަނަ އަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ތިން ވަނަ އަށް ދިޔަ މާޒިޔާ އަށް ލިބުނީ 19 ޕޮއިންޓެވެ. ލަނޑުގެ ތަފާތަަށް ބަލާއިރު، ސަސްގެ 22 ލަނޑު އޮތްއިރު، މާޒިޔާގެ އޮތީ 19 ލަނޑެވެ.

ވެލެންސިއާގެ ކެޕްޓަން އަޔާން (ކ) މާޒިޔާގެ ކުުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ހަތަރެއްގައި އޮތް އެޑްވެންޗާސް ފުޓްބޯލް އެކެޑަމީ އަަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އެމްއެސް މޭޓްސް އަށް ލިބުނީ 10 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީ އަށް ލިބިފައިވަނީ ނުވަ ޕޮއިންޓް ލިބުނުއިރު، ހަތް ވަނައިގައި އޮތް ބީޖީ ސްޕޯޓްސް އަށް ވެސް ނުވަ ޕޮއިންޓް ލިބުނެވެ. އަށް ވަަނައިގައި އޮތް ހުޅުމާލެ ޔޫތު ސްޕޯޓްސް އާއި ނުވަ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ވެލެންސިއާގެ ފުރަތަމަ ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އީތަން އިބްރާހިމް ޒަކީ ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން އަރިމަތިން އޭރިއާތެެރެއަށް ބޯޅަ ހިފައިގެން ވަދެ، ވެލެންސިއާގެ އަހުމަދު ކައިން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.
ވެލެންސިއާގެ އިލާން އިމްރާން އެ ޓީމަށް ގޯލެއް ޖަހައިދިންއިރު، އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
އިލާންގެ ފުރަތަމަ ގޯލު ބަލައިނުގަތް ނަމަވެސް އޭނާ ވަނީ ދެން ލިބުނު ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. މިއީ ކޯނަރަކުން އިލާން އަށް ޖައްސާލި ބޯޅަ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އިލާން ޖެހި ގޯލެކެވެ. މިއީ މި ފަަހަރުގެ މުބާރާތުގެ އަށް މެޗުން އިލާން ޖެހި 35 ވަނަ ގޯލެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރީ އިލާން އެވެ.

ވެލެންސިއާގެ އިލާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވެލެންސިއާގެ ފަހު ގޯލުގައި ފެނުނީ އިލާން އާއި އީތަންގެ ކޮމްބިނޭޝަން އެވެ. އިލާން އޭރިއާތެެރެއަށް ހުސްކޮށްލާފައި ދިން ބޯޅަ އީތަން ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ، ވެލެންސިއާގެ އިލާން، އީތަން، ކައިން، އަހުމަދު މިފްޒާލް އަދި ޔޫސުފް އަޔާން އާމިރްގެ އިތުރުން މާޒިޔާގެ މުހައްމަދު ލާމިހު އިމްތިޔާޒާއި ލޫތު ބިން ސައުތު، ސަސްގެ އަބްދުﷲ އައިދާން ސާޖިދު އާއި މުހައްމަދު ޝަޔާން ޝިފާއު، އަލީ ހައިޒޫމް ހަސަން އަދި އެޑްވެންޗާސް ފުޓްބޯލް އެކެޑަމީގެ މުހައްމަދު ޖައިޝް ޖައުދު އެވެ.
އެންމެ މޮޅު ކޯޗަކަށް ވެލެންސިއާގެ ސޮބާހު މުހައްމަދު ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީ އެވެ.












