ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މިހާރު ކުރިއަށްގެންދާ ލީގުގައި ދެބައިކުޅަ އެއްބައި މެޗުތައް ނިމިފައިވާއިރު، ލީގު ތާވަލު މިހާރު ފެންނަން އޮތް ގޮތުން ޗެމްޕިއަންކަމަށް އޮތީ ހަތަރު ޓީމުގެ ރޭހެކެވެ.
ލީގުގައި ވާދަކުރާ ނުވަ ޓީމުގެ ތެރެއިން ހަތަރު ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، ފަސް ޓީމެއް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ލީގުގެ ގަދަ ހަތަރު ޓީމަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.
ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ހަތަރު ވަނައިގައި އޮތް އެމްއެސް މޭޓްސް އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ސަސް އިން ހަތަރު މެޗުން އެ އަދަދަށް ޕޮއިންޓް ހަމަކުރިއިރު، އެމްއެސް މޭޓްސް ވަނީ ފަސް މެޗު ކުޅެފަ އެވެ.

އެފްއޭއެމް ޔޫތު ލީގުގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާ ޔޫތު ފުޓްބޯޅައިގެ މުހިންމު މި މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތީ ވެލެންސިއާ އެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވެލެންސިއާ މޮޅުވެފައިވާއިރު، އެ ޓީމުން ވަނީ 48 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ގޯލެއް ވަދެފައިނުވެ އެވެ.
ލީގުގެ ރޭހުގައި ދެން އޮތް ޓީމުތަކަށް ބަލާއިރު، މާޒިޔާ ވަނީ އާއި ސަސް އަށް ވަނީ އެއް މެޗުން އެއްވަރުވެ، ޕޮއިންޓް ގެއްލިފަ އެވެ. އެމްއެސް މޭޓްސް ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އަދި އެއް މެޗުން ބަލިވެފަ އެެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔޫތު ލީގުގައި ދެން ވާދަކުރަނީ އެޑްވެންޗާސް ފުޓްބޯލް އެކެޑަމީ، ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ބީޖީ އެކެޑަމީ އަދި ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީ އެވެ.
މީގެ ތެރެއިން އެޑްވަންޗާސް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެެކެޑަމީ، އެއް މެޗުން މޮޅުވެފައިވާއިރު، ބީޖީ، ދަ ގްރާންޑޭ އަދި ހުޅުމާލެ ޔޫތު ސްޕޯޓްސް އަށް އަދި މޮޅެއް ނުލިބެ އެވެ.
މިއީ އެފްއޭއެމުން މި އަހަރު ބާއްވާ ޔޫތު ފުޓްބޯޅައިގެ ތިން ވަނަ މުބާރާތެވެ. އެ ގޮތުން 19 އަހަރުން ދަށުގެ ޔޫތު މުބާރާތުގެ ޗެމްޕިއަަނަކީ އީގަލްސް އެވެ. އަދި 16 އަހަރުން ދަށުގެ ޔޫތު މުބާރާތް ކާމިޔާބުކުރީ ވެލެންސިއާ އިންނެވެ.









